އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރައްވާފައިވާ ކަންކަން ބެއްލެވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނާއި ޤަވަޢިދާ ޙިލާފަށް ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުތައް ފާހަގަކުރައްވާފައިވާ ހުރިހާ ކަންކަން އޭސީސީންވެސް ބައްލަވާ ޕްރޮސެކިއުޓަރ ޖެނެރަލްވެސް ބައްލަވައި އެކަމުގައި ފިޔަވަޅު އެޅުއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ “ހެންވޭރު އެއްބުރުން” މި ނަމުގައި ސޯސަންމަގުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ މުއްދަތުގައި 31 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު އޭގެ ތެރެއިން 6 ޕަސެންޓް ފައިސާ މާލިއްޔަތު ޤަވާޢިދާ ޚިލަފަށް ކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އިޝާރާތް ކުރައްވާ ކަމަށާއި މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތް ނުވީމާ އަދި އޭގެ މާނައަކީ އެއީ ކޮރަޕްޝަނެއް ނުވަތަ ޖިނާޢީ ކުށެއް ކުރީކީ ނޫން ކަމަށެވެ. އަދި އެއީ ކަރަޕްޝަނަން ނުވަތަ ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އެއްވެސް ފަރާތަކުން ބުނެފައިވާ ނުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ކަންކަމުގައި ދައުލަތަށް ލިބުނު މާލީ ގެއްލުމެއް ކަނޑައަޅާނީ އެކަމާއި ގުޅޭ ތަޙްޤީޤަކަށް ފަހުގައި ކަމަށާއި އެމްޑީޕީންވެސް ބޭނުންވަނީ އޮޑިޓަރ ޖެނެރަލްވެސް އޭސީސީއަށް ހުށަހަޅުއްވައިގެން އެފަދަ ކަންކަން ތަޙްޤީޤް ކުރެއްވުމަށް ކަމަށާއި އަދި އެފަދަ ކަމެއް ސާބިތުވާ ފަރާތަކާމެދު ޙައްޤު އަދަބު ލިބުން ކަމަށް ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާ ބައެއް ރިޕޯޓްތަކުން މިސާލު ނަންގަވަމުން ރައީސް ނަޝީދު ވާހަކަފުޅުގައި 13.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 259 ކުދިންނަށް ކިޔަވައިދެވުނު ވާހަކައެއް އޮޑިޓަރ ޖެނެރަލް ފާހަގަ ކޮށްދެއްވައިފާވާ ކަމަށާއި އެކަން އެއަށްވުރެ ބޮޑަށް އޮޑިޓަރ ޖެނެރަލް ތަފްޞީލް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ރައީސް ނަޝީދު ވިދަޅުވީ ހުނަރު ޕްރޮގްރާމް އަކީ 8500 ކުދިންނަށް ހުނަރެއް ހޯދައި ދިނުމަށް އެކަށައެޅުނު ޕްރޮގްރާމެއް ކަމަށާއި އެކަން ކުރުމަށް ފުރަތަމަ ކުރެވުނު ޚަރަދު ތަކަކީ ކެޕިޓަލް ޚަރަދު ކަމަށާއި އެހެން ނަމަވެސް ބަޣާވާތް ކުރުމާއެކުގައި އެ ހުނަރު ޕްރޮގްރާމް ހުއްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމްއަށް އެންރޯލްވެފައި ތިބި ކުދިންނަށާއި އަދި ކިޔަވަން އެދިފައި ތިބި ކުދިންނަށްވެސް ކިޔަވައި ދެވިފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ކުދިންނަށް ޕްރޮގްރާމް ނިމުންނަމަ އޭރު ކޮށްފައިވާ އަންދާޒައަކީ ކުއްޖަކަށް ގާތްގަނޑަކަށް 8000 ރުފިޔާ އިން މި ހުނަރު ޕްރޮގްރާމް ނިންމޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީންވެސް އެދެނީ އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާ ކަންކަން މިހާރަށްވުރެ ބޮޑަށް ތަފްޞީލް ކޮށްދެއްވުމަށެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ “އަޅުގަނޑު ޔަޤީންކޮށް އަރުވަން ރާއްޖޭގެ އެންމެ ރައްޔިތުންނަށް އަޅުގަނޑު ތިބޭފުޅުންގެ ލޯ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން” ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގެވެސް ބޭނުމަކީ، އެދުމަކީ ސަރުކާރުގެ ހުރިހާ ފައިސާއެއްވެސް ރަގަޅަށް އެކައުންޓްވެފައި ހުރުން އަދި ޚަރަދު ބަރަދު ދެފުއް ފެންނަ ގޮތަށް ކުރެވިގެން ދިއުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރު ހިންގާން ފެށުނީ އާ ޤާނޫން އަސާސިގެ ތަންފީޒު ކުރާން ހަމަ ފެށުމާއި އެކުގައި ކަމަށާއި އަޅުގަނޑުމެންނަކީ ފުރަތަމަ މިނިވަން މުޢައްސަސާތަކާއި އެކުގައި މަސައްކަތް ކުރާން ފެށި ސަރުކާރު ކަމަށެވެ. އެމްޑީޕީ ސަރުކާރަކީ ފުރަތަމަ މިނިވަން އޮޑިޓަރެއްގެ އޮޑިޓްތައްވެސް ޢަމާޒުވުމުގެ ނަސީބު ލިބުނު ސަރުކާރު ކަމަށާއި މިނިވަން އެންޓި ކޮރަޕްޝަން ކޮމިޝަނެއްގެ ބެލުމުގެ ދަށުން ސަރުކާރު ހިންގުމަށް ފުރަތަމަ ލިބުނު ސަރުކާރު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމާއެކު އެމްޑީޕީގެ އެދުމަކީ ސަރުކާރުގެ ހުރިހާ ފައިސާއެއްވެސް ރަގަޅަށް އެކައުންޓްވެފައި ހުރުން އަދި ޚަރަދު ބަރަދު ދެފުށް ފެންނަ ގޮތަށް ކުރެވިގެން ދިއުން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :