ރައީސް މުހަންމަދު ނަޝީދު އެކުވެރި ދައުލަތްތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެއާއިމެދު ބެއްލެވުން އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެންފި

އެކުވެރި ދައުލަތްތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެއާއިމެދު ބެއްލެވުން އިތުރުކޮށްދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު  އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މި މޭރުމުން އެދިވަޑައިގެންފައިވަނީ އިނގިރޭސި ޚާރިޖީ އޮފީހުގެ ދެކުނު އޭޝިޔާއަށާއި އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ މިސްޓަރ ނީލް ކްރޮމްޕްޓަން އެމަނިކުފާނުގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައެވެ. އެމްޑީޕީގެ ސެކްރެޓޭރިއެޓްގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި މެދު އެކި އޮޅުން މެދުވެރިވާ ފަދަ އަސްލެއް ނެތް މައުލޫމާތުތައް ދެހާސް އަށްވަނަ އަހަރުގެ އިންތިހާބުގައި ނާކާމިޔާބުވެ މިހާރު ވެރިކަމަށް އަރާ ތިއްބެވި ފަރާތްތަކުން އެކުވެރި ދައުލަތްތަކަށް ހުށަހަޅުއްވަމުން ގެންދަވާ މި ދުވަސްވަރު ރާއްޖެއާއި ބެހޭ މައުލޫމާތުތައް ފުރިހަމަކުރެއްވުމަކީ މުހިންމު ކަމެއްކަމުގައި ރައީސް މުހަންމަދު ނަޝީދު ފާހަގަކުރައްވާފައިވެއެވެ

ދިވެހިރާއްޖެއަށް ޑިމޮކްރަސީ ރުޖޫޢަކުރެއްވުމަށާއި ދިވެހިރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން މިހާރު މިވަނީ ވަރަށްވެސް މުހިންމުވެފައިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ

މިބައްދަލުކުރެއްވުމުގައި މިސްޓަރ ނީލް ކްރޮމްޕްޓަން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ހަމަހަމަ އިންސާފުވެރި އަދި ހުރިހާ ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ބައިވެރިވޭ ރިޔާސީ އިންތިހާބެއްގެ މުހިންމުކަން ، ރިޔާސީ ދައުރެއް ފުރިހަމަ ނުވަނީސް ރާއްޖޭގެ ވެރިކަން ބަދަލުކުރެވުމާ ގުޅިގެން އިނގިރޭސިވިލާތުން ފާހަގަކުރައްވަމުން ގެންދެވި ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، އެފަދަ އިންތިހާބަކަށް ބޭނުންތެރި ފަންނީ ތަމްރީނުތައް ހިންގެވުމަށް މިހާރުވެސް ކޮމަންވެލްތް މެދުވެރިކުރައްވައި އެހީތެރިވެދެއްވަމުން ގެންދަވާކަމުގައި މިސްޓަރ ނީލް ކްރޮމްޕްޓަން ވިދާޅުވިއެވެ

މި ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކުއާއި، ރައީސް މުހަންމަދު ނަޝީދުގެ ތަރުޖަމާނު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަނޭޝަނަލް އެފެއަރޒް ޙާމިދް އަބްދުލް ޣަފޫރުއާއި، އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިދާރީ އަލީ ޝިޔާމް އަދި އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އުމަރު ޢަބްދުއްރައްޒާޤް ބައިވެރިވެވަޑައިގެންނެވިއެވެ

What do you think?

Name (required) :

Email (required) :

Website :