ފުލުހުންނާއި ސިފައިންނަކީ ދިވެހިރާއްޖެއަށް ކޮންމެހެން ބޭނުންތެރި ބައެއްކަމަށާއި އެއީ ޤައުމީ ޚިދުމަތެއް ކުރަން ޖެހޭ ބައެއްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ފުލުހުންނާއި ސިފައިންނަކީ ކޮންމެހެންވެސް ދިވެހިރާއްޖެއަށް ބޭނުންތެރި ބައެއްކަމަށާއި އެއީ ވަރަށް ބޮޑެތި އަދި ވަރަށް ރަނގަޅު ޤައުމީ ޚިދުމަތެއް ކުރަން ޖެހޭ ބައެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ތ.ވިލުފުށީގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ވިލުފުށީގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިންނަކީ ބަޣާވާތް ކުރަން ތިބޭ ބައެއް ނޫން ކަމަށާއި ފުލުހުންނާއި ސިފައިންގެ މަސްއޫލިއްޔަތަކީ ވެރިކަން ދެމެހެއްޓުން ކަމުގައެވެ. “އެމީހުންނަކީ ދިވެހިރާއްޖޭގެ ވެރިކަމަށް ބައެއް ގެންނާން ތިބޭ ބައެއް ނޫން. ވެރިކަން ދަމަހައްޓާން ތިބޭ ބައެއް” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވެރިކަމަކީ ރައްޔިތުންގެ އުފައްދާ ކަމެއް ކަމަށާއި ރައްޔިތުންގެ ބާރުން އުފެދޭ ވެރިކަމެއް ނޫނި ދިވެހިރާއްޖޭގައި އުފައްދައިގެން ނުވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރައްޔިތުން އިންތިޚާބު ކުރި ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު އެކަމުގެ އަގަކީ ރަށު ތަރައްޤީކަމުގައެވެ. “ބަޣާވާތައްފަހު ދެން ޚަރަދު ކުރާން ފެއްޓީ އެބަޣާވާތް ފޫ ބައްދާން. އެކަން ކުރި ބަޔަކަށް އޭގެ ހަމަ އަގު ދައްކައިދޭން” ރައީސް ނަޝީދު ވިދާޅުވިއެވެ. ބަޣާވާތް ކުރުމަށްފަހު ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށް ރަށު ތަރައްޤީއާ އަޅާނުލެވިވަކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ހެދި ރަށު ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަންކަން ނުކުރެވިފައިހުރި ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.  އެގޮތުން ވިލުފުށީގައި އެމްޑީޕީ ސަރުކާރުން އެޅުމަށް ނިންމެވި މަސްމާރުކޭޓާއި ބާޒާރު ބަނދަރު މަސައްކަތާއި ހައިސްކޫލްގެ މަސައްކަތް ނުކުރެވި ވިލުފުށްޓާއި އަދި ތ.އަތޮޅުގެ ގިނަ ރަށްތަކުގައި އެޅުމަށް ނިންމާފައިވާ ގެތަކުގެ މަސަކަތް ބަޣާވާތުގެ ފަހުން ހުއްޓިފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ދިވެހިރައްޔިތުން ބޭނުންވަނީ ތަރައްޤީކަމަށާއި އެއީ އިޖުތިމާޢީ ރައްކާތެރިކަން ލިބުމާއި، ޢާންމު ޚިދުމަތްތައް ރަނގަޅުކުރުމާއި ޑިމޮކްރަސީގެ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ. އަދި މަދު މީސްކޮޅަކަށް ބޮޑު ބާރެއްދީގެން އެމީހުންނަށް ބޮޑު ޚަރަދެއްކޮށްގެން ރައްޔިތުން އޮބަހައްޓައިގެން ވެރިކަން ކުރާކަށް ރައްޔިތުން ބޭނުންނުވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ވިލުފުށީގައި ވަޒީފާގެ ފުރުޞަތު އިތުރުވެގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއިން ހުށައަޅާ ސިޔާސަތުތަކުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުރުވާނެ ކަމުގައި ވިދާޅުވިއެވެ. ގެސްޓުހައުސް އަދި ކަނޑުގޮވާމުގެ ސިޔާސަތުގެ ސަބަބުން އިތުރު ވިޔަފާރިތައް އުފެދި ރަށުގައި ވަޒީފާގެ ފުރުޞަތުތައް އުފެދޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް މިހާރަށްވެރު ގިނަ ބާރުތައް ކައުންސިލްތަކަށް ދެއްވާނެ ކަމުގައިވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އެތައް ސަތޭކަ އަހަރުތަކެއް ވަންދެން މާލޭގައި ހިފެހެއްޓިފައިވާ ވެރިކަމުގެ ބާރު އެމްޑީޕީ ސަރުކާރުން ކައުންސިލްތަކަށް ދޭން ފެއްޓުނު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :