ހައިކޯޓުގެ އިސްތިއުނާފް މައްސަލައާ ގުޅޭ ނޫސް ބަޔާން

ޕްރޮސެކިއުޓަރ ޖެނެރެލްގެ އެދިލެއްވުމުގެ މަތިން 2015 ފެބްރުއަރީ 22 ވަނަ ދުވަހު މެންދުރު 2.30 ގައި ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކޮށް، ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރު ބާޠިލް ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ބަންދު އަމުރުގެ މައްސަލަ އެ ކޯޓުން ވަނީ ބާޠިލް ކުރައްވާފައެވެ. ކޯޓުން މައްސަލަ ބާޠިލް ކުރެއްވީ ރައީސް ނަޝީދު އެމައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ހައިކޯޓުގެ ފަނޑިޔާރުންގެ އަރިހުގައި ޤަނޫނު އަސާސީން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ ޢާންމުކޮށް ހުޅުވާލެވިގެންވާ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވައި ދެއްވުމަށް އެދިވަޑައިގަތުމުންނެވެ.

އެހެންނަމަވެސް ފަނޑިޔާރުން ވިދާޅުވީ ބަންދު އަމުރުގެ މައްސަލަތަކުގައި ޢާންމުކޮށް ހުޅުވާލެވިގެންވާ ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވޭނެ ކަމަށެވެ. ބަންދުގެ އަމުރުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި ކޯޓު ތަކުގެ ޤަނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކުރާ ޝަރީޢަތެއްކަމުގައި ނުވަތަ ޝަރީޢަތަކުން ބައެއް ޢާންމުކޮށް ހުޅުވާލައިގެން ނުބޭއްވޭނެ ސަބަބުތައް ކަމަށް ބަޔާންކޮށްފައިވާ އެއްވެސް ސަބަބަކަށް ނިސްބަތް ނުވާ މައްސަލައެކެވެ. ޤަނޫނު އަސާސީގައި ބަޔާން ކުރެވިފައިވަ ސަބަބުތަކަކީ މުޖުތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމަށްޓަކައި ނުވަތަ މުޖުތުމަޢުގެ އަމަން އަމާންކަން ޤާއިމުކުރުމަށްޓަކައި ނުވަތަ ޤައުމީ ސަލާމަތަށް ބުރު އެރުވިޔަ ނުދިނުމަަށްޓަކައި ނުވަތަ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ މީހެއްގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ނުވަތަ އަދުލު އިންސާފް ޤާއިމުކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުމަށްޓަކައެވެ.

އިސްވެ ދެންނެވުނު ސަބަބުތަކަށް ބަލާއިރު ބަންދުގެ އަމުރުތަކުގެ މައްސަލަތަކުގެ ޝަރީޢަތް ޢާންމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް މުތުލަޤު އިޚްތިޔާރީ ބާރެއް ލިބިފައިނުވާކަން ފާހަގަ ކުރަމެވެ.

ޤާނޫނު އަސާސީންނާއި ޤާނޫނުން ލިބިފައިވާ ޙައްޤުތަކާއި ޤާނޫނީ ރައްކާތެރިކަން ނުލިބޭގޮތަށް ހައިކޯޓުން މައްސަލަތަކުގެ ޝަރީޢަތް ހިންގެވުމަކީ އިސްތިޢުނާފް މަރުޙަލާގެ ކޯޓުތަކަށް ރައްޔިތުންގެ އިތުބާރު ގެއްލި އިސްތިޢުނާފް ކުރުމުގެ މާނަ ގެއްލޭ ކަމެކެވެ.

What do you think?

Name (required) :

Email (required) :

Website :