އެމްޑީޕީގެ އެންމެ ބޮޑު މަޝްރޫއުއަކީ ރައްޔިތުންގެ ސަރުކާރެއް އުފެއްދުން: ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ ބޮޑު މަޝްރޫއުއަކީ ރައްޔިތުންގެ ސަރުކާރެއް އުފެއްދުންކަމުގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ފ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި މަގޫދޫއަށް ވަޑައިގެން ރޭ (9 އޮކްޓޯބަރ 2013) ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ތަރައްޤީ ހޯދުމަކީ އުމްރާނީ ބަދަލުތަކެއް އެކަނި ނޫންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއީ އިންސާނާއަށް އަންނަ ބަދަލެއްކަމަށެވެ. އެބަދަލު އައުމަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ވަކިން ހާއްސަކޮށް ވޯޓުދިނުމުގެ ހައްގު ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 30 އަހަރު ތަރައްޤީނުވެ ރާއްޖެ އޮތީ ސަރުކާރު އުފެދުމުގައި ރައްޔިތުންގެ ބައިވެރިވުން ނެތުމުންކަމަށާއި، އޭރު ވޯޓު އޮޅުވާލުމާއި ވަކި ނަތީޖާއެއް ނެރެމުން ގެންދިޔައީ ސަރުކާރުން ރަށްރަށުގައި ބައިތިއްބައިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭރު ސަރުކާރުގެ ކަންކަން އިންތިޒާމްވެފައި އޮތީ މަދު ބަޔަކަށް ފައިދާވާ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރެއް އުފެއްދުމަށް ބޭނުންވަނީ ރައްޔިތުން ވޯޓުލުމުގެ ހައްގުކަމަށާއި ސުޕްރީމް ކޯޓު ބާތިލްކޮށްފައިވަނީ ރައްޔިތުންގެ ނިންމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބާތިލްކޮށްފައިއެވަނީ ގާނޫނީ ހުއްޖަތުތަކެއް ލިބިގެން ނޫންކަމަށާއި، އިންސާފްވެރި ގޮތެއްގައި އިންތިޚާބު ނުބޭއްވިގެންވެސް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ރަށަކަށް ގޮސް މައުލޫމާތު ސާފުކުރުމުން އެގިގެންދަނީ 7 ސެޕްޓެމްބަރގައި ނެގުނު ވޯޓަކީ މިހާތަނަށް ރާއްޖޭގައި ނެގުނު އެންމެ އިންސާފުވެރި ވޯޓުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ޚުދުމުހުތާރު އުސޫލުތައް ދެމެހެއްޓުމަށްކަމަށާއި، ސަލާމަތީ ބާރުތަކަށް އެންމެ މަތީ ވަލީ ހަވާލުކުރުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއިން ނިކުމެ ތިބީ އެކަން ހުއްޓުވަންކަމަށާއި ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު ހޯދައިދޭނެކަމަށް ރައީސް ނަޝީދު ވައުދުވެވަޑައިގެންނެވިއެވެ.

މުޅި ދިވެހިރާއްޖެއިން އެމްޑީޕީއަށް އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބުނީ އެމްޑީޕީކަން ފާހަގަކުރައްވާ ރޭގެ ޖަލްސާގައި މަގޫދޫ ރައްޔިތުންނަށް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ. އެމްޑީޕީގެ މެނިފެސްޓޯއަށް އަލިއަޅުވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ މެނިފެސްޓޯގައި 3 ވިޔަފާރިއެއް ހިމެނިފައިވާކަމަށާއި، އެމްޑީޕީއިން ހުށައަޅަނީ ތަރައްޤީގެ ސިޔާސަތުކަމަށެވެ.

ގެސްޓް ހައުސްގެ ވިޔަފާރި ކާމިޔާބުކަމާއެކު ކުރިއަށް ދާކަމަށާއި، މާލެ އަތޮޅު މާފުށީގައި ވަޒީފާ ނެތް މީހަކު މިހާރު ނުހުންނާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ފާފު އަތޮޅަކީ ގުދުރަތީ ވަސީލަތްތައް ހުރި އަތޮޅެއްކަމަށާއި އަދި އެއަރޕޯރޓްތަކާއިވެސް ކައިރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގެ 3 އަހަރު ނިމޭއިރު ވަޒީފާ ފުރުސަތު ނުލިބޭ މީހަކު މިއަތޮޅުގައި ނުހުންނާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުރަތަމަ ބުރުން މަދުވީ 10000 ވޯޓުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިހާރު މިތިބީ އެވޯޓު ހޯދައިގެންކަމަށެވެ. އަދި ކޮންމެ ދުވަހަކު އިންތިޚާބު ބޭއްވި ނަމަވެސް އެމްޑީޕީއިން އެއިންތިޚާބެއް ކާމިޔާބުކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :