ތިމާވެށީގެ ދިރާސާތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަކީ މުހިއްމުކަމެއް – ރައީސް ނަޝީދު

ތިމާވެށީގެ ބޮޑެތި ދިރާސާތަކާއި މަޝްވަރާތަކުގައި ދިވެހިންގެ ބައިވެރިވުމާއި ހޯދުންތައް އިތުރުކުރުމަކީ މުހިއްމުކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުރީގެ ތިމާވެށީގެ މިނިސްޓަރ މުޙައްމަދު އަސްލަމް ޑެންމާކުގައި މިހާރު ހިނގަމުންދާ “އިމްޕެކްޓް 2 ސީ” ބައްދަލުވުމުގައި ހުށަހެޅުއްވި ދިރާސާ ކަރުދާހަށް މަރުހަބާ ވިދާޅުވަމުންނެވެ.

މިއަދު ޑެންމާކްގެ ކޯޕަންހޭގަންގައި ކުރިއަށްދާ ދުނިޔޭގެ މަޝްހޫރު ސައެންސްވެރިންގެ ބައްދަލުވުމުގައި އަސްލަމްވަނީ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހުވަދު އަތޮޅުގެ 184 ރަށްތަކުގެ ސައެންޓިފިކް ދިރާސާއެއްކުރެއްވުމަށްފަހު ކަރުދާހެއް ހުށައަޅުއްވާފައެވެ. ދުނިޔޭގެ ހޫނުމިން 2 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވުމުން ރާއްޖޭގެ ރަށްތަކަށް އަންނަ ބަދަލުތަކާ ގުޅޭ ދިރާސާ ކަރުދާހުގައި 1969 ން 2013 އަށް ރަށްތަކަށް އައިސްފައިވާ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑަށް ބަދަލު އަންނަ މިންވަރު ވަނީ ދިރާސާ ކުރައްވާފައެވެ. އަސްލަމްގެ ދިރާސާއިން ހާމަވިގޮތުގައި %43 ރަށްތަކަށްވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. ބައެއް ރަށްތަކަކުގެ ކުޑަބޮޑު މިނަށްވެސް ވަނީ ބަދަލުއައިސްފައެވެ. %50 ރަށްތައް ވަނީ ކުޑަވެފައެވެ. %23 ރަށްތަކުގެ ބޮޑުމިން އިތުރުވެ، %27 ރަށްތަކަށް ބަދަލު އައިސްފައިނުވާކަމަށް ދިރާސާއިން ހާމަވިއެވެ. އަސްލަމްގެ ދިރާސާގައި ގެއްލުން ލިބިފައިވާ ރަށްތަކުގެ އަދަދު ގިނަކަން ފާހަގަކުރައްވައެވެ. އަސްލަމް ފާހަގަކުރައްވާ ގޮތުގައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ރަށްތައް ރައްކާތެރިކުރުމަށް ޤުދުރަތީ ބަދަލުތައް އެރަށްތަކަށް އަންނަކަމުގައެވެ. އެހެންނަނަމަވެސް ތިމާވެއްޓަށް އަންނަ ބޮޑެތި ބަދަލުތަކާއެކު ރަށްތައް ރައްކާތެރިކުރެވޭ މިންވަރު ދެނެގަތުން މުހިއްމު ކަމުގައި ދިރާސާއިން ހާމަވެއެވެ. އަދި ރަށްތަކުގެ ގުދުރަތީ ރައްކާތެރިކަން ބިނާވާ ކަންކަމާއި ރަށްތައް ރައްކާތެރިކުރުމުގެ ގުދުރަތީ މިންވަރު ދެނެގަތުމާމެދުވެސް ދިރާސާގައި ސުވާލު ކުރެއެވެ.

“ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ދުނިޔޭގެ އެކިއެކި ފޯރަމްތަކުގައި ބަސްވިކޭ ޤައުމެއްކަމުން ދިވެއްސެއްގެ މިފަދަ ދިރާސާއެއް ޢާންމުވުމަކީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް ލިބޭ އުފަލެއް. އަދި ދިވެހިން މިފަދަ މަޝްވަރާތަކާއި ދިރާސާތަކުގެ އެންމެ އިސް ސަފުގައި ތަމްސީލު ކުރުމަކީ ކޮންމެހެން ބޭނުންތެރި އަދި މުހިއްމު ކަމެއް” ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :