ރައީސް ނަޝީދު ޤާނޫނީ ވަކީލުންނާ ބައްދަލުކުރެއްވުމަށް ހުރަސް އެޅުމާ ގުޅޭ ނޫސް ބަޔާން

ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރެލް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރައްވައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ބޭއިންސާފުން ޝަރީޢަތް ހިންގަވައި 13 އަހަރުގެ ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންނާ މާފުށީގައި ބައްދަލުކުރުމަށް ސަރުކާރުން ހުރަސް އަޅުއްވަމުން ގެންދަވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ބުދަ ދުވަހު މާފުށީ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދެއްވުމަށް އިންކާރުކުރެއްވިއެވެ. އަދި ވިދާޅުވީ ދެން ބައްދަލުކުރެއްވޭނީ ކުރިއަށް އޮތް މަހުގެ ތެރޭގައި ކަމެވެ.

ޤަނޫނީ ވަކީލުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވުމުގެ ފުރުޞަތު މިއަދުން ފެށިގެން މެދުކަނޑާފައިވާއިރު އިރު، ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ފަރާތުން އެމަނިކުފާނު ބަންދުކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި އދ އަށް ބުރާސްފަތި ދުވަހު މައްސަލަ ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނުގެ ބައިނަލްއަޤްވާމީ ވަކީލުންނާ ފޯނުން ވާހަކަ ދެއްކެވުމުގެ ހުއްދަ ސަރުކާރުން ދެއްވާފައި ނުވާ ހިނދު، ބައިނަލްއަޤްވާމީ ވަކީލުންނާއި އެމަނިކުފާނާ މުޢާމަލާތް ކުރެވެނީ ޤާނޫނީ ވަކީލުން މެދުވެރިކޮށެވެ. މިފަދަ ބޮޑު މައްސަލައެއް ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަށް ހުށަހެޅޭ ހިނދު އެމަނިކުފާނާ ޤާނޫނީ ވަކީލުންނާ ބައްދަލުކުރެއްވުމަށް ހުރަސްއެޅުއްވުމަކީ މި މައްސަލަ އދ. އަށް ހުށހެޅުމަށް ހުރަސް އެޅުއްވުން ކަމުގައިވެސް ދެކެމެވެ.

ޤާނޫނު އަސާސީގެ 51 (ބ) ގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބެންވާނެކަމާއި އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެކަމަށާއި 53 ވަނަ މާއްދާގައި ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައި ބަޔާންކޮށްފައިވާހިނދު ބުދަ ދުވަހު އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުން ހުއްޓުވައި ހުރަސް އެޅުއްވުމަކީ ޤަނޫނު އަސާސީން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޙައްޤުން މަހްރޫމް ކުރުވުމަށް ސަރުކާރުން ޤަސްދުގައި ރާވައިގެން ކުރެވޭ ކަމެކެވެ. އަދި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންނާއި ބައްދަލުކުރުމަށް ސަރުކާރުން ހުރަސް އެޅުމަކީ އެމަނިކުފާނުގެ ބައިނަލްއަޤްވާމީ ވަކީލުން ކުރައްވާ މަސައްކަތަށް ކަނޑައެޅިގެން ހުރަސް އެޅުމަށް ކުރަމުންގެންދާ ޤާނޫނު އަސާސީއާ ޚިލާފް ކަމެކެވެ.

What do you think?

Name (required) :

Email (required) :

Website :