ރައީސް މުޙައްމަދު ނަޝީދުގެ ނޫސް ބަޔާން

ނޫސް ބަޔާން

7 ފެބްރުއަރީ 2012 ވަނަ ދުވަހު ވެރިކަން ބަދަލުވެގެންދިޔަގޮތާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތައް ބައިވެރިވާ އިންކުއަރީއެއް ނިންމުގެ ތާރީޚަކީ 31 އޮގަސްޓް 2012 ވަނަ ދުވަސް ކަމުގައި ކަނޑައަޅާފައިވަނިކޮށް ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ދެމުވައްސަސާކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި މަސައްކަތް ކުރައްވާ އެކިފެންވަރުގެ ބޭފުޅުން ވަޒީފާތަކުން ވަކިކުރައްވަމުން ގެންދަވާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާކަމެކެވެ.

ފާއިތުވީ ހަމަސް ދުވަހުގެ ތެރޭގައި މިދެމުވައްސަސާގެ ސީނިޔަރ ރޭންކުތަކުގެ އޮފިސަރުންނަށް އެކިގޮތްގޮތަށް ބިރުދައްކައި އަދި ވަޒީފާއިން ވަކިކުރައްވަމުން އަންނަކަން އަޅުގަނޑު ހިތާމަޔާއެކު ފާހަގަ ކުރަމެވެ. ހިނގާމިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންގެ އިސް ދެ އޮފިސަރުން ކަމުގައިވާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރައްވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް މަނިކު ވަނީ މިހާރު ހުރި ރޭންކުން އެހެން ރޭންކަކަށް ބަދަލުކުރައްވާފައެވެ. މީގެ އިތުރުން ނިމިދިޔަ ހަފްތާގެ ތެރޭގައި އެމް.އެން.ޑީ.އެފް މެޑިކަލް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާގެ މަޤާމުގައި ހުންނެވި ކެޕްޓަން ޑރ. ފާތުމަތު ތަހުސީނާ ވަނީ އެމަޤާމުން ވަކިކުރައްވާފައެވެ. އަދި ސިފައިންގެ ޚިދުމަތުގައި 32 އަހަރު ހޭދަކުރެއްވި ބްރިގޭޑިޔާ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ ވަނީ ފާއިތުވީ މަހުގެ 16 ވަނަ ދުވަހު ސިފައިންގެ ޚިދުމަތުން އިސްތިޢުފާ ދެއްވާފައެވެ. އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި މޭޖާރ ޖެނެރަލް މޫސާ ޢަލީ ޖަލީލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ސިފައިންގެ ޚިދުމަތުން އިސްތިޢުފާ ދެއްވާފައެވެ.

ވެރިކަން ބަދަލުވެގެން އައިގޮތް ބަލައި އެކަމާމެދު ޢަމަލު ކުރާނޭ ގޮތް ކަނޑައެޅޭނީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށެވެ. މިދެންނެވި މަސައްކަތްތައް ނުނިމެނީސް ދައުލަތުގެ ސަލާމަތީ ބާރުތަކުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ކުރިއެރުން ދީ، ބިރުދައްކައި އަދި މިނޫންވެސް ވަޒީފާތަކާ ގުޅޭގޮތުން އެއްވެސް ކަމެއް ނުކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި މިދެންނެވި ކޮމިޝަނުގެ މަސައްކަތްތައް ނިމެންދެން ސަލާމަތީ ބާރުތަކުގެ މަޤާމުތަކާއި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން އިސްތިޢުފާ ނުދެއްވާ މަޑުކޮށްދެއްވުމަށް އެދިދަންނަވަމެވެ.

މުޙައްމަދު ނަޝީދު

1 comment
  1. މުހައްމަދު / August 12, 2012

    މިއީ ކުރިންވެސް ރައީސް ނަޝީދު ދެއްވަން ވީ ސްޓޭޓްމެންޓެކެވެ. ނަމަވެސް އަޅުގަނޑުވެސް ގަބޫލް ކުރާގޮތުގައި މިގޮތަށް ކަންތައް ހިގަން ފެށުމުން ނުދެއްވައި ހުރެފައި އެމަނިކުފާނަށް މިކަން ބޮޑުވެގެން ދެއްވަންޖެހުނީކަމަށް ގަބޫލް ކުރަމެވެ. އަޅުގަޑު ގަބޫލް ކުރާގޮތުގައި ރައްޔިތުން ވަނީ އެމަނިކުފާނު މިހިނގާ 5 އަހަރަށް ރައީސް ކަމަށް އިންތިޚާބުކުރައްވާފައެވެ. ދެން ބަޣާވަތަކުން ވެރިކަން ބަދަލުކުރިޔަސް މިކަން ދިރާސާކުރަން އަންޔަން ކުރެވިފައިވާ ކަމިޝަނުން ގޮތެއް ނުނިންމަނީސް އަދި ރިޕޯރޓެއް އެކަށައެޅުމުން ދަނިކޮށް މިފަދައިން ކަންތައްވެގެން ނުވާނެއެވެ. އެއީ ކަމިޝަނުން ނިމޭގޮތަކުން އަދިވެސް ގާނޫނީ ވެރިއަކީ އެމަނިކުފާނު ކަމުގައި ނިމިގެން ހިގައިދާނެތީއެވެ. ވުމާއިއެކު މިއީ ވަރަށް އެކަށީގެން ވާ ސްޓޭޓްމެންޓެކެވެ. ދެން ބާޣީން ސިފައިން ގެއަށް އަތްގަދަކުރުމުގެ ގޮތުން ހުރިހާ ރަގަޅު ވަކިފަރާތަކަށް ނުޖެހި ތިއްބެވި ބޭފުޅުން އަވަހަށް ވަކިކުރަނީ ކަމުގައި ނޫނީ ނުބުނެވޭނެއެވެ. މިއީވަރަށް ބޮޑުކުށެކެވެ. އަދި ޚިޔާނާތެކެވެ.

    Reply
What do you think?

Name (required) :

Email (required) :

Website :