ރިޔާސީ އިންތިޚާބު ނިމެންދެން ރައީސް މުޙަންމަދު ނަޝީދުގެ ޝަރީޢަތާ ގުޅޭ ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްދެއްވުން އެދިވަޑައިގެން ހައިކޯޓަށް ހުށަހަޅުއްވައިފި

ރިޔާސީ އިންތިޚާބު ނިމެންދެން ރައީސް މުޙަންމަދު ނަޝީދުގެ ޝަރީޢަތާ ގުޅޭ ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްދެއްވުން އެދިވަޑައިގެން ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ޓީމުން މިއަދު ހައިކޯޓަށް ހުށަހަޅުއްވައިފިއެވެ

ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީޢަތް ފަސްކޮށްދެއްވުން އެދިވަޑައިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި އިލްތިމާސްއާ މެދު 6 މާރޗް 2013 ދުވަހު އެކޯޓުން ނިންމެނީ ހަތަރު ހަފްތާއަށްފަހު ޝަރީޢަތްކުރިއަށް ގެންދެވުމަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ދައުވާކުރައްވާ ފަރާތުން އެ ޝަރީޢަތް ރިޔާސީ އިންތިޚާބަށްވުރެ ފަސްކޮށްލެއްވުމާ މެދު އިޢުތިރާޟް ނުކުރައްވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އެ ނިންމަވާފައިވަނީ ރައީސް މުޙަންމަދު ނަޝީދު ކުރެއްވި އިލްތިމާސްއާއި ދެކޮޅަށެވެ

2013 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނިމެންދެން ރައީސް މުޙަންމަދު ނަޝީދުގެ ޝަރީޢަތާ ގުޅޭ ކަންކަން ފަސްކޮށްދެއްވުމަށް މިއަދު ހައިކޯޓަށް ހުށަހަޅުއްވާފައިވަނީ “ބެލެނިވެރިކަމުގެ އިޙްތިޞާޞްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ޤަވައިދު” ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދޭ އިޙްތިޞާޞްއަށް ރިޢާޔަތްކުރައްވައެވެ

ރައީސް މުޙަންމަދު ނަޝީދަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެމަނިކުފާނު އިންތިޚާބުކޮށްފައިވާތީ އެ އިންތިޚާބުގައި ކުރިމަތިލެއްވުންވެފައިވަނީ ޤާނޫނީ ވާޖިބެއްކަމުގައި ރައީސް މުޙަންމަދު ނަޝީދުގެ ޓީމުން ފާހަގަކުރައްވައެވެ

މިނިވަން ޝަރުޢީ ނިޒާމުތަކާއި ދިމިޤްރާތީ މުޖްތަމަޢުތަކުގެ އުޞޫލުތަކާއި ހަމަތައް ނަގަހައްޓަވައިދެއްވުމުގެ އަހައްމިއްޔަތުކަން ރައީސް މުޙަންމަދުގެ ޤާނޫނީ ޓީމުން މިއަދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު، ރިޔާސީ އިންތިޚާބަށްވުރެ ޝަރީޢަތް ފަސްކުރެއްވުމާ މެދު އިޢުތިރާޟް ނުކުރައްވާކަމަށް ދައުވާކުރައްވާ ފަރާތުން ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވާކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ. މިޝަރީޢަތް ރިޔާސީ އިންތިޚާބަށްވުރެ ފަސްކުރެއްވުމަކުން އެއްވެސް މީހެއްގެ ހައްޤަކަށް އުނިކަމެއް ނުލިބޭނެކަމުގައިވެސް ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ފާހަގަކުރައްވާފައެވެ

“އަޅުގަނޑުމެންގެ މިހުށަހެޅުން ހައިކޯޓުން ބައްލަވާދެއްވާނެކަމުގައި އަޅުގަނޑު ޤަބޫލުކުރަން. ސަޔާޅީސް ހާސް ދިވެހި ރައްޔިތުންނާއި ތާއިދުކުރައްވާ ފަރާތްތަކުން ރައީސް މުޙަންމަދު ނަޝީދަކީ އެބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓްކަމުގައި އެވަނީ ނިންމަވާފަ. ސާފު އަޣުލަބިއްޔަތަކުން ރިޔާސީ އިންތިޚާބު ރައީސް މުޙަންމަދު ނަޝީދު އިރާދަފުޅާއެކު ކާމިޔާބުކުރައްވާނެކަން އަޅުގަނޑުމެންގެ ކެމްޕޭންތަކުން ދަނީ ހާމަވަމުން.  މިބަޣާވާތުގެ ސަބަބުން ގެއްލުންވެފައިވަނީ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީގެ އިތުރުން ތަރައްޤީއާއި އިންވެސްޓަރުންގެ އިތުބާރަށްވެސްމެ. ޑިމޮކްރެޓިކް މެންޑޭޓެއް ނުވަތަ ޑިމޮކްރެޓިކް ހައްޤުތަކެއް ނެތް ސަރުކާރެއް އޮތަ ދީގެން އިތުރު ފަސް އަހަރު ބޭކާރުކޮށްލެވޭކަށް ނެތް. އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ބައިވެރިންވެސް އެގެންދަވަނީ ގިނަ ރައްޔިތުންތަކެއްގެ އެދިވަޑައިގެންނެވުމާ މެދު  ވިސްނަވާ ސިޔާސީ ޕާޓީތަކުން ކަނޑައަޅާ ކެނޑިޑޭޓުން ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭނެ އިންތިޚާބެއް ބޭއްވުމަށް ތަކުރާރުކޮށް ގޮވާލައްވަމުން. ޝަރީޢަތް ފަސްކުރެއްވުމާމެދު ދައުވާކުރައްވާ ފަރާތުގެ އިޢުތިރާޟެއް ނެތްކަމުން ހައިކޯޓުން އެ ޝަރީޢަތް ފަސްކޮށްދެއްވުމަށް ކަނޑައަޅުއްވައި ނުދެއްވާނެކަމަކަށް އަޅުގަނޑު ނުވިސްނަން”، ރައީސް މުޙައްމަދު ނަޝީދުގެ ތަރުޖަމާނު އަލުއްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވ

What do you think?

Name (required) :

Email (required) :

Website :