ކޯޕަންހޭގަން ޔުނިވަރސިޓީގައި ރައީސް ނަޝީދު ތަޤްރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެ

ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް އިޤްތިޞާދެއްގެ ގޮތުގައި ބިނާކުރުމުގެ މައްޗަށް، އަލިއަޅުވާލައްވާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ޑެންމާކްގެ ޔުނިވަރސިޓީ އޮފް ކޮޕަންހޭގަންގައި ތަޤްރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ސަސްޓެއިނަބިލިޓީ ސައިންސް ސެންޓަރ އިން އިންތިޒާމްކޮށްގެން ޔުނިވަރސިޓީ އޮފް ކޮޕަންހޭގަންގައި “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް ގޮތެއްގައި ބިނާކުރާނީ ކިހިނެތް؟”، މި މައުޟޫގެ މައްޗަށް ރައީސް މުޙަންމަދު ނަޝީދު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސޯޅަ ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ތަޤްރީރުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާނެއެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ، ދުނިޔޭގެ އިޤްތިޞާދަކީ ކާބަން ނިއުޓްރަލް އިޤްތިޞާދަކަށް ބަދަލުކުރުންކަމުގައި އެމަނިކުފާނުގެ ތަޤްރީރުގައި ފާހަގަކުރައްވާނެއެވެ. އަދި ތިމާވެށްޓާ ރަށްޓެހި ސާފު ޓެކްނޮލޮޖީ ބޭނުންކޮށްގެން ލިބެން ހުރި ފުރުޞަތުތަކުގެ މައްޗަށާއި އަދި މި ލަނޑުދަނޑި ހާޞިލްކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަސްކަމުގައިވާ ތެލަށް ކުރަންޖެހިފައިވާ ބަރޯސާއިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާނެއެވެ.

ރައީސް މުޙަންމަދު ނަޝީދަކީ، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްއެވެ. އަދި އެމަނިކުފާނަކީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތައް ދުނިޔޭގެ ސަމާލުކަމަށް ގެންނެވުމުގައި، ބައިނަލައަޤްވާމީ އިޚްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

2009 ވަނަ އަހަރު އެމަނިކުފާނު ވަނީ، ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ނުރައްކާތަކުގެ މައްޗަށް ދުނިޔޭގެ ސަމާލުކަން ހޯއްދެވުމުގެ ގޮތުން މޫދު އަޑީގައި ވަޒީރުންގެ މަޖްލީހެއް ބާއްވަވާފައެވެ. އަދި 2020 ވަނަ އަހަރު އަންނަންވާއިރު ރާއްޖެއަކީ، ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމުގެ މަސައްކަތްޕުޅުތައް އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ.

ރައީސް މުޙަންމަދު ނަޝީދުގެ މަސައްކަތްޕުޅުތައް ފާހަގަކުރެއްވުމުގެ ގޮތުން ބައިނަލްއަޤްވާމީ އެތައް އެވޯޑެއް އެމަނިކުފާނު ވަނީ ޙާޞިލްކުރައްވާފައެވެ. އެގޮތުން، އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީގެ އުޞޫލުތައް ކުރިއެރުވުމަށާއި އަދި ތިމާވެށީގެ ހިމާޔަތުގައި ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވުމުގެ ގޮތުން އަނާ ލިންދް އެވޯޑް ލިބިވަޑައިގެންފައިވެއެވެ. އަދި އ.ދއިން ދޭ “ޗެމްޕިއަންސް އޮފް އަރތް” އެވޯޑާއި އަދި އެމަނިކުފާނުގެ ސުލްޙަވެރި ހަރަކާތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން “ޖޭމްސް ލޯސަން އެވޯޑް” 2012 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

What do you think?

Name (required) :

Email (required) :

Website :