އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް އަދި ޒައިދު ފިއުޗަރ އެނަރޖީ ޕްރައިޒް ދިނުމުގެ ޙަފްލާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި

ޖަނަވަރީ 20-23 އަށް އަބޫދާބީގައި ކުރިއަށްދާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގެ ގްލޯބަލް ލީޑާރަސް ސަމިޓާއި ޒައިދު ފިއުޗަރ އެނަރޖީ ޕްރައިޒް ދިނުމުގެ ޙަފްލާގައި ބުދަ ދުވަހު ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އިޔާދަކުރަނިވި ހަކަތަ އުފެއްދުމާއި އަދި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ އުފެއްދުމަށް ބާރު އެޅުމަށް މުޅި ދުނިޔޭގެ އެކިއެކި ދާއިރާގެ އިންވެސްޓަރުންނަށް ހުޅުވާލެވިގެން ބޭއްވުނު އެކިއެކި ޙަފްލާތަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމުތަކުގެ ރައީސުންނަށް ދައުވަތުދެވިގެން ބޭއްވުނު ގްލޯބަލް ލީޑަރޒް ސަމިޓުގައި ރައީސް ނަޝީދު ބައިވެވަޑައިގެންނެވިއެވެ. އަދި އަބޫދާބީގެ ކުރީގެ އަމީރު ޒައިދު ބިން ސުލްތޯން އަލް ނަހްޔާންގެ ހަނދާނުގައި 2009 ވަނަ އަހަރުން ފެށިގެން ބޭއްވޭ ޒައިދު ފިއުޗަރ އެނަރޖީ ޕްރައިޒްގެ ފަނޑިޔާރުންގެ ޕެނެލާއި ޤައުމުތަކުގެ ވެރިންނާއެކު ބޭއްވުނު ރޭގަނޑުގެ ޚާއްސަ ފަރިއްކޮޅުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ފަރިއްކޮޅުގައި އައިސްލެންޑްގެ ރައީސް، ޓޮންގާގެ ބޮޑުވަޒީރު، ސްރީލަންކާގެ ރައީސް އަދި އަޔަރލެންޑްގެ ކުރީގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މިއަދު ހެނދުނު ޒުވާނުންނާއި ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅޭގޮތުން ބޭއްވުނު ޕެނެލް ޑިސްކަޝެންގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޒައިދު ފިއުޗަރަ އެނަރޖީ ޕްރައިޒްގެ އެކިއެކި ކެޓަގަރީޒްތަކަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ބޭއްވުނު ބައްދަލުވުމުގައިވެސް ރަޢީސް ނަޝީދު މިއަދު ބައިވެރިވެވަޑައިގަތެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އަބޫދާބީގެ އެންމެ ބޮޑު އެއް ޓީވީ ޗެނެލް، “ދުބާއި ވަން ޓީވީ” ، އިނގިރޭސިވިލާތުގެ ބީބީސީ އަދި ސްޕެންގެ “އެލް ޕައެސް” އަށް ވަނީ އިންޓަވިއު ދެއްވާފައެވެ.
ރައީސް ނަޝީދު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.

What do you think?

Name (required) :

Email (required) :

Website :