ރައީސް މުޙައްމަދު ނަޝީދުގެ އޮފީގެ ނޫސް ބަޔާން

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރެލް ދައުވާ ކުރައްވައި 13 މާޗް 2015 ވީ ހުކުރު ދުވަހުގެ ރޭ ހުކުމް ކުރައްވާފައިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމަށް ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ ވަކީލުން މިއަދު އެދިވަޑައިގެންފިއެވެ. އަދި ހުކުރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އެމަނިކުފާނުގެ ވަކީލުން ޝަރީޢާތުގެ މަޖިލިހުގައި ދައްކަވާފައިވާ ވާހަކަތައް މަޙްޟަރު ކުރުމަށްޓަކައި ބަޔާންތަކުގައި ސޮއި ކުރެއްވުމަށް ވަކީލުންނަށް ކްރިމިނަލް ކޯޓުން އަންގަވާފައިނުވާކަމާއި، ހުކުމް ކުރެއްވުމަށްފަހު އަމަލުކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ހުކުމުގެ އަސްލާއި ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު ރައީސް ނަޝީދާއި ހަވާލު ކުރައްވާފައި ނުވާކަން ފާހަގަ ކުރަމެވެ.

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުގެ އަންގަވާފައިވަނީ އެ ރިޕޯޓު ފޯރުކޮށްދެވޭނީ 7 ދުވަހާއި 14 ދުވަހުގެ ތެރޭގައި ކަމުގައެވެ. ކްރިމިނަލް ކޯޓުން މިގޮތަށް އަންގަވާފައިވާހިނދު، ދިވެހިރާއްޖޭ ސުޕްރީމް ކޯޓުން 27 ޖަނަވަރީ 2015 ވަނަ ދުވަހު ނެއްރުވާފައިވާ ސަރކިއުލަރއިން ފުރަތަމަ މަރުހަލާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއަ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ހުކުމްތަކާއި ނިންމުންތައް އިސްތިއުނާފް ކުރުމަށް މީގެ ކުރިން ޢަމަލު ކުރަމުން އައި އުސޫލަށް ވަނީ ބަދަލު ގެންނަވާފައެވެ. މި ސަރކިއުލާއިން އިސްތިއުނާފް ކުރުމުގެ މުއްދަތު 90 ދުވަހުން 10 އަށް ވަނީ ބަދަލުކުރައްވާފައެވެ. އެހެންކަމުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވާ ކޮންމެ ދުވަހަކީ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުރަސް އެޅޭ ކަމެއްކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

2015 ފެބްރުއަރީ 22 ވަނަ ދުވަހު ރައީސް ނަޝީދު ހައްޔަރުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރެލްގެ އެދިލެއްވުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ހައްޔަރުކުރުމުގެ ކޯޓު އަމުރުގެ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުން މިއަދު 2 ޖަހާއިރު ތާވަލްކޮށްފައިވީނަމަވެސް އެ ޝަރީޢާތުގެ އަޑުއެހުމަކީ އާންމުންނަށް ބަންދު ކުރެވިފައިވާ ޝަރީޢަތުގެ އަޑުއެހުމެކެވެ. ޝަރީޢަތްތައް ބަންދުކޮށްގެން ކުރިއަށް ގެންދިއުމަށް ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މިމައްސަލައިގައި މެދުވެރިވެފައި ނުވާކަން ފާހަގަ ކުރަމެވެ.

އެހެން ކަމުން 2015 ފެބްރުއަރީ 22 ވަނަ ދުވަހު ރައީސް ނަޝީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެެރުއްވި އަމުރުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ހުޅުވާލެވިފައިވާ ޝަރީޢަތަކަށް ހެދުމަަށާއި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން 2015 މާޗް 13 ވީ ހުކުރު ދުވަހު ކުރެއްވި ހުކުމް ވީއެންމެ އަވަހަށް އިސްތިއުނާފް ކުރުމަށް ބޭނުންވާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ފޯރުކޮށްދެއްވުމަށް ގޮވާލަމެވެ. މިރިޕޯޓު ލިބުން ލަސްވާ ކޮންމެ ދުވަހަކީވެސް ޤާނޫނު އަސާސީން ރައީސް ނަޝީދަށް ލިބިދީފައިވާ އިސްތިއުނާފް ކުރުމުގެ ހައްޤުން އެމަނިކުފާނު މަހުރޫމް ކުރެވޭ ކަމެކެވެ.

What do you think?

Name (required) :

Email (required) :

Website :