އަލަށް އިންތިޚާބުވި އިންޑިޔާގެ ބޮޑު ވަޒީރު ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވައިފި

އިންޑިޔާގައި ކުރިއަށް ގެންދިޔަ ޢާންމު އިންތިޚާބުގައި ތާރީޚީ ކާމިކާބީއެއް ލިބިވަޑައިގަތް، އިންޑިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމު ދެން ފުރުއްވުމަށް ހުންނެވި އުންމީދުވާރު، ނަރެންދްރަ މޯދީއަށް ރައީސް ނަޝީދު މުބާރަކްބާދީ ފޮނުއްވުމާ ގުޅިގެން ރައީސް ނަޝީދަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.

ހުކުރުދުވަހުގެ ރޭ ދެބޭފުޅުންގެ ދެމެދުގައި ބަދަލު ކުރެވުނު ޓްވީޓްތަކެއްގެ ޒަރިއްޔާއިން ރައީސް ނަޝީދު ވިދާޅުވީ ބޮޑު ވަޒީރު މޯދީއާއެކު “ވަރުގަދަ ދެކުނު އޭޝިޔާއެއް” ޤާއިމުކުރުމުގެ “މަސައްކަތް ފެށުމުގެ އިންތިޒާރުގައި” ހުންނެވި ކަމުގައެވެ.

ޖަވާބުގައި މުންތަޚަބް ބޮޑުވަޒީރު މޯދީ ވިދާޅުވީ “ޝުކުރިއްޔާ. ދިވެހިރާއްޖެއާއި އަޅުގަނޑުމެނާ ދެމެދު އޮތް ގުޅުމުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަން. އަދި މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނަމު” ކަމަށެވެ.

އަދި މުންތަޚަބް ބޮޑުވަޒީރު މޯދީއަށް މުބާރަކްބާދީ އަދާކޮށް ރައީސް ނަޝީދު ހޮނިހިރު ދުވަހު ފޮނުވި ސިޓީފުޅުގައިވެސް އެމަނިކުފާނަށް ލިބިވަޑައިގަތް ކާމިޔާބީއަށް މަރްޙަބާ ދެންނެވުމުގެ އިތުރުން، މޯދީގެ ބޮޑުވަޒީރުކަމުގައި އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަމުގައި އުންމީދު ކުރައްވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އިންޑިޔާކަނޑުގެ ސަރަޙައްދީ މައްސަލަތަކުގައި އިންޑިޔާއިން އެންމެ އިސް ދައުރެއް އަދާކުރުމަކީ ރައީސް ނަޝީދު ޤަބޫލުފުޅު ކުރައްވާ އިޢުތިޤާދު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމަ މިއާއެކު އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓު މެނޭޖްކޮށް ފެންވަރުމަތިކުރުމަށް ޖީ.އެމް.އާރުއާ އެކީ ވެވުނު އެއްބަސްވުން އިޢާދާކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީޕީ)އިން ގޮވާލާފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :