ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ނެރުއްވާ ބަޔާން

މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހެވެ. މިދުވަހު ރާއްޖޭގެ އެންމެ ބޭފުޅުންގެ އަރިހު އަދަބު އިހްތިރާމްއާއި އެކު ދަންނަވަމެވެ. ޒަމާންތަކެއްވަންދެން މިދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުހަނު އަނިޔާއާއި ގެއްލުން ލިބިފައިވެއެވެ. ރާއްޖޭގެ ވެރިންގެ ނުރުހުން ރައްދުވާ ފަރާތްތަކަށް ދެވިފައިވާ އަނިޔާއާއި ގެއްލުމެވެ. ވެރިކަމުގެ ބާރު ބޭނުންކޮށްގެން ސަރުކާރުގެ އިންތިޒާމްގެ ދަށުން ދެވިފައިވާ އަނިޔާއާއި ގެއްލުމެވެ.

އަޅުގަނޑު މިއަދު ރައީސްކަމުގައި މިހުރި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އުފެދިގެން އައީވެސް، އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމްއަށް ބަދަލު ގެނައުމަށް އެތައް ބައިވަރު ރައްޔިތުންނެއް ތެދުވެގަތީވެސް ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ދެވޭ ލާއިންސާނީ އަނިޔާ ހުއްޓުވުމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖޭގެ ޖަލުތަކުގައި ދެވޭ އަނިޔާ ހުއްޓުވުނެވެ. ދިވެހިންނަށް އުއްމީދާއި ހިތްވަރު ލިބެން ފެށިއެވެ.

އުންމީދުގެ ހުޅުކޮޅު މިދަނީ އަނެއްކާވެސް ނިވެމުންނެވެ. ޖަލުގައި ދެވޭ އަނިޔާގެ ސަބަބުންނަށްވުރެ ބޮޑަށް ފުލުހުންގެ ތެރެއިން ބަޔަކާއި ސަރުކާރުގެ ބައެއް އިސްވެރިންނަށް އެނގިގެން މާލޭގައި އިންތިޒާމްވެގެން މީހުން ރަހީނު ކުރުމާއި، މީހުން މެރުމާއި، މުދަލުގައި ހުޅުޖެހުމާއި، ތޫނު ހަތިޔާރުން ހަމަލާދީ ހިންގާ މާރާމާރިތަކާއި ކުށްކުރާ ފަރާތްތަކާއި ގުޅިގެން ހިންގާ އަމަލުތަކުން ރައްޔިތުންނަށް ލިބޭ ގެއްލުން ނުހަނު ބޮޑެވެ.

