ރައީސް މުޙައްމަދު ނަޝީދު އަރިއަތޮޅު ދެކުނުބުރީ ދިގުރަށް، ދަގެނތި، ކުނބުރުދޫ، އަދި މަހިބަދޫއަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ރިޔާސީ ކެމްޕޭންގެ ދަތުފުޅެއްގައި އަރިއަތޮޅު ދެކުނުބުރީ ދިގުރަށް، ދަގެނތި، ކުނބުރުދޫ، އަދި މަހިބަދޫއަށް ވަޑައިގަންނަވައިފިއެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އދ. ދިގުރަށަށެވެ. ދިގުރަށުން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި ދިގުރަށުގައި އެމްޑީޕީގެ ބޮޑު ދިދަ ނަންގަވައިދެއްވައި އެމްޑީޕީގެ ޖަގަހަ ހުޅުއްވަވައިދެއްވިއެވެ. ދަގެނތީގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ރާއްޖެ ތަރައްގީވުންކަމަށާއި ދަރީންނާއި ދަރިންގެ ދަރީންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުންކަމުގައެވެ. މިރާއްޖޭގެ ރީތި ފަރި މޫސުމަކީ އެންމެންވެސް މީގެ ރީތިކަން ދެކިލަން ބޭނުން ރީތި ކަމެއްކަމަށާއި ދިގުރަށުގައި ޓުއަރިޒަމް ވިޔަފާރި ތަޢާރަފްކޮށް ފަތުރުވެރިކަމުގެ އާމްދަނީ ހުރިހާ ރައްޔިތުންނަށް ބެހިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އާއިލާއާއި ގާތުން ވަޒީފާ ލިބޭނެ ގޮތް ހަމަޖެހިގެންދަނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ދަނގެއްޗައް ވަކި ހަނދުވަރެއް، ދިގުރަށައް އެހެން ހަނދުވަރެއް ނޫން ދެނީ. ރިސޯޓް ތަކިގެ ޗާލު މޫސުން މިރަށުގަވެސް އެބަ އޮތް” ރައީސް ނަޝީދު ވިދާޅުވިއެވެ. ދިގުރަށުގައި އޭލެވެލް އަށް ކިޔެވޭނެ ގޮތް ހަދައިދީ، ގެސްޓް ހައުސް ވިޔަފާރީގެ ތަމްރީންގެ ފުރުޞަތު އެމްޑީޕީގެ ސަރުކާރުގައި ޒުވަނުންނަށް ލިބޭނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “މިރަށް ވަކި ފަރުދަކަށް ބަރޯސާވެފައި އޮންނާތީ އަޅުގަނޑުމެން ހަމްދަރުދީވަން. މިރަށުގެ ކަންކަން ކޮއްދޭނީ ފަރުދެއް ނޫން، ސަރުކާރުން” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަމަށާއި މަހުޖަނެއް ނޫންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ވަކިވަކި ފަރުދުންނަށް އަޅުގަނޑުމެންގެ މި ބިޔަބޮޑޫ ޕާޓީގެ މުއްސަނދިކަމާ ވާދައެއް ނުކުރެވޭނެ، މިއީ އެންމެ މުއްސަނދި ޕާޓީއެއް. އެމީހުންނަށް އަޅުގަނޑުމެންނަށްވުރެން ފައިސާވެރިއެއްވެސް ނުވެވޭނެ، ހިޔާލްގެ ގޮތުން މުއްސަނޖެއްވެސް ނުވެވޭނެ، ހަރަކާތްތެރިއެއްވެސް ނުވެވޭނެ. އަޅުގަނޑު އަތަކު ނޯންނާނެ ކޮއްދިން ކަންކަން ނޯޓް ކޮއްފަ އޭގެ ބަދަލް ހޯދަން ދާނޭ ފޮތެއް. މިއުޅެނީ ތިބޭފުޅުން އެފޮތުން މިނިވަންކުރަން” ރައީސް ނަޝީދު ދަނގެތީގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.

