ފަސް އަހަރުގެ ތެރޭގައި ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ އަކީ ތިނަދޫގެ ތަރައްޤީގެ ތަސައްވަރާއި އެކުގައި ނުކުމެ ތިބި ޕާރޓީއެއް ކަމަށާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ އުއްމީދަކީ ތިނަދޫ އާއި ހުވަދު އަތޮޅާއި މި ރާއްޖެއަށް ތަރައްޤީ ހޯދައި ދިނުން ކަމަށާއި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ތިނަދޫ އަކީ ސިޓީގެ ދަރަޖައިގެ ރަށެއް ކަމުގައި ހައްދަވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމް.ޑީ.ޕީގެ ފަރާތުން ރިޔާސީ އަންތިޙާބު ކާމިޔާބު ކުރުމަށްޓަކައި ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ހުވަދޫ އަތޮޅުގެ ތިނަދޫ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަދާޅުވީ، އެމްޑީޕީގެ ކޮންމެ ސިޔާސަތެއްވެސް އަމާޒްވެފައިވަނީ މި ޤައުމުގެ ތަރައްޤީއަށް މަގުފަހި ކުރުމަށްޓަކައި ކަމާއި މި ރާއްޖޭގެ ރައްޔިތުންގެ ޢާންމު ހާލަތު ރަނގަޅު ކޮށްދިނުމަށްޓަކައި ކަމުގައެވެ.

ތިނަދޫއަކީ ސިޓީގެ ދަރަޖައިގެ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެތައް ކަމެއް ކުރައްވަން ރާއްވަވާފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ” އަޅުގަނޑު ޔަޤީންކޮށް އަރުވަން މި ތިނަދޫ ސިޓީއަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ 5 އަހަރުގެ ތެރޭގައި ބަދަލުކުރާނެ. އެ ބަދަލު، އެ ބަދަލު އަޅުގަނޑުމެން ހޯދާނީ ތިނަދޫގެ ތެރެއިން. އެ ބަދަލު އަޅުގަނޑުމެން ހޯދާނީ ތިނަދޫގެ ރަށު ކައުންސިލް ތަރައްޤީކޮށްގެން އެ ކައުންސިލްގެ ޢާމްދަނީ އިތުރުކޮށްގެން. މާލޭން ބޭނުންވާ އެހީތެރިކަން މައި ސަރުކާރުން ބޭނުންވާ އެހީތެރިކަން އަބަދުވެސް ލިބޭނެ އަދި ވަކިން ޙާއްސަކޮށް އެމްޑީޕީގެ ސަރުކާރެއްގައި ތަރައްޤީއަށް މަގުފަހިވާ އެންމެހައި މަސައްކަތްތައް އަޅުގަނޑުމެން ގެންދާނީ ބާރަށް ކުރަމުން” ރައީސް ނަޝީދު ވިދާޅުވިއެވެ.
މިގޮތުން ލާމަރުކަޒީ އުސޫލަކީ ތިނަދޫގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ނިޒާމެއްކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ތިނަދޫގެ ތަރައްޤީގެ މަސައްކަތް ރަށު ކައުންސިލް މެދުވެރިކޮށް ކުރުމަށް ރަށު ކައުންސިލްގެ ޢާމްދަނީއަށް ފަސް މިލިއަން ރުފިޔާގެ އާމްދަނީ ލިބެން ޖެހޭ ކަމަށާއި އެމިންވަރަށް ކައުންސިލަށް އެސެޓް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ތިނަދޫގެ މަގުތަކާއި ފެނާއި ނަރުދަމާވެސް ރަށު ކައުންސިލް މެދުވެރިކޮށް ކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “މިތަނުގައި މި ތަނަށް ބޭނުންވާ މުއްސަނދިކަން ވެސް އެބަހުރި. މިތަނުގައި މިތަނަށް ބޭނުންވާ މީހުންވެސް އެބަ ތިބި. މިތަނަށް މާލޭން މީހަކު އަންނަން ޖެހޭ ހަމަ އެއްވެސް ސަބަބެއް ހަމަކަށަވަރުންވެސް އަޅުގަނޑަކަށް ނުވިކޭ. ހަމައެކަނި އަޅުގަނޑުމެން ކުރާންވީ ކަމަކީ ދޫކޮށްލުން. ތަރައްޤީވުމަށް ދޫކޮށްލުން، ހިފަހައްޓައިފައިވާ ހިފެހެއްޓުންތައް ދޫކޮށްލުން. ތަރައްޤީ އަކީ ފިތުރަތުގެ އުސޫލު. އެއީ ހެދު ފޯދި ދިއުން. އަބަދުވެސް ބަދަލުވޭވެ ހުރުން. އެ އުސޫލު އަޅުގަނޑުމެންނަށް ޤާއިމްކުރެވުނީމާ އަޅުގަނޑުމެންގެ ރަށްތައް ތަރައްޤީވެ ދާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިނަދޫ ރަށު ކައުންސިލް ބާރުވެރި ކުރުމަށްޓަކައި ކުރިއަށް އޮތް 15 އަހަރު ދުވަހަށް ބޭނުންވާ މަތީ ތަޢުލީމުގެ މަޤާމްތަކަށް މީހުން ތަމްރީން ކުރުމަށް އެމް.ޑީ.ޕީގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ހުރިހާކުދިން ސްކޮލަރޝިޕް ތަކުގައި ފޮނުވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިގޮތުން ޑޮކްޓަރުން، ޓީޗަރުން،އިންޖިނިއަރުން އަދި އެހެންވެސް ތަރައްޤީއަށް ބޭނުންވާ މަޤާމު ތަކަށް މީހުން ތަމްރީން ކުރުމާއި ޢިލްމު ހޯދައިދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ވިދާޅުވިއެވެ. ތިނަދޫ ރައްޔިތުންނާއި މުޙާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަދާޅުވީ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމް.ޑީ.ޕީން ކުރާ މި މަސައްކަރުގެ ނަތީޖާ ލިބިގެންދާނީ އެމް.ޑީ.ޕީގެ 5 އަހަރު ނިމި 7 އަހަރު ފަހުން ކަމަށާއި، އެހެން ނަމަވެސް ތިނަދޫ ތަރައްޤީ ކުރުމަށާއި، ތިނަދޫ ބަދަލުކުރުމަށް މިއީ ގައިމުވެސް ތިނަދޫއަށް ފައިދާ ވާނޭ ކަމެއްކަމަށެވެ. އަދި އެމް.ޑީ.ޕީގެ ސިޔާސަތުތަކުން އެންމެ ބާރު އަޅާ އެއް ކަމަކީ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ކަމާއި އެގޮތުން ތިނަދީގެ އިންސާނީ ވަސީލަތްތައް އެމް.ޑީ.ޕީން ތަރައްޤީކޮށްދޭނެ ވާހަކަފުޅު ވިދާޅުވިއެވެ.

ތިނަދޫގެ ޢުމްރާނީ ތަރައްޤީގެ ތަސައްވަރަށް އަލި އަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި، އެމް.ޑީ.ޕީގެ ސަރުކާރުން މަދުވެގެން ތިނަދޫގައި 17 ކިލޯމީޓަރުގެ މަގު އަޅައި ދެއްވާނެކަމުގައެވެ. ހުވަދޫ އަތޮޅު ތިނަދޫގައި މިއަދު އޮތީ 32 ކިލޯމީޓަރ މަގު ކަމުގަޔާއި، އެހެންކަމުން ތިނަދޫގައި އަޅަން ޖެހިފައި އޮތީ 32 ކިލޯމީޓަރ ނަރުދަމަ އާއި އަދި އެ މައްޗަށް 32 ކިލޯމީޓަރ މަގުކަމުގަޔާއި، އެމް.ޑީ.ޕީގެ ސިޔާސަތު ގްރޫޕްތަކުންވަނީ މިކަމާއި ބެހޭ ހުރިހައި ހިސާބެއް ނިންމާފައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ތިނަދޫގެ ރައްޔިތުންގެ ޖޯޝާއި، ވިސްނުމާއި މަސައްކަތް މީގެތެރެއަށް ވަނުމުން އެމް.ޑީ.ޕީއަށް އިރާދަކުރެއްވިއްޔާ ތިރީސް ކިލޯމީޓަރގެ މަގު ކުރިއަށް މިއޮތް 5 އަހަރު ދުވަހުގެ ތެރޭގައި އަޅާ ނިންމާލެވޭނެ ކަމުގައި ޔަޤީންވާ ކަމަށް އެމަނިކްފާނުގެ ވަހަކަފުޅުގައި ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ ޢަމާޒަކީ 5 އަހަރުގެ ތެރޭގައި ތިނަދޫގެ ތަރައްޤީއަށް ބެނުންވާ 2000 ގޭގެ ތެރެއިން 1000 ގެ ބިނާކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ގެއެއް ބިނާކޮށްގެން ކޮންކްރީޓުން އެކަނި އަޅުގަނޑުމެން މި އެދޭ ތަރައްޤީ ނުހޯދޭނެކަމާއި ތަރައްޤީ އަކީ އިންސާނާއަށް ވާ ގޮތެއް ކަމުގަޔާއި، ތަރައްޤީ އަކީ މީހާއަށް އަންނަ ބަދަލެއްކަމަށް ތިނަދޫގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ތިނަދޫގެ ތަރައްޤީ ޙަޤީޤަތުގައި ގުޅިފައި އޮތީ ތިނަދޫގެ އާޢިލާތަކާއި ކަމުގަ ރައީސް ނަޝީދު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ތަރައްޤީވާން މި ޖެހެނީ ގެއެއް. ބޯހިޔާވަހިކަމެއް ލިބި އަލަތު ކައިވެންޏާއި އެކީގައި ދަރިއެއް ހޯދާ އާއިލާއެއް ބިނާކުރާންވީ.ކުރެވޭ ކައިވެނިވެސް ރަގަޅު ވާންޖެހޭ. ކައިވެންޏާއި އެކުގައި ވަންނަ ގެވެސް ނަލަވެސް ވާންޖެހޭ، ފުރިހަމަވެސް ވާންޖެހޭ. އެ ގޭގައި ހޯދާ ކުއްޖާ ބޮޑުކުރާން މި ޖެހެނީ ތިނަދޫގެ ތަރައްޤީއަށްޓަކައި” ކަމުގައެވެ.

