ރަނގަޅު ޤައުމިއްޔަތެއް ބޭނުންނަމަ، ވެރިކަން ބަދަލުވާންޖެހޭނީ އޮމާންކަމާއި ސުލްޙަވެރިކަމާ އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ.

ރަނގަޅު ޤައުމިއްޔަތެއް ބޭނުންނަމަ، ވެރިކަން ބަދަލުވާންޖެހޭނީ އޮމާންކަމާއި ސުލްޙަވެރިކަމާ އެކު ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ބޮޑު ޖަލްސާގައި ރޭ އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިންނަކީ ކޮންމެ ފަހަރަކުވެސް ހަވަރަށްދީގެން ނިމޭ ބަޔަކަށް ވެއްޖެނަމަ ދުވަހަކުވެސް އުޖާލާކަމެއް ޤައުމަށް ނާންނާނެކަމަށެވެ. ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީވެސް އަވަހާރަކޮށްލެވުނީ ހަވަރަށްދީގެން ކަމަށާއި، އަދި އަދަށްދާންވެސް އެމައްސަލަ ބެލި އިންސާފު ލިބިދެވިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، 2012 ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ބަދަލުކޮށްލުމުގައި ޤާނޫނާ ޚިލާފްވި ސިފައިންނާއި ފުލުހުންގެ މައްޗަށް ޝަރީޢަތް ހިންގަވާނެކަމަށާއި، ނަމަވެސް އެކަން ކުރައްވާނީ ބަދަލުހިއްޕެވުމުގެ ރޫޙެއްގައި ނޫންކަމަށާއި، އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އެކަން ކުރުން މުހިންމުވަނީކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ. މާތްވެގެންވާ އިސްލާމްދީންވެސް ގޮވާލަނީ ތަރައްޤީއަށްކަމަށާއި، ނަމަވެސް މިހާރު ވެރިކަމަށް އަރާ ތިބި ފަރާތްތަކުން އިސްލާމްދީން ހުއްޖަތެއްކަމަށް ހަދައިގެން ރައްޔިތުން ނިކަމެތިކުރުން ނޫންކަމެއް މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން ނުކުރާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ
ރާއްޖޭގެ ޚާރިޖީ ގުޅުންތައް މިހާރު ހީނަރުވަމުންދާ ދިއުމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މިއަދު މި ވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުއާ އެކަހެރިވެ އެކަނިވެރިވެފައިކަމަށާއި، ޚާރިޖީ ސިޔާސަތުތަކަށް ބަދަލުގެންނަން ޖެހިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިޔާއާއި އެކު އޮތް ގުޅުން މިއަދު ހީނަރުވެ، އީޔޫއިން ރުޅިވެ، އދ.އާ ވާހަކަނުދައްކާ އެމެރިކާއިން އެއްޗެހި ކިޔަމުންދާއިރު، އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރުގައި ޚާރިޖީ ސިޔާސަތުން ކާމިޔާބު ހޯއްދަވާފައިވާނެކަމަށެވެ. އެކަމުގެ މައްޗަށް މިސާލުދައްކަވަމުން ރައީސް ވިދާޅުވީ، އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުންނާއި އަދި ސީމެގުން ގޮނޑިއެއް ރާއްޖެއަށް ލިބުނީ އެމްޑީޕީގެ ތިންއަހަރުގެ ވެރިކަމުގައިކަމަށެވެ

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގައި މިހަފްތާ ބަންދުގައި ޒިޔާރަތްކުރީ އއ.ރަސްދޫގެ އިތުރުން އެއަތޮޅު އުކުޅަހަށާއި ތޮއްޑޫއަށެވެ. މިތިން ރަށަށްވެސް އެމްޑީޕީގެ ވަފުދާއެކު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތެވެ. އަދި އެރަށްރަށުގެ ރައްޔިތުންނަށް ބައްދަލުކޮށް ބައްދަލުވުންތައް ވަނީ ބާއްވާފައެވެ

What do you think?

Name (required) :

Email (required) :

Website :