އެމްޑީޕީ ވެގެންދިޔައީ ދިވެހި ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅަށް އިތުރު ދިރުމެއްދީ، އެއުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ޕާޓީއަށް: ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވެގެންދިޔައީ ދިވެހި ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅަށް އިތުރު ދިރުމެއްދީ، އެއުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ޕާޓީއަށްކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކާނިވާ ސަރަހައްދުގައި އެމްޑީޕީއަށް ތާއިދުކުރައްވާ ފަރާތްތަކާއެކު ރޭ (14 ސެޕްޓެމްބަރ 2013) ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކާނިވާ ސަރަހައްދުން ފެނިގެންދާ މަންޒަރު ކުރިއަށް އޮތް ފަސް އަހަރު އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ފުރުސަތު ފަހިވެގެންދާނޭކަން ޔަގީންކުރައްވާކަމަށެވެ.

އެމްޑީޕީއިން ރިޔާސީ އިންތިޚާބަށް ނިކުމެ ތިބީ 137 ޕްރޮގްރާމާއެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެޕްރޮގްރާމްތަކުން 51000 ވަޒީފާގެ ފުރުސަތު ފަހިވެގެންދާނޭކަމަށެވެ. ރާއްޖޭގެ އެތައް މިތަނުގައި ވަޒީފާގެ ފުރުސަތަށް ބޭނުންވެފައިވާ ޒުވާނުންނަށް ވަޒީފާ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 2008 ވަނަ އަހަރު ވީ ވައުދުތަަކަަށް އަލިއަޅުވައިލައްވަމުން އެވައުދުތައް ފުއްދަފައިވާ ގޮތް ރައީސް ނަޝީދު ކިޔައިދެއްވިއެވެ. އަދި އެހަގީގަތް ގަބޫލުކޮށްފައިވާތީ ރައްޔިތުން 95000 ވޯޓު ދިންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

137 ޕްރޮގްރާމް ހިންގުމަށްޓަކައި 72 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އެމްޑީޕީއިން އަންދާޒާކުރާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އޭގެތެރެއިން 30 ބިލިއަން ރުފިޔާ އިދާރީ ހިންގުމަށް، 36 ބިލިއަން ރުފިޔާ ޕްރޮގްރާމްތަކަށް، 16 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރައްވާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދަރަނި ބޮޑުވަމުން އަންނަނީ އިގްތިސާދަށް ނުރައްކާވާގޮތަށްކަމަށާއި މިއަދު ދަރަނި ހުރީ އުފެއްދުންތެރިކަމުގެ %82ގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީއިން އެއަދަދު %60 އަށް ތިރިކުރާނެކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

ހަމައެހެންމެ ދަތުރުފަތުރުގެ ފުރިހަމަ ނިޒާމަކަށް އަލުން ވައުދުވާ ކަމަށާއި ރަށު ބަންދުން ސަލާމާތްކޮށްގެން ނޫނީ އިގްތިސާދުކުރި ނާރާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 2008 ވަނަ އަހަރު ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމަށް ވީވައުދު ފުރިހަމަ ކުރުމަށްވީ ވައުދު އާސަންދައިން ފުއްދުނުކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ރައްޔިތުން އާސަންދައަށް ލާރި ދައްކަމުންދާކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ދާއިމީ ބަލިތަކާއި އާންމު ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލިމިޓެއްނެތި އާސަންދައިގެ ފުރިހަމަ ނިޒާމު ބޭނުންކުރެވޭނެކަމަށެވެ.

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަކީ 30 އަހަރުން ވާނޭކަމެއްކަމަށް ދެކުނުކަމަށާއި އެހެންނަމަވެސް 2 އަހަރު ދުވަސްތެރޭ 150 މަދަރުސާ އެއްދަންފަޅިއަށް ބަދަލުކުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރަނގަޅު ކުދިން މަދަރުސާތަކުން ނެރުމަކީ އެންމެންގެ ވާޖިބެއްކަމަށާއި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުވެގެންދިޔުމުން ފެނިގެންދާނީ ކުއްޖާ ތައުލީމާއި، ކުޅިވަރާއި، ހަޔާތުގެ ދުނިޔޭގައި ރަނގަޅު ކުއްޖަކަށް ވެގެންދާތަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަތީ ތައުލީމްގެ ފުރުސަތު މިހާރު ލިބެނީ %6 ކުދިންނަށްކަމަށާއި އެހެންނަމަވެސް އެމްޑީޕީއިން މަތީތައުލީމަށް ޝަރުތުހަމަވާ ފާސްވެފައިވާ ކޮންމެ ކުއްޖަކަށް އެފުރުސަތު ހޯއްދަވައިދެއްވާނޭކަަމަށް ވައުދުވެވަޑައިގެންނެވިއެވެ. ސްޑޫޓަންޓް ލޯނާއި ސްކޮލަރޝިޕްގެ ގޮތުގައި 500 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެކަމަށާއި މަތީ ތައުލީމްގެ އިތުރު ލޯނަށް 118 މިލިއަން ރުފިޔާ ކަނޑައެޅިފައިވާކަމަށް ސޭވިން ސްކީމެއް އުފެއްދުމަށް 120 މިލިއަން ރުފިޔާ ކަނޑައެޅޭނެކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީ އިންތިޚާބު ކުރަން ޖެހޭ ވަރަށް ބައިވަރު ސަބަބުތައް އެބަހުރިކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު އެއްސަބަބަކީ ޚުދުމުހުތާރު ވެރިކަން އަލުން އިއާދަވިޔަ ނުދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް މައުމޫނުގެ 30 އަހަރު ޖަލުގައި ލިބުނު ގެއްލުމާއި، ފުރާނަޔާއި، މުދަލާއި، ވިޔަފާރިއާއި، އިޝްގަށް ލިބުނު ގެއްލުން އެންމެނަށްވެސް އެނގޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ޑީއާރޕީގެ ނިންމުމަކީ ވަރަށް ޒިންމާދާރު، ކެރޭ ނިންމުމެއްކަމަށެވެ. އެއްބުރުން އިންތިޚާބު ކާމިޔާބު އެނުވީ މިފަދަ ފިޔަވަޅެއްވެސް އަަޅައިފައި ނޫނީ އިންތިޚާބު ކާމިޔާބުނުވުމަށް ކަމަށް ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސެޕްޓެމްބަރ މަސް ނިމޭއިރު އަނެއްކާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އޮންނާނީ މުޅިން އާއުންމީދެއްލިބިފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :