ވަޒީރުންގެ މަޖިލީހަކީ ސައުދާގަރުންނާއި، މާހިރުންގެ މެދުގައި ބަހާލެވިފައި އޮންނަ ތަނަކަށް ވެގެން އަޅުގަނޑުމެން މިއެދޭ ތަރައްޤީ ނުހޯދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ވަޒީރުންގެ މަޖިލީހަކީ ސައުދާގަރުންނާއި، ވަކިވަކި މާބޮޑެތި ބޭފުޅުންނާއި، މާހިރުންގެ މެދުގައި ބަހާލެވިފައި އޮންނަ ތަނަކަށް ވެގެން އަޅުގަނޑުމެން މިއެދޭ ތަރައްޤީ ނުހޯދޭނެކަމަށް މޯލްޑިވއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބ. ގޮއިދޫއަށް 19 ޖުލައިވީ ހުކުރު ދުވަހު ކުރެއްވި ކެންޕެއިން ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ވަޒީރުންގެ މަޖިލިސް އޮންނާންޖެހޭނީ އެއް މަޖިލިހެއްގެގޮތުގައިކަމަށާއި، ގިނަ ފިކުރުތަކާއި، ޕާޓީތަކަށް ނިސްބަތްވެވަޑައިންނަވާ ބޭބޭފުޅުން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަތުމުން މަސްލަޙަތު ފުށުއަރާ، ދެބަސްވުންތައް ގިނަވެ، އެބޭފުޅެއްގެ ޕާޓީއާއި، ފިކުރަށް ތާޢީދުލިބޭ މަގުން މެނުވީ މަސައްކަތްނުކުރާތަން ފެންނާން އޮންނަކަމަށެވެ.

އެގޮތުން އެމްޑީޕީގެ ވެރިކަމުގައި މިކަން ތަޖުރިބާކޮށްފައިވާކަން ފާހަގަކުރައްވަމުން، އެވެރިކަމަށް 27 ދުވަހުގެ ތެރޭގައި ޤާސިމް އިބްރާހިމް ސަރުކާރުން ހިންގާ އިއްތިޙާދުން ވަކިވެވަޑައިގަތް ކަންތަކަށް ރައީސް ނަޝީދު ޢިޝާރާތްކުރެއްވިއެވެ.

މިއާއެކު “އެތައް ބަޔަކު އޮޑިދުއްވާން ހިފީމާ” ދާނެ މިސްރާބެއް ނުއެނގޭކަމަށާއި، ސާފު ސީދާ އެއްފިކުރުގައި ނުވަތަ އެއް އަމާޒުގައި ސަރުކާރު ނުހިންގޭކަމަށްވާނަމަ ގެއްލުންވެގެންދަނީ ރައްޔިތުންނަށްކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމާއި ޚިލާފަށް ރިޔާސީ ނިޒާމަކީ އިއްތިޙާދުވުމަށް ޖާގަދޭ ނިޒާމެއް ނޫންކަމަށާއި، ރިޔާސީ ނިޒާމެއްގައި ވަކި އެއްފިކުރަށް، ވަކި އެއްޕާޓީއަކަށް ރައްޔިތުން ވޯޓުދެއްވުމަށް ގޮވައިލައްވާކަމަށެވެ.

އަދި އެމްޑީޕީއަކީ އެމްޑީޕީގެ ސާފުސީދާގޮތުގައި، އެސިޔާސަތުގައި ހިފަހައްޓާނެ ޕާޓީއެއްކަން ފާހަގަކުރައްވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ތެރޭގައި ކިލަނބުކަމެއް ނުވަތަ ދެކޮޅަށް ދަމާ ދެއިދިކީލި ފިކުރެއް ނުވަތަ ދެވަކި ފަރާތެއް ނެތުމުން އެއީ މިއިންތިޚާބު އެމްޑީޕީއަށް އެއްބުރުން ކާމިޔާބުކުރެވޭނެކަމަށް ޔަޤީންވާ މައިގަނޑު ސަބަބެއްކަމަށެވެ.

މީގެއިތުރުން 2008 ވަނައަހަރު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިގެންދިޔަ އެއްވެ އުޅުމާއި، ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަންފަދަ ޙައްޤުތައް ގެއްލިދިއުމުގެ ބިރުއޮތްކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ އަދި ރައްޔިތުންގެވެސް ތާޢީދުނެތް ފަރާތެއް ވެރިކަމުގައި ހުރިއިރު އިންތިޚާބަކާ ދިމާއަށް ދިއުމަކީ އެފަރާތަށް ނުހަނު އުނދަގޫ ދަތިކަމަކަށްވާނެކަމަށާއި، މިފައްތަރުގައި ތިބެމެ، މިއިންތިޚާބުގެ ވޯޓުން އަޅުގަނޑުމެން ސަލާމަތްކުރަން ޖެހިފައިމިވަނީ ދިވެހިރާއްޖޭގެ ޑެމޮކްރެޓިކް ސިޔާސީ ނިޒާމުކަމަށެވެ.

What do you think?

Name (required) :

Email (required) :

Website :