ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ވަންދޫ، ހިރިލަންދޫ އަދި ކަނޑޫދޫއަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑީމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ވަންދޫ، ހިރިލަންދޫ، އަދި ކަނޑޫދޫ މިއަދު ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ސިޔާސަތުތައް ހުށައަޅުއްވައި، ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭންގައި މަސައްކަތް ކުރައްވާ ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމެވެ.

މިއަދު އެންމެ ފުރަތަމަ ރައީސް ނަޝީދު ވަޑައިގެންނެވީ ތ. ވަންދޫއަށެވެ. ވަންދޫއިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ވަންދޫ އެމްޑީޕީ ކެމްޕޭން ޖަގަހަ ރައީސް ނަޝީދު ހުޅުވައިދެއްވުމަށްފަހު ރައްޔިތުންނާއި މުޙާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ސަރުކާރެއްގައި ބަލިވާ ކޮންމެ ފަހަރަކު މުޅި އާއިލާ މާޔޫސްވާން ނުޖެހޭނެކަމަށެވެ. އަދި މަހުގެ އަގު މިހާރުގެ ސަރުކާރުގައި ވަރަށް ބޮޑު ތަން ދަށަށް ގޮސްފައި ވާތީ އެކަމަށް އަލި އަޅުއްވާލައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ވެރިކަން ވައްޓާލި އިރު މަހުގެ އަގު ހުރީ ކިލޯއެއް 20 ރުފިޔާއާއި 25 ރުފިޔާއާއި ދޭތެރޭ ކަން ފާހަގަ ކުރެއްވިއެވެ. އެއަށްފަހު ވަންދޫ އެމްޑީޕީ ކެމްޕޭން ޓިމާ ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ.

ވަންދޫއަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ތ. ހިރިލަންދޫއަށެވެ. ހިރިލަންދޫއިންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ހިރިލަންދޫ ކެމްޕޭން ޖަގަހަ ހުޅުއްވަވާދެއްވުމަށްފަހު އެމަނިކުފާނު ވަޑައިގެންނެވީ ހިރިލަންދޫ ބަނދަރު ސަރަހައްދު ބައްލަވާލެއްވުމަށެވެ، އަދި އެރަށު މަސްކައްކާ ސަރަހައްދުވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. ރައީސް ނަޝީދު ހިރިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވަވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ހިރިލަންދޫގެ ތަސްވީރެއް އެމަނިކުފާނުގެ އަތްޕުޅުގައި ވާކަމަށް ވިދާޅުވިއެވެ. އަދި ހިރިލަންދޫއަށް މިހާރު އެންމެ ބޭނުންވަނީ ބާޒާރު ބަނދަރަކާއި އައިސް ޕްލާންޓެއްކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ހިރިލަންދޫ ކެމްޕޭން ޓީމާ ރައީސް ނަޝީދު ބައްދަލު ކުރެއްވުމަށްފަހު މިއަދުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން އެމަނިކުފާނު ވަޑައިގެންނެވީ ތ. ކަނޑޫދޫއަށެވެ. ކަނޑޫދޫއިންވެސް އެމަނިކުފާނަށް ނުހަނު ބޮޑު ތަރުހީބަކާއި ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ކަނޑޫދޫގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ދިދައެއްވެސް ނަންގަވައިދެއްވާފައެވެ.

މިރޭ ކަނޑޫދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :