ރައީސް މުޙަންމަދު ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ މަޢުލޫމާތު އެމަނިކުފާނުގެ ހުއްދަ ނެތި ޢާންމު ނުކުރަމަށް ސަރުކާރަށް އިލްތިމާސް ދަންނަވަން

ރައީސް މުޙަންމަދު ނަޝީދުގެ އާލާސްކަންފުޅާއި ގުޅޭގޮތުން ރައީސް މުޙަންމަދު ނަޝީދު ބެއްލެވި ޑޮކްޓަރުން ރައީސް މުޙައްމަދު ނަޝީދަށް ދެއްވާ ލަފައާއި ރައީސް މުޙައްމަދު ނަޝީދުގެ ބައްޔާގުޅޭ އެކިއެކި މަޢުލޫމާތު ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަސީރު ޢާންމު ކުރައްވަމުން ގެންދަވާ ކަމީ މިއޮފީހުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި ސަރުކާރުގެ ޒިންމާދާރުކަން ކުޑަ އެ ޢަމަލު މިއޮފީހުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ރައީސް މުޙަންމަދު ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ މަޢުލޫމާތަކީ އެމަނިކުފާނުގެ އަމިއްލަފުޅު ޒާތީކަމަކަށްވެފައި، އެކަމުގެ މަޢުލޫމާތު ހާމަކުރެވެންވާނީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިންނަވާ ފަރާތަކުން ބޭނުންފުޅުވެވަޑައިގަންނަވާ މިންވަރަކަށެވެ. ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، އަނެކުންނާ ކުރާ ޒާތީ މުޢާސަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަން ކަމުގައި ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ރައީސް މުޙަންމަދު ނަޝީދާއި އެމަނިކުފާގެ ސިއްޙީ ޑޮކްޓަރާ ދެމެދު ކުރެވޭ މުޢާސަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ މުޢަސަލާތުތަކެކެވެ.

މީގެއިތުރުން، ރައީސް މުޙަންމަދު ނަޝީދު އެންމެ ފަހުން ޑަކްޓަރަށް ގެންދެވުނު ދުވަހު އެމަނިކުފާނަށް އެރުވި ސިއްޙީ ލަފަޔާއި، އިރުޝާދުގެ ވާހަކަ ބަޔާންވެފައިވާ މެޑިކަލް ލިޔެކިޔުންތައް، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ޙަވާލުކުރުމަށް ޚުދު އެމަނިކުފާނު އެދިވަޑައިގެންފައިވީ ނަމަވެސް، އެ ލިޔެކިޔުންތައް ވަކީލުންނާ ޙަވާލުނުކޮށް އެލިޔެކިޔުމުގައި ހުރި މަޢުލޫމާތު ސޯޝަލް މީޑިޔާގައި ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރ އާންމު ކުރައްވަމުން ގެންދަވާ ކަމަކީ މިއޮފީހުން ދެކޭ ގޮތުގައި ވަރަށް ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ.

އެހެންކަމުން ރައީސް މުޙަންމަދު ނަޝީދުގެ އަމިއްލަފުޅު ޒާތީ ދިރިއުޅުމާއި، ޒާތީ މުއާސަލާތުތަކާ ގުޅޭ މަޢުލޫމާތު ރައީސް މުޙަންމަދު ނަޝީދުގެ ހުއްދަ ނެތި ޢާންމު ނުކުރަމަށް ސަރުކާރަށް އިލްތިމާސް ދަންނަވަމެވެ. އަދި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ މިފަދަ ކަންކަން ކުރުން ހުއްޓާލުމަށްވެސް ސަރުކާރަށް ދަންނަވަމެވެ.

What do you think?

Name (required) :

Email (required) :

Website :