ކުދި ރަށްތައް އުވާލުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން – ރައީސް ނަޝީދު

ކުޑަ އާބާދީގެ ރަށްތައް އުވަލައި ބޮޑެތި ރަށްތަކަށް އާބާދީ ބަދަލު ކުރުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސިޔާސަތެއް ނޫން ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމް.ޑީ.ޕީގެ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި ށ.ޅައިމަގަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ މުހާތަބު ކުރެއވަމުންނެވެ. މިފަދަ ރަށްތަކުގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބެލުމެއްނެތި ކުދިކުދި ރަށްތަކުގެ މިއަދުގެ އާބާދީއަށް ހަމައެކަނި ބަލައިގެން އެރަށްތަކުގެ ރައްޔިތުން އެހެން ރަށްތަކަށް ބަދަލު ކުރުމުން މުސްތަގްބަލުގައި އަނބުރާ އެރަށްތަކަށް ބަދަލުވާން ޖެހިދާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ކުދި ރަށްރަށުގެ މީހުން އެހެން ރަށްތަކަށް ބަދަލު ކުރުމުގެ ބަދަލުގައި އެރަށްރަ އެފަދަ ރަށްރަށުގެ ރައްޔިތުންނަށް ހުރިހާ ޚިދުމަތެއް ލިބިގަނެވޭނެ ނިޒާމެއް އޮތުން މާ މުހިއްމު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ފެއްޓެވި ދަތުރުފަތުރުގެ ނިޒާމުން ހުރިހާ ރަށްތައް ގުޅުވާލެވުމުން ރައްޔިތުންނަށް އެމީހެއްގެ ރަށުގައި ހުރެގެން ޚިދުމަތްތައް ލިބޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޮޑުތިލަދުންމައްޗަށް ރޭވުނު ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޅައިމަގު ފަދަ ރަށްރަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވި ވިސްނުންފުޅަކީ ގެސްޓް ހައުސް ޕްރޮގްރާމް ފެށި މެދުމިނުގެ ފަތުރުވެރިކަން ބޮޑުތިލަދުންމަތީގައި ތަޢާރަފް ކުރުމެވެ.
ށ.ޅައިމަގުގައި ދޮރުންދޮރަށް ހިނގުމާއި އަދި ޕޮލިސީ ވޯރކްޝޮޕެވެސް ބޭއްވިއެވެ.

މިއަދު މެންދުރު ފަހު ރައީސް ނަޝީދު ވަޑައިގަތީ ށ. ނަރުދޫއަށެވެ. ނަރުދޫގައިވެސް ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމާއި އަދި ޕޮލިސީ ވޯކްޝޮޕް ކުރިއަށް ދިޔައެވެ. ޕޮލިސީ ވޮރކްޝޮޕްގައި ވާހަކަ ދައްކަވަމުން ބޮޑުތިލަދުންމަތީގައި ހިންގުމަށް ރޭވުނު ގެސްޓް ހައުސް ޕްރޮގްރާމާއި ސާރކް ފެރީ ޕްރޮޖެކްޓްގެ މައުލޫމާތު ރައީސް ނަޝީދު ދެއްވިއެވެ. މިވޮރކްޝޮޕްގައި ރަށުގެ މަދަނީ ޖަމްޢިއްޔާތަކާއި، ޓީޗަރުން އަދި ރަށުގެ އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ނަރުދޫ އަށްފަހު ރައީސް ނަޝީދު އަދި ވައުދުގެ ދަތުރުގެ ބައިވެރިން ށ.ފޯކައިދޫއަށް ވަޑައިގަތީ މިއަދު ހަވީރު 5 ޖެހިއިރުއެވެ. ށ. ފޯކައިދޫގައިވެސް ދޮރުންދޮރަށް ހިގުމުގެ ޕްރޮގްރާމާއި ޕޮލިސީ ވޯރކްޝޮޕްގެ އިތުރުން އެމް.ޑީ.ޕީގެ ވަރަަށް ހާއްސަ ޖަލްސާއެއްވެސް އޮންނާނެއެވެ.

What do you think?

Name (required) :

Email (required) :

Website :