ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދޭނީ އެމްޑީޕީއަށްކަން އެރައްޔިތުންނަށް އެނގޭ: ރައީސް ނަޝީދު

ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދޭނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރެއްގައިކަން ރައްޔިތުންނަށް އެނގޭކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކ. ގުރައިދޫގައި ބޭއްވުނު ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ 30 އަހަރު ވަމުން ދިޔަ ގޮތާއި، ދެން އައި 3 އަހަރުގެ ތަރައްގީ ރައްޔިތުން އައީ ބަލަމުން ކަމަށާއި އަދި ބަޣާވާތަށްފަހު އެތަރައްގީ ހުއްޓިގެންދިޔަތަންވެސް ފެނުނުކަމަށެވެ.

30 އަހަރުގެ ތެރޭގައި އެޅުނީ 38 ބަނދަރުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހައްގު މިންވަރަކީ އެއީ ނޫންކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި 57 ބަނދަރު އެޅުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަރުދަމާ ނިޒާމަށް ބައްލަވައިލައްވަމުން 30 އަހަރު އެޅުނީ އެންމެ ނަރުދަމާގެ ނިޒާމަކާއި މާލޭގެ ފެނުގެ ނިޒާމުކަމަށާއި އެމްޑީޕީއިން 17 ނަރުދަމާ ނިޒާމާއި 6 ރަށުގެ ފެނުގެ ނިޒާމު ގާއިމްކޮށްދިންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ތައުލީމީ ނިޒާމަށް އަލިއަޅުއްވައިލައްވަމުން އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން މުޅި ރާއްޖޭގައި ފެށުނީ 2000 ގެ ކުރީކޮޅު ކަމަށާއި ގްރޭޑް 10 އަކަށް ރަށްރަށުގައި ކިޔަވައިދޭންފެށީ އެއަށެވުރެވެސް ފަހުންކަމަށް ވިދާޅުވިއެވެ. އެމްޑީޕީއިން އެކަން ބަދަލުކޮށް 243 ކްލާސްރޫމް އަޅައި އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގެ މަސައްކަތްފަށައި ވަށައިޖެހޭ ތައުލީމި ނިޒާމެއް ފެށިކަމަށާއި ފަސް މާއްދާއިން އޯލެވެލްގައި ފާސްވާކުދިންގެ ނިސްބަތް %30 އިން %45އަށް މައްޗަށް ޖެއްސިކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ ޒަކާތް ފިޔަވައި އިތުރު އެހީއެއް މީގެ ކުރީން ނުލިބި އޮއްވާ އެމްޑީޕީ ވެރިކަމަށް އައިސް އެކިއެކި ފަރާތްތަކަށް ހައްގުވާ އިނާޔަތްތައް ދޭންފެށިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި 7 ރަށެއްގެ ބިންބޮޑުކުރެއްވި ކަމަށާއި ދިގު 30 އަހަރު ތެރޭގައި ބިން ބޮޑުކުރެވުނީ 5 ރަށުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަރަދު ކުޑަކޮށް އަވަހަށް ހިއްކޭނެ ޓެކްނޮލޮޖީ އޭރުވެސް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގައި ގުރައިދޫ ބިން ބޮޑުކޮށްދެއްވާނޭކަމަށް ރައީސް ނަޝީދު ވައުދުވެވަޑައިގެންނެވިއެވެ. އަދި އެރަށުގައި ފްލެޓް އަޅުއްވާނޭކަމަށް ވިދާޅުވިއެވެ. އިންތިޚާބު އެމްޑީޕީކޮޅަށް އަރިވެގެން ދިޔަ އެއްސަބަބަކީ އެމްޑީޕީއިން ކުރި މަސައްކަތުން އުފެދުނު ލާމަރުކަޒީ އުސޫލުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ ކުރީން މާލޭގައި ތިބޭގައި ވެރީން އައްޔަންކުރާ ކަތީބުންނާއި، އަތޮޅުވެރީން ރަށް ހިންގަން ހަވާލުކުރިކަމަށާއި އެހެންނަމަަވެސް ކަތީބުން އިންތިޚާބުކުރަންޖެހޭނޭ ކިޔައި އަޑުއުފުލީ އެމްޑީޕީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދު ބަޣާވާތުގެ ސަރުކާރުގައި ކައުންސިލްތަކަށް ބަޖެޓް ނެތްކަމަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވަނީ ކޮންމެ ކައުންސިލަކަށް ފަޅު ރަށެއްދެއްވާނޭަކަމަށް ވިދާޅުވެފައެވެ. އެރަށް ގެސްޓް ހައުސްގެ ސިޔާސަތާއި އެކީ ބޭނުންކުރެވޭނޭކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން މީހުން އުޅޭރަށްރަށުގައި ފަތުރުވެރިކަން ކުރުން މަނާކުރުމުން ރަށްރަށަށް އެސިނާއަތުން ފައިދާ ނުވިކަމަށް ވިދާޅުވަމުން ރައީސް ނަޝީދުވަނީ އެމްޑީޕީގެ ގެސްޓް ހައުސް ސިޔާސަތާއި ވަޒީފާގެ އެކީ ރަށްރަށަށް ވަޒީފާގެ ފުރުސަތާއި އެކަށޭނަ އުމްރާނީ ތަރައްގީ އަންނާނޭަކަން ޔަގީންކޮށްދެއްވާފައެވެ. ރަށުގެ އިގްތިސާދާއި ރައްޔިތުންގެ އާމްދަނީ ކުރިއަށް އޮތް ދެއަހަރުތެރޭ އިތުރުވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުލެއާއި މާލެއަތޮޅު ރަށްރަށާއި ދެމެދު އިތުބާރާއެކު ދަތުރު ކުރެވޭ ފެރީގެ ނިޒާމެއް ގާއިމްކޮށްދެެއްވާނޭކަމަށް ވިދާޅުވިއެވެ. ބޮޑެތި ރިސޯޓްތަކުގެ އޯނަރުންނާއި ގުޅުން އޮންނަ ކައުންސިލްތަކުން ރައްޔިތުންގެ އެދުމަށް ބެލުމެއްނެތި ގެސްޓް ހައުސް ސިޔާސަތާއި ދެކޮޅު ހަދާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރަށުގެ ވަސީލަތްތައް ބޭނުންކޮށްގެން ރަށަށް ތަރައްގީގެނެވޭނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއިން މީގެ ކުރިން ވެފައިވާ ވައުދުތައް ފުއްދިފައިވާ މިންވަރު ވަޒަންކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމްކުރުމުގެ ވައުދުވެފައިވާނޭ ކަމަށާއި އެކަންތައް ބުރަ މަސައްކަތުން ފުއްދަފައިވާނޭކަން އެމަނިކުފާނު ފާހާގަކުރެއްވިއެވެ. އެކަން ކާމިޔާބުކުރީ ޓެކްސްގެ ނިޒާމެއް ގާއިމްކޮށްގެންކަމަށާއި ކުރިން 4 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބެމުން ދަނިކޮށް ދައުލަތުގެ އާމްދަނީ 12 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގެސްޓް ހައުސް ވިޔަފާރިއާއެކު އިތުރު 25000 އެނދު ރާއްޖޭގައި ބިނާކުރެވޭނޭކަމަށްވެސް ވިދާޅުވިއެވެ.

ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިން އިންތިޚާބު ގާތްވެގެން އަންނަ އިރު ރަށް އޮންނާނީ ބިރުވެރިކަމުގެ ތެރޭގައިކަމަށެވެ. އެބިރުވެރިކަމުގައި ތިބީމައި ދިގު 30 އަހަރު %100 އިން އިންތިޚާބުތައް ކާމިޔާބުވީކަމަށާއި އެހެންނަމަވެސް މިއަދު އިންތިޚާބު ކާމިޔާބުވާނީ ރައްޔިތުން ބޭނުންވާ އަދި ގައުމަށް ފައިދާވާނޭ ސިޔާސަތުތަކެއް ހުށައަޅައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދު އެއްބުރުން އެމްޑީޕީ ހޮވުމަށް އެތައްޔާރުވަނީ މިޕާޓީގެ ސިޔާސަތުތައް ރަނގަޅުވީމާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރު ގަދަބާރުން ވައްޓާލި ހުތުރު ގޮތަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އަނބުރާ ރައްޔިތުން އެމްޑީޕީ ހޮވަނީ އެގޮތަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުން ނުރުހޭތީކަމަށެވެ. އެހެންނަމަވެސް މިއިންތިޚާބަކީ ތަރައްގީއަށް ކުރާ މަސައްކަތުގައި މިއީ ކުޑަ މިންވަރެއްކަމަށާއި މިއީ ހަމައެކަނި އެންމެ އޮޅިއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަގީގަތާއި ޚިލާފަށް އެމްޑީޕީއޭ ކިޔައިގެން ދީނޭކިޔާ ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އެހެން ދީނަކަށް ފުރުސަތު ދިނުމެއް ނޯންނާނޭކަމަށެވެ. ކުރިން ޝެއިޚުން ދީނީ ނަސޭހަތް ދިނުމުން ޖަލަށް ލަމުންދަނިކޮށްއެޝެއިޚުންނަށް މިނިވަންކަންދީ ހެޔޮލަފާ ދީނީ ނަސޭހަތްދިނުމުގެ ފުރުސަތު ހޯދައިދިނީ އެމްޑީޕީއިން ކަމަށާއި ވަރަށް ގިނަ ބަޔަކު މިއަދު ޝެއިޚުންގެ ފަގުޑި އަޅުއްވައިގެން ދީނޭކިޔައިގެން ހަގީގަތާއި ޚިލާފު ވާހަކަ ދައްކަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :