ރައީސް ނަޝީދު އައްޑޫ ސިޓީއަށް ފުރާވަޑައިގަންނަވައިފި

ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބު އައްޑޫ ސިޓީގައި އިފްތިތާޙްކޮށްދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު އައްޑޫ ސިޓީއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ރައީސް ނަޝީދު ވަޑައިގަންނަވާނެއެވެ. އަދި ކޮންމެ އަވަށެއްގައިވެސް ސިޓީ ކައުންސިލް އިންތިޚާބުގައި ބައިވެރިވަޑައިގަންނަވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވާނެއެވެ. އަދި ކޮންމެ އަވަށެއްގެ އެމްޑީޕީގެ ކެމްޕޭން ޓީމާއެކު މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައި ކެމްޕޭންގެ ހަރަކާތްތައް ކުރިއަށްދާ ގޮތް ބައްލަވާނެއެވެ.

މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ރައީސް ނަޝީދު ވަޑައިގަންނަވާނީ ފޭދުއަށެވެ. ފޭދޫގައި ދޮރުން ދޮރަށް ހިންގެވުމަށްފަހު މެންދުރުފަހު ހުޅުމީދުއަށް ވަޑައިގަންނަވާނެއެވެ. އަދި މިރޭ ހުޅުމީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހުޅުމީދުއަށްފަހު މާދަމާ ހެނދުނު މަރަދޫގައި ދޮރުން ދޮރަށް ހިންގަވާނެއެވެ. އަދި މެންދުރު ފަހު ހިތަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ކައުންސިލް ކެންޑިޑޭޓުންނާއެކު ދޮރުންދޮރަށް ހިންގަވަނެއެވެ. އަދި ހިތަދޫގައި މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

What do you think?

Name (required) :

Email (required) :

Website :