މިހިނގައިދިޔަ 2014 ވަނަ އަހަރު ޖަނަވަރީ މަހުން 2 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރު އަލްހާން ފަހުމީގެ ބުރަކަށްޓަށް ވަޅިޖެހިއެވެ. މިއަދާ ހަމައަށްވެސް މިކަން ކުރިބަޔަކު ފުލުހުން ނުހޯއްދަވައެވެ. މިކަމާ ގުޅިގެން ހައްޔަރު ކުރި މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. 25 ޖެނުއަރީ 2014ވަނަ ދުވަހު ގެ ރޭ ލޮރީ ޑޮރައިވަރަކަށް މަސައްކަތް ކުރާ ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި، އެ މީހާގެ އަތުން ފައިސާ އާއި މޯބައިލް ފޯނެއް ފޭރިގަތެވެ. މި މާރާމާރި އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރެވި ދައުވާ އެއް އުފުލިފައެއް ނުވެއެވެ. 27 ޖެނުއަރީ 2014 ވަނަ ދުވަހު މާލޭގެ ތިން ސަރަހައްދެއްގައި މާރާމާރީ ހިންގައި ތިން މީހެއް ގަޔަށް ވަޅި ހެރިއެވެ. އެދުވަހުގެ ހަވީރުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި މާރާމާރިތައް ހިންގިއެވެ.ފުލުހުން ބުނީ އެންމެ ފުރަތަމަ ތޫނު އެއްޗަކުން ހަމަލާދިނީ އެދުވަހުގެ ހަވީރު ބޮޑުތަކުރުފާނު މަގުން، މެރީ ބްރައުން ރެސްޓޯރަންޓް ކައިރިން 18 އަހަރުގެ ޒުވާނަކަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެދުވަހު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނިގޮތުގައި އެރޭ ވެސް ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ. މީގެ ތެރެއިން 18 އަހަރުގެ ޒުވާނަކަށް ހަމަލާދިނީ މ. ޔާގޫތުގެ ކައިރިންނެވެ. އަދި 17 އަހަރުގެ ކުއްޖަކަށް ހަމަލާދިނީ އެ ހިސާބާ މާދުރު ނޫން ސަރަހައްދެއްގައި ހުރި އޭސް ހާޑްވެއާރ ކައިރިންނެވެ. މި ހަދިސާއާއި ގުޅިގެންވެސް މީހަކު ހައްޔަރުކޮށް ދައުވާ އުފުލިފައެއް ނުވެއެވެ. 03 ފެބުރުއަރީ 2014 ދުވަހުގެ ރޭ ހެންވޭރު އަޑިޕާކު ސަރަހައްދުގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ.ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ހަމަލާދީ އެ ކުއްޖާގެ ބޯ ފަޅާލާފައިވާ ކަމަށެވެ. އެ ކުއްޖާ އަށް ހަމަލާދިން މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. 04 އޭޕްރިލް 2014 ވަނަ ދުވަހު ގދ. ތިނަދޫގައި 79 އަހަރުގެ މީހެއްގެ ގަޔަށް ވަޅި ހަރާ ޒަހަމްކޮށްލިއެވެ. 18 މެއި 2014 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ހިނގި މާރާމާރިއެއްގައި ބ. ހިތާދޫ، ހީރާ، މުހައްމަދު ނައީމްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލިއެވެ. އަދި އެކަމާ ގުޅިގެން މީހަކު ހައްޔަރުކުރިކަން އެނގޭކަށް ނެތެވެ. 31 ޖުލައި 2014 ވަނަ ދުވަހު ކ. ތުލުސްދޫގައި މީހެއްގެ ގަޔަށް ވަޅި ހަރައި މަރާލިއެވެ. މާރާމާރި ހިންގި މީހާ އަމިއްލައަށް އިއުތިރާފްވީއެވެ. 02 އޮގަސްޓު 2014 ވަނަ ދުވަހު 18 އަހަރުން ދަށުގެ 2 ޒުވާނެއްގެގަޔަށް ވަޅި ހަރައި ޒަހަމްކޮށްލިއެވެ. އެދުވަހުގެ ހެނދުނު 9:50 ހާއިރު ހެންވޭރު އަޑި ޕާކުގައި ދިން މި ހަމަލާގައި އެކެއްގެ ބުރަކަށީގެ ތިން ތަނެއް ޒަހަމްކޮށްލާފައި ވާއިރު، އަނެއް މީހާގެ އަރިކައްޓަށް ވަނީ ވަޅި ހަރައިފަ އެވެ.ޒަޚަމްވި ދެ މީހުންނަކީ ހ. ޝައިބާން އަލީ އާރިފް އާއި މ. މިލަދޫ ދިއްގާމާގޭ މުހައްމަދު މާޒިން އެވެ. މިމާރާމާރިގައި މާޒިންއަށް ލިބުން ޒަހަމްތަކާ ގުޅިގެން އޭނާ ނިޔާވިއެވެ. މި މާރާމާރީއާ ގުޅިގެން ތުހުމަތު ކުރެވޭ ބަޔަކު ފުލުހުން ހައްޔަރުކޮށް ދައުވާކޮށްފައިވާކަން އެނގޭކަށް ނެތެވެ. 26 އޮކްޓޯބަރ 2014 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ޕޮލިސް ޓޯޔާޑް ކައިރިންމީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލިއެވެ. މިމާރާމާރިގައި މީހަކު ހައްޔަރުކޮށް ދައުވާކޮށްފައިވާކަން އެނގޭކަށްނެތެވެ.31 ޖުލައި 2014 ވަނަ ދުވަހު ސްކޫޕް ގޯޅިތެރޭގައި ޒުވާނެއްގެ ގަޔަށް ވަޅިހަރައި ޒަހަމްކޮށްލިއެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 22 އަހަރުގެ ފިރިހެނެއްގެ ގަޔަށް ވަޅި ހެރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެރޭ 10:40 ހާއިރު ކަމަށެވެ. މި ހަމަލާގައި ޒަޚަމްވެފައިވަނީ ގދ. ރަތަފަންދޫ، ގުލްޝަންގޭ، އައްޒާމް ހަސަން އެވެ.އޭނާގެ ކަރަށް ވަޅި ހަރާފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. 01 އޯގަސްޓް 2014 ވަނަ ދުވަހުގެ ރޭ ވެސް މާލޭގައި މީހަކަށް ވަޅިން ހަމަލަދީ އެމީހާ ޒަހަމް ކޮށްލިއެވެ. މިމައްސަލަ ފުލުހުން ތަހުޤީގް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިނަމަވެސް، މި މާރާމާރި އާއިގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލިފައެއް ނުވެއެވެ. 23 އޯގަސްޓް 2014 ވަނަ ދުވަހު ޗާންދަނީ މަގު ސްމާޓްފޯން ކައިރިން އޮންނަ ގޯޅި ތެރޭގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލިއެވެ. ޒަހަމްކޮށްލެވުނު މީހުންނަކީ ކ.ގުރައިދޫ، އުމުރުން 20 އަހަރުގެ އަޒުމް އަބްދުﷲ މާޖިދުއާއި ތ.ތިމަރަފުށީ ބްލޫނިއާގޭ އަސީލް އަހްމަދު، 19، އަދި އުމުރުން 13 އަހަރުގެ ކުޑަކުއްޖެކެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ ހަމަލާ ދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަމަށެވެ. އެ މީހުން ބުނި ގޮތުގައި އެކެއްގެ ބޯ ޒަހަމްވެފައި ވާއިރު އަނެއް ދެ މީހުންގެ ބުރަކަށި ވަނީ ޒަހަމްވެފަ އެވެ. ހަމަލާ ދިން މީހުން އެކަން ކުރުމަށް ފަހު ސައިކަލުގައި ފިލައިގެންދިޔައީއެވެ. މި މާރާމާރި ހިންގި ބައެއް ފުލުހުން ނުހޯދައެވެ. 12 އެޕްރީލް 2014 ވަނަ ދުވަހު، ކުރީގެ ޖެންޑަ މިނިސްޓަރު ޑރ.އާމާލް އަލީގެ ގެއަށް މީހަކު ވަދެ އެބޭފުޅާއަށް ވަޅިން ބިރުދެއްކުމަށް ފަހު އެބޭފުޅާގެ މޮބައިލް ފޯނު ފޭރިގަތެވެ. މިކަން ކުރި ބަޔަކު ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. 3 އޮކްޓޯބަރު 2014 ވަނަ ދުވަހު މެންދުރު ފަހު ހިންގި މާރާމާރީއެއްގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލިއެވެ. 9 އޮކްޓޯބަރު 2014 ވަނަ ދުވަހުރ.މަޑުއްވަރީގައި ޗޭނަކުން އަންހެންކުދިންތަކަކަށް ހަމަލާދީ މާރާމާރީ ހިންގިއެވެ.2 ނޮވެމްބަރު 2014 ވަނަ ދުވަހު ކަލާފާނު ސްކޫލް ކައިރީގައި ހުންނަ ކޭމާޓު ހޮޓަލުގައި ސައިބޯން އިން ދެމީހެއްގެ ގަޔަށްސައިކަލްގައި އައި ބަޔަކު ވަޅި ހަރައި އެމީހާ ޒަހަމް ކޮށްލިއެވެ. މިކަންވެސް ފުލުހުން ނުހޯއްދަވައެވެ.16 ނޮވެމްބަރު 2014 ވަނަ ދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި 22 އަހަރުގެ ފިރިހެނަކަށްހަމަލާދީ ވަރަށް ބޮޑަށް އެމީހާ ޒަޙަމްކޮށްލިއެވެ. މިމާރާމާރީގައި އެޒުވާނާގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދީ ޒަހަމުކޮށްލާފައިވެއެވެ. މިމައްސަލަވެސް ވަނީ ނުހޯދިއެވެ. 7 ޑިސެމްބަރު 2014 ވަނަ ދުވަހު ތޫނުއެއްޗަކުންހަމަލާދީސ. މަރަދޫ، އަހްމަދުމަފާޒު، 28 މަރާލިއެވެ. އެނާވެސް މަރާލާފައިވަނީ މާލޭގައެވެ.

