ހުޅުހެންވޭރު ދާއިރާގެ ދޮރުން ދޮރަށް ހިނގުން ރައީސް ނަޝީދު މިއަދު ފައްޓަވައިދެއްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުރިއަށް  ގެންދާ “ވަޢުދާއި ހިނގުން” ކެމްޕެއިންގައި ހުޅުހެންވޭރު ދާއިރާގެ ޑޯޓުޑޯ މިއަދު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފައްޓަވައިދެއްވައިފިއެވެ. ހުޅުހެންވޭރު ދާއިރާގެ ޑޯޓުޑޯ ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު ހުޅުހެންވޭރު އެމްޑީޕީ ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަކަށްފަހުގައެވެ. މިއަދުގެ ޑޯޓުޑޯ ކެމްޕޭންގައި ރައީސް މުޙަންމަދު ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖްލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުއާއި މާލެ ސިޓީގެ މޭޔަރ މައިޒާން އަލިމަނިކު ބައިވެރިވެވަޑައިގެންނެވިއެވެ

ރައީސް ނަޝީދު މިއަދު ވަނީ ހުޅުހެންވޭރު ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި އެދާއިރާގެ ރައްޔިތުންގެ ހާލު ބައްލަވާލައްވާފައެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ކަންބޮޑުވުންތައް އެމްޑީޕީގެ ސަރުކާރެއްގައި ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ނަޝީދު ދެއްވިއެވެ. އަދި ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންވެސް ތިބީ ރައީސް މުޙަންމަދު ނަޝީދުގެ ފަހަތްޕުޅުގައި މިޤައުމު ތަރައްޤީކުރުމުގެ މަތިވެރި އަޒުމުގައިކަމަށް، އެދާއިރާގެ ގިނަ ރައްޔިތުން ހާމަކުރިއެވެ. އެމްޑީޕީން ކުރިއަށް ގެންދާ “ވަޢުދާއި ހިނގުން” ޑޯޓުޑޯ ކެމްޕެއިނަކީ، ރައްޔިތުންގެ ޚާލު އަހުވާލާއި، ރައްޔިތުންގެ ބޭނުންތައް ރައްޔިތުންގެ ފަރާތުން އަޑުއެހުމަށް އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. ޑޯޓުޑޯ ކެމްޕެއިންތަކުގައި އެއްކުރާ މަޢުލޫމާތުތަކަކީ، 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާ މެނިފެސްޓޯގައި ހިމެނުމަށް އެއްކުރެވޭ މަޢުލޫމާތުތަކެކެވެ. ހުޅުހެންވޭރު ދާއިރާގެ ކަންމަތީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ، ރޯޝަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތީގައެވެ. މި ބައްދަލުވުމުގައި ރައީސް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ

What do you think?

Name (required) :

Email (required) :

Website :