އދގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް އާ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްދަލުކުރައްވައިފި

zeid

އދ ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ޒެއިދް ރަޢާދް އަލް ހުސެއިން އާ ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްދަލުކުރައްވައިފިއެވެ. ޖެނީވާގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރގެ އޮފީހުގައި ބުދަ ދުވަހު އޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދިވެހިރާއްޖޭގެ ހަނިވެ ހީނަރުވަމުން އަންނަ އިންސާނީ ޙައްޤުތަކުގެ ޙާލަތާމެދުއެވެ. ބޭއިންސާފުން ޝަރީޢަތް ހިންގައި އެތައް ސަތޭކަ ރައްޔިތުންގެ މައްޗަށް ނުޙައްޤުން ދަޢުވާ ކުރެވި ސިޔާސީ މަޤްޞަދުގައި ހުކުމްތައް ކުރަމުން ގެންދާތީ އެކަމާ މެދު ލައިލާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަވެސް ލައިލާ ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދާ މެދު ޝަރީޢަތް ހިންގުނު ގޮތާއި މެދުއާއި އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅާމެދު ހައިކޮމިޝަނަރ ސުވާލުކުރެއްވިއެވެ. އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރގެ އޮފީހުން ދިވެހިރާއްޖޭގެ ޙާލަތު ބައްލަވަމުން ގެންދަވައި އެކަން ޙައްލުކުރެއްވުމަށް ހައިކޮމިޝަނަރ ޒެއިދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ލައިލާ ޝުކުރު އަދާ ކުރެއްވިއެވެ.

ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީގެ އަރިހުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޖެރެޑް ގެންސަރ ބައިވެރިވެވަޑައިގަތެވެ.

What do you think?

Name (required) :

Email (required) :

Website :