ދިގުރަށަށްފަހު ރައީސް ނަޝީދު ވަޑައިގެންނެވީ އދ.ދނގެއްޗަށެވެ. ދަނގެތި ބަނދަރުމަތިން ވަރަށް ހޫނު މަރުހަބާއެއް ރައީސް ނަޝީދަށް ދެންނެވިއެވެ. ރައީސް ނަޝީދު ދަނގެތީގައި އެމްޑީޕީގެ ހަރުގެއެއް ހުޅުއްވައިދެއްވައި ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެރަށުގެ ފަޅުގެ ދަތިކަން އެނގިވަޑައިގަންނަވާކަމުގައެވެ. އަދި ބަގާވާތުގެ ސަބަބުން ރަށުގެ ބަނދަރު ހުއްޓިފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ފަގީރުކަމުގައި ރައްޔިތުން ތިއްބާ ތަރައްގީ ކުރަން ވަރަށް އުނދަގޫވާނެކަމަށާއި އެމްޑީޕީގެ އަމާޒަކީ ފަގީރުކަމުން ރައްޔިތުންނަށް އަރައިގަނެވޭނެ ސިޔާސަތުތައް ތަންފީޒުކުރުން ކަމުގައި ވިދާޅުވިއެވެ. “ޙުދްމުޙްތާރު ޤައުމް ތަކުގައި މުޅި ޤައުމާ ނުބައްދަލު ދެތިން މަހުޖަނުން އުޅޭނެ، މުއްސަނދިކަން މިއޮތީ ނުބެހި. އެމްޑީޕީގެ ސަރުކާރެއްގައި ވިޔަފާރީގެ ފައިދާއިން ޓެކްސްއެއް ނެގުނު، އެކަމަކު އާމްދަނީ އަކުން ޓެކްސްއެއް ނުނެގުނު. ރައްޔިތުންގެ މެދުގައި ހަމަ ހަމަކަން މިގެނެވެނީ ޓެކްސްގެ ނިޒާމް ގާއިމް ކޮށްގެން” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި މަސްވެރިކަން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއިން މަސްވެރިން އުފައްދާ މަސް ކިލޯއެއް 25 ރުފިޔާ އަށް ވިއްކުނު ކަމުގައި ވިދާޅުވިއެވެ. “މި ބަގާވާތުގެ ސަރުކާރަކީ މަސްގަންނަ މީހުންގެ ސަރުކާރެއް، މަސް ވިއްކާ މީހުންގެ ސަރުކާރެއްނޫން” ރައީސް ނަޝީދު ވިދާޅުވިއެވެ. ދަނގެތީގެ ރަށު ކައުންސިލްގެ ބެލުމުގެ ދަށަށް ރަށުގެ ބިން މިލްކު ކޮށްދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެންވަޑައިގެންނެވީ އދ. ކުނބުރުދޫއަށެވެ. ކުނބުރުދޫ ރައްޔިތުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ކުނބުރުދޫ ރައްޔިތުން ކިޔުއްވި މަރުހަބައާއި ބެހެއްޓެވި ގާތްކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކުނބުރުދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަކީ އެމްޑީޕީގެ ސިޔާސަތެއްނޫން ކަމުގައި ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ފިކުރަކީ ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވާލުންކަމުގައި ވިދާޅުވިއެވެ. ޒުވާނުންގެ ތަޢުލީމުގެ މުހިއްމު ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ތިން ހަތަރު ކުއްޖެއް މަގުން ކައްސާލައިގެން ދިޔައިމާ މުޅި ރަށް ފާލުން ނައްޓާލައިގެން ގޮސްދާނެ” ކަމުގައެވެ. އަދި ކުނބުރުދޫގެ ހުރިހާ ޒުވާނުންނަށްވެސް ވަޒީފާގެ ފުރުޞަތު ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ. “އަޅުގަނޑުމެން މިއަންނަނީ ޒުވާނުންނަށް އުންމީދު ދެމުން. ވަޒީފާގެ ފުރުޞަތުތައް ހޯދައިދޭނެ ކަމަށް ވައުދު ވަމުން” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ގެސްޓްހައުސްގެ ވިޔަފާރި ފުޅާކޮށް އަރިއަތޮޅުން ޒުވާނުންނާސް ވަޒީފާގެ ފުރުޞަތު ލިބޭނެ ކަމުގައި ތަކުރާރުކުރެއްވިއެވެ. ޒުވާނުންނަށް ޚާއްޞަކޮށްގެން ކުނބުރުދޫއަށް ޚާއްޞަކުރެވިގެން ސްކޮލަރޝިޕްގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ޒުވާނުންނަށް އަމާޒުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ވެއްޓޭ އެތިކޮޅު ނަގަން ނޫޅޭށޭ. ބޯޅަ ދަނޑު ހަދައިދިނީމާ ހަތަރު ވޯޓު ދޭނަމޭ ނުބުނާށޭ. އެއީ ލަދުވެތި ކަމެއް” ރައީސް ނަޝީދު ވިދާޅުވިއެވެ. ކުނބުރުދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ހާލު ބެއްލެވުމަށް ރައީސް ނަޝީދު ދޮރުން ދޮރަށް ހިންގެވިއެވެ. އަދި ކުނބުރުދޫ ރަށު ކައުންސިލާވެސް ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ.

ރައީސް ނަޝީދު މިއަދު ދެން ވަޑައިގެންނެވީ އދ. މަހިބަދޫއަށެވެ. މަހިބަދޫގައި އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވިއެވެ. އަދި މިރޭ މަހިބަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :