ހުވަދޫ ރައްޔިތުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަލުން އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުއްވުމަކީ ޤާނޫނީ ނިޒާމަށް އިޙްތިރާމް ނުކުރެއްވުން – ރައީސް ނަޝީދު

ހުވަދު އަތޮޅުގެ ގިނަ ރައްޔިތުންތަކެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ބާތިލް މައްސަލައެއްކަމަށް ނިންމަވާފައިވަނިކޮށް އަލުން އެ މައްސަލް އެކޯޓުގައި ކުރިއަށްގެންދިއުމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުށަހެޅުއްވުމަކީ ޤަނޫނީ ނިޒާމަށާއި ކޯޓުގެ ހުރުމަތަށް އިހްތިރާމް ނުކުރެއްވުން ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ޑިމޮކްރަޓް ޔޫނިޔަންގެ ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މިއަދު ހެނދުނު މީޑިއާއަށް ދެއްވި އިންޓަވިިއުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުއްވުމަށް ކްރިމިނަލް ކޯޓުގެ އިސް ޣާޒީ ފުރުޞަތު ދެއްވުމުން ޝަރީޢަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލުން ވަޑައިނުގެން އެމައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުއްވުމަކީ ޤާނޫނީ ހަމައެއް ނޫންކަމުގައެވެ. “ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރަކީ ކަންކަމުގައި ވަރަށް ފުންކޮށް ވިސްނަވާ ބޭފުޅެއް ގޮތުގައި އަޅުގަނޑު މިހާރު ދެކެނީ. އެބޭފުޅާ ނިންމަވާ ނިންމެވުންތަކަށް ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެންނެވުމަކީ ބުއްދިވެރި ކަމެއް ނޫން. އަބްދުﷲ ޣާޒީ ނިންމަވާފައިވަނީ އެއީ ބާތިލް މައްސަލައެއް ގޮތުގައި. ނިންމެވީމާ ޕްރޮސެކިއުޓަރ ޖެނެރަލް އަލުން އަނބުރާ ދައުލަތުގެ އަރާއި ބާރާއެކު އަނބުރާ ފޮނުއްވެވީމާ އެއީ ޤާނޫނީ ނިޒާމަށާއި ކޯޓުތަކަށް ހުރުމަށް ނުކުރެވުން.” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޯޓު ތަކަށާއި ޤާނޫނީ ނިޒާމަށް ހުރުމަތް ކުރަން ޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

2015 ވަނ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިނިވަން މުވައްސަސާތަކަށް ކަނޑައެޅުނު ބަޖެޓާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީއަކީ ޚަރަދު ކުޑަ ނިޒާމެއް ނޫން ކަމުގައެވެ. ޑިމޮކްރަސީގެ ނިޒާމް ރަނގަޅށް ހިންގުނީމާ އާމްދަނީ އިތުރުވެގެންދާނެކަމުގައިވެސް ވިދާޅުވިއެވެ. އަދި މިއަދު ޓެކްސްގެ ނިޒާމަށާއި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެންމެ މުހިއްމީ ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް ނެގުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. “ބޮޑެތި އާމްދަނީ ލިބޭ ފަރާތްތަކުން ޓެކްސް ނެގުނީމާ ދައުލަތުގެ ޚަރަދު ދެކޮޅު ޖެހިގެންދާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އައީޑީޔޫގެ ބައްދަލުވުމުގައި ޑިމޮކްރަސީއަށް ފުރޮޅެމުންއަންނަ ޤައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނުކަމުގައެވެ. އަދި މި މަޝްވަރާކުގެ ސަބަބުން ދިވެހިރާއްޖެއަށް އެހީތެރިކަން ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :