ރައްޔިތުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުކުރިކަމުގައިވިޔަސް އެރައްޔިތުންގެ ހިތްތަކެއް ނުގެންދެވޭނެ – ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންނަށް ނޭނގި އެ ރައްޔިތުންގެ ނަންތައް ސިޔާސީ ޕާރޓީތަކުގެ ދަފްތަރުތަކުގައި ބަދަލުކުރަމުން ގެންދެވިދާނެކަމަށާއި އެހެންނަމަވެސް އެ ރައްޔިތުންގެ ހިތްތަކެއް ނުގެންދެވޭނެ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މާފަންނު އުތުރުގައި ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ރައްޔިތުންގެ ހިތްތައް ވަނީ ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާރޓީގެ ވިންދާއި ގުޅިފައިކަމަށާއި އެއީ ހިތާހިތުގެ ގުޅުމެއްކަމުގައި ރައީސް ނަޝީދު ސިފަކުރެއްވިއެވެ. ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީގެ ފަރާތުން މަކަރާއި ހީލަތުން ޕާޓީގެ ދަފްތަރު އޮޅުވާލުމަށް މެމްބަރޝިޕް ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ހާމަކުރައްވާފައިވާތީ ރައީސް ނަޝީދު ވިދާޅުވީ “ތިޔަބޭފުޅުން ކުރާ ވައްކަމަކުންނެއް އަޅުގަނޑުމެންގެ ރައްޔިތުންނެއް މާޔޫސްވެއެއް ނުދާނޭ. ރައްޔިތުން ތިބޭނީ ސާބިތުކަންމަތީގަ” އަދި ރައްޔިތުންގެ ގައިގާ ތަޅާވެސް ހެދިދާނެކަމަށާއި، ގަޔަށް ބޮލަށް އަރައި އަނިޔާ ކުރިނަމަވެސް ރައްޔިތުންގެ ހިތްތަކެއް އަތެއް ނުވާނެކަމުގައި ރޭގެ ކަންމަތީ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގެންދަވާއިރު އެބޭފުޅުންގެ ނަންތައް އެހެން ޕާޓީތަކުގައި ރެޖެސްޓްރީވެފައިވާކަމުގެ ޝަކުވާތައް ލިބިވަޑައިގަންނަވާކަމުގައެވެ. އަދި ފާއިތުވީ އިންތިޚާބުތަކުގައި އެއްވެސް ކާމިޔާބީއެއް ލިބިފައިނެތް ޤައުމީ އިއްތިޙާދު ޕާޓީއަށް 10،000 މެމްބަރުން ރެޖިސްޓްރީވީގޮތް އެނގިގެން ހިގައްޖެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “މިއަދު ފަންގި ނެގީމަ މި އެގެނީ ކެޔޮ ކޭވަރު. އަޅުގަނޑުމެންގެ މެމްބަރުން ވަގަށް ގެންދަންވެގެން އެއޮތީ އުޅުއްވާފައި” ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީގެ ދަފްތަރު މަކާރާއި ހީލަތުން އޮޅުވާލުމަކީ ތަޙްޤީޤުކުރެވި، ޝަރީޢަތްތައް އުފުލި ޙައްޤު އަދަބު ދޭންޖެހޭނެ ކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޕްރޮސެކިއެޓަރ ޖެނެރެލްވެސް މިމައްސަލަތައް ބެއްލެވުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. ސިޔާސީ ޕާޓީތައް ގުޅިފައި އޮންނަނީ ދިވެހިރާއްޖޭގެ ތަރައްޤީއާ ކަމަށާއި ސިޔާސީ ޕާރޓީތައް ފާހަގަކޮށްދޭ ސިޔާސަތުތައް ރަގަޅުވަނީ ޕާރޓީތައް ހަރުދަނާވީ މިންވަރަކުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުން އެދޭ ފަދަ ސަރުކާރެއް އުފެއްދޭނީ އެ ސިޔާސަތުތައް ރަގަޅުވީމާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އެފަދަ ސަރުކާރެއް ލިބުނީމާ ބޯހިޔާވަހިކަން ލިބެނީ. އެފަދަ ސަރުކާރެއް ލިބުނީމާ ވަޒީފާއެއް ލިބެނީ، އެފަދަ ސަރުކާރެއް ލިބުނީމާ އިޖްތިމާޢީ ރައްކާތެރިކަން ލިބެނީ، އެފަދަ ސަރުކާރެއް ލިބުނީމާ ދަރިންނަށް ތަޢުލީމު ދެވެނީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަކީ ހެޔޮވެރިކަމެއް ބިނާކުރުމަށް ހުރި ވަޞީލަތްތައް ކަމަށާއި އެވަޞީލަތްތައް ގަޑުބަޑު ނުކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ޕާރޓީތަކުގެ ދަފްތަރުތަކަކީ ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ޤާޢިމްކުރުމަށް އޮތް އެންމެ މައިގަނޑު އެއް ވަސީލަތް. އަޅުގަނޑުމެން އެ ވަސީލަތް ކިލަނބުކޮށް، ގަޑުބަޑުކޮށްފި ނަމަ އެ ހުރަސް އެޅެނީ އަޅުގަނޑުމެންނަށް ރާއްޖޭގެ ތަރައްޤީއަށް” އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރައްޔިތުން އެދެނީ އަނެއްކާވެސް އައު ދިރުމަކަށް ކަމުގައާއި ދިވެހިން އެދެނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ވެރިކަމެއް ޤާޢިމް ކުރުމަށްކަމުގައެވެ. އެމްޑީޕީން ބޭނުންވަނީ ހަމަޖެހުން ކަމަށާއި ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމުގައި އެމްޑީޕީގެ ދިދަތައް ކެނޑިނަމަވެސް އެމްޑީޕީން އެފަދަ ކަންތައްކޮށްގެން ނުވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އަމާޒަކީ ދިވެހިރައްޔިތުންނަށް ތަރައްޤީ ހޯދައިދޭނެ ސަރުކާރެއް ބިނާކުރުން ކަމުގައި ރައީސް ނަޝީދު ތަކުރާރުކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ޤާޢިމްކުރެވި ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީގެ ފުރުޞަތު ފަހިވުމަށް އުއްމީދުކުރާތާ އެތައް ޒަމާނެއްވެއްޖެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުން އުންމީދު ނަގާނުލުމަށާއި އަބަދުވެސް ރަގަޅު ކަންކަން ނުރަގަޅުގެ މައްޗަށް ވެރިވެ ގަންނާނެކަމުގައި ވިދާޅުވިއެވެ. “އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ޤުލްޒާރު އަޅުގަނޑުމެންނަށް ލިބޭނެ. އަޅުގަނޑުމެން ނުކުމެ މިތިބީ ގުލްޒާރުގައި ނަޔާމަގޭ ނުރާނިމާ ފޮޅޭނެޔޭ ބުލް ބުލް ތަކާ ކޮކާ ތަކާ ފަރިވާއިރުން އުޅޭނެކަން އެނގޭތީ” ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :