އުތުރުކޮރެޔާއާއެކު ތެލުގެ ވަގު ވިޔަފާރިކޮށްފައިވަނީ 2004 ވަނަ އަހަރު ބަރުމާއާއެކު އެކަން ހިންގާފައިވާ ގޮތާ އެއް ތައްގަނޑަކަށް، މި ވަގު ވިޔަފާރިތަކުގެ މޭސްތިރިއަކީ ރައީސް ޢަބްދުﷲ ޔާމީން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގްރީން ބޮކްސްގެ ތެޔޮ ބޯޓާއި ރައީސް ޢަބްދުﷲ ޔާމީނާ ހުރި ގުޅުން ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާތީ އެކަމާމެދު ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއިން ކުއްލިގޮތަކަށް އެކަމުގައި ރައީސް ޔާމީންގެ މައްޗަށް ދޮގު ތުހުމަތު ކުރާ ކަމުގައި ނިންމަވާފައިވާ ނިންމުމާ މެދު ކަންބޮޑުވެއެވެ. އަދި މި ކަން ހިނގާފައިވާ ގޮތް ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ، ޕްރޮފެޝަނަލް ތަޙްޤީޤެއް ކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސް ކުރަމެވެ.

ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އުތުރުކޮރެޔާއާއެކު ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރިތައްހިންގާފައިވަނީ ބަރުމާގެ އަސްކަރިއްޔާއާކު 2004 ވަނަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން ހިންގި ވަގު ވިޔަފާރިއާ އެއް ތައްގަނޑަކަށެވެ. މި ވަގު ވިޔަފާރީގެ މުޢާމަލާތް އެސްޓީއޯއިން 2004 ވަނަ އަހަރު ހިންގިއިރު އެ ކުންފުނީގެ ޗެއާމަނަކަށް ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޔާމީނެވެ. އެހެންކަމުން އުތުރުކޮރެޔާއާއެކު ހިންގާފައިވާ ވަގު ވިޔަފާރީގެ މޭސްތިރިއަކީވެސް ރައީސް ޢަބްދުﷲ ޔާމީންކަމުގައި ބެލެވޭތީވެ، އެ މައްސަލަ ފުލުހުން ތަޙްޤީޤްކުރެއްވުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

ރައީސް ޢަބްދުﷲ ޔާމީން 2004 ވަނަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ޗެއާމަންގެ މަޤާމުގައި ހުންނަވަައިގެން އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ބައިނަލްއަޤްވާމީ މިންގަނޑުން ބޮޑެތި ޖިނާޢީ ކުށްތަކަށް އަރައިގަނެފައިވާ ބަރުމާގެ އަސަަކަރިއްޔާއާއި ތެލުގެ ވަގު ވިޔަފާރިކޮށްފައިވާކަމަށް ތުހުމަތު ކުރެވުނެވެ. އެހެންކަމުން އެކަން ތަހްޤީޤްކޮށް ބަލައިދިނުމަށް މިފަދަ ތަހްޤީޤްތައް ކުރުމުގެ އެންމެ ގާބިލް އެއް ފަރާތް ކަމުގައިވާ ބައިނަލްއަޤްވާމީ ފަރާތެއްކަމުގައިވާ ގްރާންޓް ތޯންޓަން އާއެކު 2010 ދައުލަތުން އެއްބަސްވުމެއް އެކުލަވާލިއެވެ. ދައުލަތުން އެއްވެސް ޚަރަދެއް ނުކޮށް ތަހްޤީޤްކުރުމަށާއި، ކޯޓު މަރުހަލާ ނިިމި ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްފަހު (އެސެޓް ރިކަވަރީ)، އެ ހޯދުނު ފައިސާގެ ވަކި އިންސައްތައެއް ތަހްޤީޤް ހިންގި ފަރާތްކަމުގައިވާ ގްރާންޓް ތޯންޓަންއަށް ދިނުމަށް އެއްބަސްވެވުނެވެ. އަދި އެ ތަހްޤީޤް އެއްވެސް މަރުހަލާއެއްގައި މަޑު ޖައްސައިފިނަމަ ދައުލަތުން ފައިސާ ދައްކަން ޖެހޭނެ ކަމުގައިވެސް އެ އެއްބަސްވުމުގައިވެއެވެ.

2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ފުރޮޅިގެންދިޔައިރު، މި ތަހްޤީޤް ނިމި އަދި މައްސަލަ ކޯޓަށް ހުށަހަޅަން ޖެހޭ ހުރިހާ ތައްޔަރީތައް ވަނީ ނިމިފައެވެ. އެހެންނަމަވެސް 10 މިލިއަން ޑޮލަރު ދެއްކުމަށްފަހު ގްރާންޓް ތޯންޓަންއާއެކުވެފައިވާ އެއްބަސްވުން ކުއްލިގޮތަކަށް 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ފުރޮޅުމަށްފަހު ބާތިލްކުރިއެވެ.

މި ތަހްޤީޤުން އެނގި ހާމަވިގޮތުގައި އެސްޓީއޯގެ ވެރިއެއްގެ ގޮތުގައި ރައީސް ޔާމީން ހުންނަވައިގެން 2004 ވަނަ އަހަރު ބަރުމާއާއެކު 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މުޢާމަލާތް ހިންގެވި ކަމެވެ. އަދި އެކަން ކުރެއްވި ގޮތުގެ ފުރިހަމަ ތަފްސީލް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގައާއި މޯލްޑިވްސް ޕޮލިސް ސާވިސްގައި މިހާރުވެސް ހުންނާނެއެވެ.

ސެޕްޓެމްބަރ 3 ގައި އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ ބަލައި ތަހްޤީޤްކުރުމުން ހާމަވަނީ އދ. ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެޔާއާއެކު ދިވެހި ދިދަ ބޭނުންކުރާ އުޅަނދުތަކުން ތެލުގެ ވަގު ވިޔަރފާރި ކުރަމުން ގޮސްފައިވަނީ 2004 ވަނަ އަހަރު އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބަރުމާގެ އަސްކަރިއްޔާއާއެކުވެސް އެ މުޢާމަލާތް ހިންގާފައިވާ ގޮތަށެވެ.

މި މައްސަލައަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅުން ހުރި ކަމެއްކަމުގައިވާތީވެ އެއްވެސް ސިޔާސީ ނުފޫޒެއްނެތި މިކަން ހިނގައިދިޔަ ގޮތް ތަޙްޤީޤްކުރުމަކީ މިއަދު ދިވެހި ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ލާޒިމް ކަމެކެވެ. ލަސްނުކުރައްވައި މިކަން ބެއްލެވުމަށާއި ސިޔާސީ ނުފޫޒަށް ބޯނުލެބުމަށް ދިވެހި ފުލުހުންނަށާއި ސިފައިންނަށް އިލްތިމާސްކުރަމެވެ.

What do you think?

Name (required) :

Email (required) :

Website :