ރައީސް މުޙަންމަދު ނަޝީދު ހައިކޯޓަށް ހުށަހޅުއްވާފައިވާ މައްސަލައިގެ އަޑުއެހުން ކެންސެލް ކުރުމާ ގުޅިގެން ރައީސް ނަޝީދުގެ އޮފީހުން ނެރޭ ބަޔާން

ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިންގަމުން ގެންދާ ޝަރީޢަތުގެ ޤަޟިއްޔާ ބެއްލެވުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ފަނޑިޔާރުންގެ ބެންޗްގެ މައްސަލައާ ގުޅޭ ގޮތުން، ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު މެންދުރުފަހު 2.45 އަށް ތާވަލުކުރައްވައި ކުއްލިގޮތަކަށް އެއަޑުއެހުން ވަނީ ކެންސަލް ކުރައްވާފައެވެ. ހައިކޯޓުން ވިދާޅުވެފައިވަނީ އެމައްސަލައިގެ އަޑުއެހުން ކެންސެލް ކުރައްވަން ޖެހުނީ އެމައްސަލަ ބައްލަވަމުން ގެންދަވާ އެއް ފަނޑިޔާރަކު  ސަލާމުގައި މިވަގުތު ހުންނެވީމާކަމުގައެވެ

މިމައްސަލައިގެ އަޑުއެހުން ތާވަލުކުރައްވާފައިވަނީ 7 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ނަޝީދު މާޅޮސްމަޑުލު އުތުރުބުރީގައި ރިޔާސީ ކެމްޕޭން ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވަނިކޮށެވެ.  އަދި ވަރަށް ކުއްލިގޮތަކަށް ތާވަލުވެ، މާލެ ވަޑައިގެންނެވުމާއެކު ޝަރީޢަތުގެ އަޑުއެހުން މިއަދު ކެންސެލް ކުރެއްވުމުން އެތައް ގެއްލުންތަކެއް އެމަނިކުފާނުގެ ކެމްޕެއިނަށް ލިބި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކެމްޕެއިން ކުރުމުގެ ޙައްޤު ހަނިވެފައިވާކަމީ މިއޮފީހުން ނުހަނު ކަންބޮޑުވާކަމެކެވެ

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ވަކި ތާވަލެއް އެކުލަވާލެވިގެ ކުރިއަށް އާންމުކޮށް އަންގަވައިގެން ރައީސް ނަޝީދު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވަމުން ވަޑައިގަންނަވާތީ އެކަން ކުރެއްވުމަށް ކޯޓުން ޗުއްޓީއަކަށް އެދިވަޑައިގެންފައި ވީނަމަވެސް އެޗުއްޓީ ދެއްވާފައި ނުވާކަންވެސް  މިހިނދުގައި ފާހަގަ ކުރަމެވެ

“ދިވެހިރާއްޖޭގެ ކޯޓުތަކުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ 50،000 އެއްހައިާ މެންބަރުންގެ އިންތިޚާބީ ޙައްޤަށް އަރައިގަންނާތީ އެކަން ކުށްވެރި ކުރަން. މިހާރުވެސް ރައީސް ނަޝީދު ރ.އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު މެދު ކަނޑާލައްވަން ޖެހުމުގެ ސަބަބުން ނުހަނު ގެއްލުން ދައްކާ. ނަމަވެސް މިކަން މިގޮތަށް ކުރުމުން ރައީސް ނަޝީދު ސިހިވަޑައެއްނުގަންނަވާ. ޖޭއެސްސީން ވެސް ދަނީ އެމީހުން ހުޅުމާލެ ކޯޓުގެ ބެންޗު އައްޔަން ކުރުމުގައި ގެންގުޅުނު ޣައިރު ޤާނޫނީ ޢަމަލުތައް ފޮރުވުމަށް ޝަރީޢަތަށް ނުފޫޒު ފޯރުވަމުން. އަދި ކޯޓު ތަކުންވެސް ރައީސް ނަޝީދުގެ ކެމްޕޭނަށް މިގޮތަށް އެތައް ހުރަހެއް އަޅާ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅާއެކު ރައީސް ނަޝީދު އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރައްވާނެ” ރައީސް ނަޝީދުގެ ތަރުޖަމާނު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ

ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިތުމުން އެއްކިބާ ކުރުމަށް ދައުލަތުގެ ފަރާތުން ސިޔާސީ މަޤްޞަދެއްގައި ރޭވިގެން ހިންގޭ މިފަދަ ނާތަހުޒީބީ ޑިމޮކްރަސީއާ ޚިލާފު ޢަމަލުތައް މިއޮފީހުން ކުށްވެރިކުރަމެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއި ހަމަޖެހުން އިސްކުރައްވައި ޞުލްޙަވެރި މިނިވަން އިންސާފުވެރި އިންތިޚަބެއް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދައުލަތުގެ އެންމެހާ މުވައްސަސާތަކުންވެސް ކުރެއްވުމަށް މިއޮފީހުން އިލްތިމާސް ކުރަމެވެ

What do you think?

Name (required) :

Email (required) :

Website :