ތިނަދޫގެ ތަރައްޤީއަކީ މުޅި ހުވަދޫ އަތޮޅުގެ ތަރައްޤީ ކަމާއި، ބިމުގެ ޖާގަ ތިނަދޫއަށް މަޑަވެއްޔާ ހަމައަށް ދެވިއްޖެނަމަ ހުއްޓުމެތްނެތި 52 ކިލޯމީޓަރަށް ފިޔޯރީއާ ހަމައަށް ތިނަދޫގެ އާބާދީއަށް ފެތުރެވުނީކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ތަރައްޤީ ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާން ޖެހޭނީ ތަރައްޤީ ގެނެވޭން ހުރި ތަންތަން ބަލައިގެންކަމަށްވެސް އެބޭފުޅާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެމް.ޑީ.ޕީގެ ސަރުކާތު ކުއްލިގޮތަކަށް ބަދަލުވުމާއި ގުޅިގެން ހުއްޓިފައި އޮތް ތިނަދޫގެ ބަނދަރުގެ މަސައްކަތާއި، ބާޒާރު ބަނދަރު ބިނާ ކުރުމުގެ މަސައްކަތް އެމް.ޑީ.ޕީން ސަރުކާރުގައި ތިނަދޫގެ ރައްޔީތުން އެއްބަސްވެ ޤަބޫލުވާ ގޮތުގެ މަތީން ހަދާދޭނެކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރު 3 އަހަރުގެ ތެރޭގައި އަޅުގަނޑަށް ފެންނަ ގޮތުގައި މި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޮޑަށް އެހީތެރިވެދޭ ދެ ކުންފުންޏަކީ ޔޫޓިލިޓީ ކުންފުންޏާއި، ހެލްތް ކޯޕަރޭޝަން ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. “މި އަތޮޅުގައި ، 6 ރުފިޔާއަށް، 7 ރުފިޔާއަށް، 8 ރުފިޔާއަށް ކަރަންޓް ޔުނިޓެއް ދެމުން ގެންދިޔައީ، ޔުޓިލިޓީ ކުންފުނީގެ މަސައްކަތާއި އެކުގައި 2 ރުފިޔާއަށް ކަރަންޓް ޔުނިޓެއްގެ އަގު ބަދަލުވެގެން ދިޔައީ” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރު ވައްޓާލިއިރު ކުރިއަށް ދިޔަ މަސައްކަތްތައް އަލުން އަނބުރާ ފެއްޓޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިނަދޫގެ ހޮސްޕިޓަލުގެ ހާލަތުވެސް ދަށްވެފައިވާކަމަށް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސިއްހީ މަރުކަޒާއި ހޮސްޕިޓަލުގެ ކަންކަމީ ލާމަރުކަޒީ އުސޫލުން ހިންގަން ޖެހޭނެ ކަންކަމުގައެވެ. “މިއަދު ޑޮކްޓަރުންގެ ޑިއުޓީ ރޯޓަރވެސް ފޮނުވަނީ މާލޭން. ތިބޭފުޅުންގެ ހުރިހާ ކަމެއް އަލުން އަނބުރާ މާލެއަށް އެދަނީ ޖަމަޢު ކުރަމުން. ލާމަރުކަޒީ އުސޫލު ގަޑުބަޑުކޮށް އެ ނިޒާމް މި ދަނީ ފެންކުރަމުން” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ބައިވެރިވުމާއި ނުލައި ދިވެހިރާއްޖެ ތަރައްޤީނުކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ ބައިވެރިވުން ގެނެވޭނީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :