ރައީސް މުޙައްމަދު ނަޝީދު އެމެރިކާ އެމްބެސެޑަރާ ބައްދަލުކުރައްވައިފި

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހަރ އެކްސެލެންސީ މިޝޭލް ސިސޮންއާއި ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔަ ގޮތާމެދު މަޝްވަރާކުރެވުނެވެ. އަދި 2013 ސެޕްޓެމްބަރ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާއި މެދުވެސް މަޝްވަރާކުރެވުނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މުހިއްމު ކަމާމެދު މަޝްވަރާކުރެވުނެވެ. އެފަދަ އިންތިޚާބެއް ބޭއްވުމަށް ދައުލަތުގެ މުވައްސަސާތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި މިވަގުތު ހުންނެވި އަބްދުﷲ ރިޔާޒު އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާފައިވާކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނިންމަވާފައިވާތީ އެކަމާ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެމްބެސެޑަރ ސިސޮންގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަމާންކަމާޢެކު ކުރިއަށް ދިއުމުން މަރުހަބާ ދެންނެވިއެވެ. އަދި އިންތިޚާބުގެ ނަތީޖާ ހުރިހާ ފަރާތަކުންވެސް ޤަބޫލުކުރެއްވުމަށް އެކަމަނާ ގޮވާލެއްވިއެވެ. މީގެ އިތުރުން ދެވަން ބުރުގެ ވޯޓުލުންވެސް އަމާންކަމާއެކު ކުރިއަށް ގެންދިއުމުގެ މުހިއްމު ކަމަށް އެކަމަނާ އަލިއަޅުވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއި އިބްރާހިމް ހުސައިން ޒަކީ، އެމްޑީޕީގެ ޗެއަރ ޕަރސަން މޫސާ މަނިކާއި، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރާއި، އެމްޑީޕީގެ ޗެއަރޕަސަންގެ ނައިބު އަލީ ޝިޔާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

What do you think?

Name (required) :

Email (required) :

Website :