ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން އެންމެ ބޮޑަށް ވަކާލާތުކުރާކަމަކީ، ރާއްޖެ ތަރައްޤީކުރުންކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން އެންމެ ބޮޑަށް ވަކާލާތުކުރާކަމަކީ، ރާއްޖެ ތަރައްޤީކުރުންކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރޭ ލާމު ހިތަދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތީ އުޖާލާ ތަނަވަސް މުސްތަޤްބަލެއްކަމަށާއި އެއީ ރަން ރީނދުލުގެ ދިދައިގެ ހިޔާވަހިކަމުގައި މިރާއްޖެ ތަރައްޤީކޮށް އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެން ހޯދުންކަމުގައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއިން އެންމެ ފުޅާކޮށް ހުށަހަޅާ ހުށަހެޅުމަކީ، ގެސްޓްހައުސްގެ ވިޔަފާރި މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގުންކަމަށެވެ. އަދި 2013 ވަނަ އަހަރު މިރާއްޖޭގައި އިރާދަކުރެއްވިއްޔާ އުފެދިގެން އަންނާނީ އަނެއްކާވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްކަމަށާއި އަޅުގަނޑުމެންގެ އަމާޒަކަށްވާނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ ފުރުޞަތު ހުޅުވާލުންކަމަށެވެ. އަދި އެއީ ދިވެހިރައްޔިތުންނަށާއި އަދި އާންމު ވިޔަފާރިވެރިންނަށްވެސް ކުރެވެން އޮތް ކަމެއްކަމަށާއި ވަރަށް ކުޑަ ރައުސްމާލަކުން ގެސްޓްހައުސްއެއް ހިންގިދާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުން އެކަން ކުރާ ފަރާތްތަކަށް 120 މިލިއަން ރުފިޔާގެ ހިލޭ އެހީއާއި އަދި 500 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ފަޅު ރަށްރަށުގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކުގައި 25000 އެނދު އެބަހުރިކަމަށާއި ނަމަވެސް އެމްޑީޕީގެ އަމާޒަކީ ގެސްޓްހައުސް ވިޔާފާރި ފުޅާކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއަދަދު ދެގުނަކުރުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ވިޔަފާރި ހިންގުމުގެ ސަބަބުން ރަށުގެ އާންމު ހާލަތު ރަނގަޅުވެ، ރަށުގެ އިޤްތިޞާދީ ދުވެލި ކުރިއަރައިދާނެކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެކަމަށާއި އަދި ގެސްޓްހައުސް ވިޔަފާރިއާ ގުޅުންހުރި އެހެން އިޤްތިޞާދީ ޙަރަކާތްތަށްވެސް ކުރިއަރައިދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2013 ގައި އުފެދިގެން އަންނަ އެމްޑީޕީ ސަރުކާރުން އެންމެންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލައްވާ ދެއްވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންވެސް، ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނަންފުޅު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގައި އޮންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އިރާދަކުރެއްވިއްޔާ އެއް ބުރުން އެމްޑީޕީ ކާމިޔާބުކުރާނަންކަމަށާއި އިންތިޚާބު ކާމިޔާބުކުރުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ދިވެހި ރައްޔިތުންގެ ފޮނި އުންމީދުތައް ހަޤީގަތަކަށް ހައްދަވައިދެއްވުންކަމަށެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :