ފުލުހުންނާއި ސިފައިންގެ މުއައްސަސާ ޕްރޮފެޝަނަލް މުއައްސަސާތަކަށް ހައްދަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

އެއްވެސް ތަފާތުކުރުމެއްނެތި ފުލުހުންނާއި ސިފައިންގެ މުއައްސަސާ ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުމަށް މަސައްކަތްކޮށް އަދި ހިތްބަރުކަމެއް ބާއްވާ ނޭއްގާނީ އެއްވެސް ކަމެއް ނުހިންގާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާނޭކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ގިނަ އާއިލާތަކެއް ދިރިއުޅެމުންދާ ބަނޑޭރި ކޮށި ކައިރީ ކަންމަތީ ޖަލްސާއެއް ރޭ (12 ސެޕްޓެމްބަރ 2013) ބާއްވަވައިފިއެވެ. ރޭ ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ސަރުކާރުގައި ފުލުހުންނާއި ސިފައިންގެ މުއައްސަސާ ތަރައްޤިވެގެންދާނޭގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
އެމްޑީޕީގެ ސަރުކާރުގައި ސިފައިންގެ ހިންގުމަށްވެސް ބޮޑެތި ބަދަލުތަކެއް އައިކަމަށާއި އަދި އެކަން އެތާ މަސައްކަތްކުރައްވައި އިސްބޭފުޅުން ބަލައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދުވެސް ހިންގަމުންދަނީ އެގެނެވުނު ބަދަލުތަކާއި އެއްގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސިފައިންގެ މީހަކަށް ވުމަށްފަހު، ރިޓަޔަރކުރުމަށްފަހުވެސް އެމީހުން ތިބެން ޖެހޭނީ ގަދަރުވެރި ފަޚުރުވެރި ބައެއްގެ ގޮތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް މައުމޫނުގެ ދައުރުގައި މަސައްކަތްކުރެއްވި އޮފިސަރުން ހަމައެގޮތުގައި އެމްޑީޕީގެ ސަރުކާރުގައި ދެމިތިބިކަމަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސިފައިން ޒަމާނީ ލަޝްކަރަކަށް ހެދުމަށް ބޭނުންވި އެއްކަމަކީ ވަކި އުސޫލެއް ގެންގުޅުންކަމަށެވެ.

އެމަނިކުފާނު ކޮމަންޑަރ އިން ޗީފްގެ މަގާމްގައި ހުރިއިރު ސިފައިންގެ ތެރޭގެ %90 މީހުންނަށް ޕްރޮމޯޝަން ދެވުނުކަމަށާއި އެމްޑީޕީ ސަރުކާރުގައި މަސައްކަތްކުރީ ސަފައިން ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ތަރައްޤީކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ފުލުހުންނާއި މެދު ކަންތައްކޮށްފައިވާނީ މިބީދައިންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތުން ސަރުކާރު ވައްޓާލުމަށްފަހު އުސޫލެއްގެ މަތިން ޕްރޮމޯޝަން ދެވިފައިނުވާކަމަށާއި ހަމައެކަނި ދެވުނީ މަތީ ރޭންކުގެ ބޭފުޅުންނަށްކަމަށެވެ. ރައީސް ނަޝީދުވަނީ އެމްޑީޕީ ސަރުކާރު އެނބުރި އައުމަށްފަހު އުސޫލެއްގެ މަތިން ފުލުހުންނާއި ސިފައިންނަށް ޕްރޮމޯޝަން ދެމުންގެންދާނެކަމުގެ ޔަގީންކަންދެއްވާފައެވެ.

އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ބައްލަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ މުސާރައިގެ %20 އަށްވުރެ ގިނައިން ކުއްޔަށް ނުވަތަ ޑައުންޕޭމަންޓަށް ދައްކަން ނުޖެހުންކަމަށެވެ. މިއަދު ފުލުހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އާމްދަނީއިން ބޮޑު އެއްޗެއް ކުލީގެ ގޮތުގައި ނުވަތަ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭކަމުގެ ޝަކުވާކުރާކަމަށާއި އެމްޑީޕީ ވެރިކަމަށް އައުމަށްފަހު އެދައްކަން ޖެހޭ ބޮޑު ޑައުންޕޭމަންޓް ދައްކަންނުޖެހޭނެ ގޮތެއް ހަމަޖައްސައިދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިގޮތުން ބަނޑޭރި ކޮށީގައި ދިރިއުޅެމުންދާ ފުލުހުންނާއި ސިފައިންނަކީ ވަރަށް ގިނަ ދުވަސްވަންދެން އެތާ ދިރިއުޅެމުންދާ ބައެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ބަނޑޭރި ކޮށީގައި ފްލެޓް އަޅާ މިހާރު ދިރިއުޅެމުންދާ އާއިލާތަކަށް އިސްކަންދޭނެކަމުގައެވެ.

What do you think?

Name (required) :

Email (required) :

Website :