ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް މަޙްފޫޒް ސަޢީދުގެ ނޫސް ބަޔާން

4 ސެޕްޓެމްބަރު 2015 ދުވަހު އަޅުގަނޑަށް ދިން ޙަމަލާއާ ގުޅޭ.

4 ސެޕްޓެމްބަރު 2015 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަޅުގަނޑަށް ދިން ހަމަލާއަށް ފަހު، މިހާރު އަޅުގަނޑުގެ ހާލު ރަނގަޅުވަމުން އަންނަ ވާހަކަ ހެޔޮއެދޭ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑަށް ދިން ހަމަލާ ކުށްވެރިކޮށް، އަޅުގަނޑަށް ހެޔޮ ދުޢާ ކުރެއްވި އެންމެހައި ފަރާތްތަކަށް ހިތުގެ އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މިހާރު ސިލޯނުގައި ކުރިއަށްދާ ބޭސްފަރުވާގެ ކަންތައްތައް ނިމުނުހާ އަވަހަކަށް އަޅުގަނޑު އެނބުރި މާލެ ދާނޭ ވާހަކަވެސް ދަންނަވަމެވެ.

އަޅުގަނޑަށް ދިން ހަމަލާއާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެކިއެކި ފަރާތްތަކަށް ތުޙުމަތުގެ އިނގިލިތައް ދަނީ ދިއްކުރެވެމުންނެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެއްކުމަށް ނުފޫޒު ހުރި ފަރާތްތަކުން ބާރު އަޅަމުން ގެންދެއެވެ. އެހެންނަމަވެސް، އެގޮތަށް ވާހަކަ ދައްކައިގެން އަޅުގަނޑަށް ލިބޭނޭ އިނާމަކަށްވުރެ، އިންސާފަށްޓަކައި ވަކާލާތުކުރުން އަޅުގަނޑު އިސްކުރާ ވާހަކަ އެފަރާތްތަކަށް އަޅުގަނޑު ވާނީ ދަންނަވާފައެވެ.

އަޅުގަނޑަށް ދެވުނު ހަމަލާގެ ސަބަބަކީ ކޮބައިކަން ފުލުހުން ތަޙްޤީޤް ކޮށްދެއްވުމަކީ މިމައްސަލައިގައި އަޅުގަނޑު އެދޭ ގޮތެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރުވެސް މިމައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތައް ފުލުހުން ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މިއަދާހަމައަށް އައިއިރުވެސް، މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅުގަނޑާ އެއްވެސް ސުވާލެއްވެސް ކޮށްލާފައެއް ނުވެއެވެ.

މިހަމަލާއަކީ އަޅުގަނޑުގެ ޒާތީ ކަމަކާ ގުޅިގެން ދެވިފައިވާ ޙަމަލާއެއް ނޫންކަން ސާބިތުކަމާއެކު ދަންނަވަމެވެ. އަދި އަޅުގަނޑު ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރާ އެއްވެސް މައްސަލައަކާ ގުޅިގެން މިފަދަ ހަމަލާއެއްގެ އިންޒާރު އަޅުގަނޑަށް ލިބިފައެއް ނުވެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އަޅުގަނޑު ކުރަމުންދާ މަސައްކަތަކީ، އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތެވެ. އަދި ސިޔާސީ ޕޯޑިއަމްތަކުގައި އަޅުގަނޑު ދައްކާ ވާހަކަތަކަކީ އެމް.ޑީ.ޕީ ގެ މެންބަރަކަށްވީތީ، އަދި އެ ޕާޓީގެ ޤާނޫނީ ކޮމިޓީގެވެސް މެންބަރަކަށްވީތީ އަޅުގަނޑު ހިތުގައި އުފެދޭ ޝުޢޫރުތަކެވެ. އެއީ އަނިޔާވެރިކަމާ ދެކޮޅަށް ދިވެހި އެތައް ރައްޔިތުންނެއް ވަމުންދާ ޤުރުބާނީތަކުގެ ތެރޭގައި ހިމެނޭ ކުޑަކުޑަ ހިއްސާއެކެވެ.

އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގައި ޢަދުލު އިންސާފާއި، ޑިމޮކްރެޓިކް ހަމަތައް ޤާއިމުކުރުމަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން ފަސްނުޖެހި، ޙައްޤު އިންސާފު ލިބެންދެން ސާބިތުކަމާއެކު މަސައްކަތުގައި ދެމިތިބުމެވެ. އަޅުގަނޑުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ރައީސް މުޙައްމަދު ނަޝީދު ޖަލުގެ ތޭރިތަކުން މިނިވަން ކުރުމަށްޓަކައި އަޅުގަނޑު ކުރަމުން އައި މަސައްކަތް ކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ވާހަކަ މިރުފުޞަތުގައި ދަންނަވަމެވެ.

What do you think?

Name (required) :

Email (required) :

Website :