މީހުން މެރުމުގެ އިތުރުން 2014 ވަނަ އަހަރަކީ ރައްޔިތުން ގެއްލުވާލުމާއި މީހުން ވަގަށް ނެގުން ފަދަ ބިރުވެރި އެތައް ޙަދިޘާތަކެއް ހިނގި އަހަރެކެވެ. 8 އޮގަސްޓު 2014 ވަނަ ރޭ ހުޅުމާލޭގައިވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލާފައިވާތާ މިއަދަށް 124 ދުވަސް ވެއްޖެއެވެ. ރިލްވާން ގެއްލުވާލުމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ފޮރުވައި ރިލްވާން ހޯދުމުގައި ނުވަތަ ރިލްވާނަށް ވީގޮތް ހޯދުމުގައި ސަރުކާރުން ވަނީ އިހުމާލްވެފައެވެ. މީގެ ކުރިންވެސް މިބާވަތުގެ ޙާދިޘާތައް ވަނީ ހިނގާފައެވެ. އެހެންނަމަވެސް މިފަދަ ކަންކަން ތަޙްޤީޤްކޮށް މިކަންކަން ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައި ނެތެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ބިދޭސީއަކު ގަދަކަމުން 3 ދުވަހު އޭނާ ކޮޓަރީގައި ބަންދުކޮށްފައިވެއެވެ. މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހަރުކަށި ދީނީ ފިކުރުގެ މީހުން މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކާ ގުޅިގެން ޒުވާނުންތަކެއް ގަދަކަމުން އެކަހެރި ތަންތަނަށް ގެންގޮސް ބިރުދައްކާފައިވެއެވެ. މިއީ އާންމުންގެ ތެރޭގައި އަދި މީޑީޔާ ތަކުގައި ރިޕޯޓު ކުރެވިފައިވާ ޚަބަރުތައް ކަމުގައި ވީނަމަވެސް ފުލުހުން މިކަން ތަހްޤީޤްކޮށް އެކަން ކުރިބައެއްގެ މައްޗަށް ފިޔަވަޅު އަޅުއްވާފައެއް ނުވެއެވެ. އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ބިދޭސީއަކު ތިލަފުށީ ކައިރީގައި އޮތް އުޅަނދެއްގައި ބަނދެފައި ގަދަކަމުން މާލެ ގެނެސްފައިވެއެވެ. އޮގަސްޓު މަހުގެ 20 ވަނަ ދުވަހު 6 ބަންގްލަދޭޝް ރައްޔިތުން ގަދަކަމުން ބަންދުކޮށްފައިވެއެވެ. މިބާވަތުގެ ކަންކަމާމެދު ފިޔަވަޅު އަޅުއްވާފަވާކަން އެނގޭކަށް ނެތެވެ. ފާއިތުވީ އަހަރުގެ ތެރޭގައި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި އެތައް ގުނައަކުން ވަނީ ދަށްވެގެންގޮސްފައެވެ. ނޫސްވެރިންނަށް ބިރުދެއްކުމާއި ސޯޝަލް މީޑިޔާގައި ޙަރަކާތްތެރިވާ ޒުވާނުންނަށް އެކިގޮތްގޮތުން ބިރު ދެއްކުމަކީ އާންމުކަމެކެވެ. ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ސަރުކާރުން އިސްވެ ހުރަސް އަޅާފައިވެއެވެ.

މިއަހަރުގެ ތެރޭގައި ހިނގާފައިވާ މިފަދަ ހާދިޘާތައް ސަރުކާރުން ތަހްޤީޤު ކުރެއްވުމެއްނެތި ބޮޑެތި ކުށްވެރިން ރަށުގެ ތެރޭގައި ދޫވެފަވާކަން ފާހަގަކުރަމެވެ. އެމީހުންގެ މައްޗަށް ދައުލަތުން ދައުވާއެއް ކުރައްވާފައެއްނެތެވެ. މި ކަންކަން ތަހްޤީޤްނުކުރެވި ބޮޑެތި ކުށްވެރިން މުޖުތަމަޢުގައި ދޫވެފައިވުމަކީ ސަރުކާރުން ގަސްދުގައި ހިންގާ ސްޓޭޓް ސްޕޮންސަރޑް ޓެރަރިޒަމްއެވެ. މިފަދަކަންކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. އަދި ރައްޔިތުންގެ އެތައް ޙައްޤުތަކެއް ވަނީ ގެއްލިފައެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހު، މިއަދު އަޅުގަނޑު މިގޮވާލަނީ އިންސާފު ހޯދުމަށް އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި ލާއިންސާނީ އަނިޔާއާއި ދެކޮޅަށް ތެދުވުމަށެވެ.

What do you think?

Name (required) :

Email (required) :

Website :