މަތީ ތަޢުލީމުގެ ރަންޒަމާނެއް އަލުން އާލާ ކުރައްވާނެ ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ވެރިކަމެއްގައި މަތީ ތަޢުލީމުގެ ރަންޒަމާނެއް އަލުން އާލާ ކުރައްވާނެކަމަށާއި މަތީ ތަޢުލީމުގެ ފުރުޞަތަށް އެދޭ ހުރިހާ ދިވެހިރައްޔިތުންނަށް އެފުރުޞަތު ހޯއްދަވައިދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާދިއްޕޮޅު ނައިފަރުގައި “ދިވެހި ޢިލްމުވެރީން: ދިވެހީންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށް”، އެމްޑީޕީގެ މަތީ ތަޢުލީމުގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް މަދަރުއްސަތުލް އިފްތިތާޙްގައި ބޭއްވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

“ދިވެހި ޢިލްމުވެރީން” ސިޔާސަތު އިފްތިތާޙްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީއަކީ ބޮޑުހިލަ ބަނދަރާއި ދިހަބުރި އިމާރާތް ނޫން ކަމުގައެވެ. އަދި ދިވެހިރާއްޖެ ތަރައްޤީކުރަމަށް މިއަދު އެންމެ މުހިއްމު އެއްކަމަކީ މަތީ ތަޢުލީމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިނުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލް ކުރާ މިންވަރު 40% އަށް މަތިކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ތިން އަހަރުގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީގެ ޤަނޫނު އެކުލަވާލެވި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑއުކޭޝަން ޔުނިވަރސިޓީއަށް ބަދަލުކުރެވި އެޔުނިވަރސިޓީގެ އެކިއެކި ފެކަލްޓީތައް މިހާރު ޤާއިމު ކުރެވިފައި ހުރި ތަންތަނުގެ އިތުރުން ރާއްޖޭ ހުރިހާ ހިސާބެއްގައިވެސް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާ ކުރެވިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޔުނިވަރސިޓީގައި އިސްލާމިކް ފެކަލްޓީ އިތުރަށް ހަރުދަނާ ކޮށް ތަރައްޤީކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގަައި ތަރައްޤީވެ ކުރިއަރަމުން އަންނަ އެއްދާއިރާކަމުގައިވާ ބޯޓު ބަނުމުގެ މަސައްކަތް އިތުރަށް ތަރައްޤީ ކުރުމަށް ބޯޓު ބަނުމުގެ ޚާއްޞަ ސެންޓަރެއް ޤާއިމްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި ގިނަ ޑޮކްޓަރުން މިއަދު ތަމްރީނު ވަނީ އަވަށްޓެރި ޤައުމުތަކުންކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ދިވެހި ޑޮކްޓަރުންނާއި ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމަށް މެޑިކަލް ކޮލެޖެއް ޤާއިމުކުރައްވާނެކަމުގައެވެ. އަދި އެތައް ޒަމާނަކަށް ދެމިގެން އައިސްފައިވާ ދިވެހި މަސްވެރިކަމުގެ ޢިލްމު 21 ވަނަ ގަރުނަށް ފެތޭ ގޮތަށް ފައްކާވާން ޖެހޭ ކަމުގައި ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ “ދިވެހި ޢިލްމުވެރިޔާ”ގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި ފިޝަރީޒް އިންސްޓިޓިއުޓެއް ޤާއިމު ކުރައްވާނެ ކަމުގައެވެ. ދިވެހި ޒުވާނުންގެ ތަރައްޤީއާ ގުޅިފައިހުރީ ބޯޅަދަނޑުގެ ފަސްގަނޑު އެއްވަރު ކުރުން އެކަނި ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހުނަރުވެރި ކުޅިވަރު ޢިލްމުވެރިން ބިނާކުރުމަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސްޕޯޓްސް ކޮލެޖެއް ޤާއިމުކޮށްދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ނައިފަރުގެ ބޭއްވި މި ޙަފްލާގައި ވާހަކަދައްކަވަމުނެ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަތީ ތަޢުލީމު ޙާޞިލްކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާގެ ދަތިކަން ކަމުގައެވެ. އަދި އެކަން ޙައްލުކުރުމަށް އެމްޑީޕީގެ ސަރުކާރުގައި ހަޔަރ އެޑިއުކޭޝަން ސޭވިން ސްކީމެއް ހުޅުވާނެކަމަށާއި އެކަމަށް ސަރުކާރުން ފަސް އަހަރުގެ ތެރޭގައި 120 މިލިއަން ރުފިޔާ ހަމަޖައްސަވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މާލީ އެހީ ބިނާވާނީ އެ ރަށަކަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީނު ގެ ފުރުސަތުތައް އެރަށެއްގެ ކައުންސިލުން ފާހަގަ ކޮށް، ލޯނާއި ސްކޮލަރޝިޕްތައް ދޫކުރުމުގެ ކަންކަން ހިންގާނީ ސީދާ ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ އެމްޑީޕީގެ އަމާޒަކީ ރަށުގައި ހުނަރު ބިނާކޮށް ރަށަށް އެންމެ ފައިދާ ލިބޭ ގޮތަކަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ލިބިގެން ދިއުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށް ޖުމްލަ 6150 ޒުވާނުންނަށް މަތީ ތައުލީމް ހޯދުމަށް ލޯނާއި ސްކޮލަރޝިޕް ދިނުމަށް ފަސް އަހަރުގެ ތެރޭގައި 500 މިލިއަން ރުފިޔާ ކަނޑައެޅޭނެ ކަމުގައި ވިދާޅުވިއެވެ.

މަތީ ތަޢުލީމު ޙާސިލް ކުރުމަށް އެދޭ ފަރާތްތަކަށް ތަރައްގީގެ ބޭންކުން ތައުލީމީ ލޯނުގެ ގޮތުގައި 118 މިލިއަން ރުފިޔާ ދިނުމަށް ކަނޑއަޅުއްވާނެ ކަމަށާއި ހާއްސަ ލޯން ސްކީމްގެ ދަށުން 2000 ދިވެހި ދަރިވަރުންނަށް އެމްބީބީއެސް ހަދަން ޔުނިވާސިޓީއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދޭއްވާނެ ކަމަށާއި، ރާއްޖޭގައި މަތީތައުލީމު ހާސިލްކުރާ ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންގެ ކޯސްފީ ސަރުކާރުން ދައްކާދިނުމުގެ ޕްރޮގްރާމެއް ހިންގަވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޮންމެ ދަރިވަރަކުވެސް ލޯން އަނބުރާ ދައްކާއިރު މަހެއް މައްޗަށް އާމްދަނީގެ %8 އަށް ވުރެ މަތި ނުވާނެ ގޮތަށް ހަމަޖައްސަވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑިގްރީ ފެންވަރުގެ 300 ސައެންސް ޓީޗަރުން؛ 300 ގުރްއާން މުދަރިއްސުން؛ ޑިގްރީ ފެންވަރުގެ 500 ނަރުހުންނާއި 200 ފާމަސިސްޓުން ތަމްރީނުކުރައްވާނެ ކަމަށާއި ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލީޓެކްނިކްގެ ލެކްޗަރަރުން ތާޒާކުރުމުގެ ޕްރޮގްރާމް ހިންގޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ މަތީ ތަޢުލީމުގެ ސިޔާސަތުގެ ތެރެއިން ޖުމްލަ 17،350 ކުދިންނަށް ތަމްރީނު ދެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ޒުވާނުންގެ ތެރެއިން މާޔޫސްވެ ވަޒީފާނެތިފައި ތިބޭ ކުދިންނަށް މަތީތަޢުލީމުގެ ފުރުޞަތު ހޯދައިދޭން ޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވ. އަދި އޯލެވެލެ ނިމުމުން އެހިސާބުން ދޫނުކޮށް 20-25 އަހަރު ވަންދެން މަތީ ތަޢުލީމު ދެވެން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީން އެދޭ ބަދަލު ގެނެވޭނީ މަތީ ތަޢުލީމު ފޯރުކޮށްދީގެން ކަމަށާއި ދިވެހިރާއްޖެ މިހިސާބަށް ގެނެސްދިން އަލިގަދަ ދަންމަރު އިތުރަށް އަލިގަދަކޮށް 21 ވަނަ ގަރުނަށް ނެރެދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :