ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގެ ފުރަތަމަ މަންޒިލް، ށ.މިލަންދޫން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި

ބޮޑުތިލަދުންމަތީގެ ތިން އަތޮޅަކަށް ކުރައްވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ވައުދުގެ ދަތުރުގެ އެންމެ ފުރަތަމަ މަންޒިލް، ށ. މިލަންދޫއަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތީ މިއަދު މެންދުރު 12.30 ގައެވެ. ރަށުގެ ގިނަ ރައްޔިތުންތަކެއް އެމަނިކުފާނަށާއި ވައުދުގެ ދަތުރުގެ ބައިވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. ރައީސް ނަޝީދުގެ އަރިހުގައި އެމް.ޑީ.ޕީގެ ޗެއަރ ޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޞިލް މޫސާ މަނިކު، މައްޗަންގޮޅި ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ، އެމް.ޑީ.ޕީ ޕާރލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޞިލް މުހައްމަދު އަސްލަމް، އެމް.ޑީ.ޕީ ޕާރލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޞިލް އަލީ ވަހީދު، ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޞިލް އަހުމަދު ސަމީރު، ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޞިލް އަހުމަދު ރަޝީދު، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޞިލް އަހުމަދު އަބްދުﷲ، ކޮމަންޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޞިލް ހުސައިން ވަހީދު، މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޞިލް އަލީ ރިޒާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމް.ޑީ.ޕީގެ އިސް ބޭފުޅުންނާއި ޕާޓީއަށް ތައީދު ކުރައްވާ އެތައް ބަޔަކު ވައުދުގެ ދަތުރުގައި ބައިވެރިވެޑައިގަންނަވައެވެ.

މިލަންދޫއަށް ވަޑައިގެން ރައީސް ނަޝީދު ވަނީ އެރަށުގެ ބަނދަރުމަތީގައި އެމް.ޑީ.ޕީގެ ދިދަ ނަންގަވައިދެއްވާފައެވެ. އެއަށްފަހު އެމް.ޑީ.ޕީގެ ހަރުގެ ހުޅުއްވާ ދެއްވައި ވައުދުގެ ދަތުރަށް މަރުހަބާ ދެންނެވުމަށް އެރަށު ރައްޔިތުން ތައްޔާރު ކުރެއްވި މެންދުރުގެ ފަރިއްކޮޅުގައި ރައީސް ނަޝީދު ބައިވެރވެވަޑައިގެންނެވިއެ.

މިއަދު ހަވީރު 4 ޖެހިއިރު މިލަންދޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ރައީސް ނަޝިދު އިފްތިތާހުކޮށްދެއްވިއެވެ. މިލަންދޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ އެރަށުގެ ޒުވާނުނަށް އަމާޒުކުރެވިގެން އަމިއްލަ ފަރާތަކާ އެކު ޒުވާނުންނަށް އަމާޒުކުރެވިގެން ހިންގޭ ނެޓް ބޯޅަ ކުޅުމާއި ފުޓު ބޯޅަ ކޯޗިން ކޭމްޕެކެވެ.

ޖުމްލަ 5 ކަންނެލި އޮޑިތަކުގައި ކުރައްވާ ވައުދުގެ ދަތުރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރެއްވި މަސައްކަތްތަކާއި ކުރަން ނިންމެވި މަސައްކަތްތައް ކުރެވެމުންދާ މިންވަރު ދެނެގަންނާން ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން އެމް.ޑީ.ޕީ މެނިފެސްޓޯ ތަންފީޒުކުރެވިފައިވާ މިންވަރާއި އަދި މިހާރު ހުއްޓިފައިވާ ކަންކަން ދެނެގަތުމަށާއި ރައީސް ނަޝީދުގެ ސަރުކާރުގައި ކުރެވުނު ކަންކަން ރައްޔިތުން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިގުމުގެ ޕްރޮގްރާމްތަކާއި ޕޮލިސީ ވޯރކްޝޮޕްތައް ކޮންމެ ރަށެއްގައިވެސް ބޭއްވޭނެއެވެ. އަދި ތަރައްގީގެ މަސައްކަތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް ކުރިއަށް ދާނެއެވެ.

What do you think?

Name (required) :

Email (required) :

Website :