ރައީސް ނަޝީދު، ނިލަންދެއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް މިއަދު ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، ނިލަންދެއަތޮޅު އުތުރުބުރިއަށާއި ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ފ.ފީއައްޔަށެވެ. ފީއައްޔަށް ރައީސް ނަޝީދު ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ފީއައްޔަށް ވަޑައިގެން ރައީސް ވަނީ އެރަށުގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ވަރކްޝޮޕް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި ފީއަލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިޚާބަކާ ދިމާއަށް އަޅުގަނޑުމެން ދަތުރުކުރާއިރު، ރާއްޖޭގެ ވެރިކަމުގައި މިހާރު ތިއްބެވީ ބޮޑުވެގެންވާ ޚަރާމްކަމެއް ކުރައްވައިގެން ތިއްބެވި ބާޣީންތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.

ފީއަލިން އެމަނިކުފާނު ފުރާވަޑައިގަތުމުގެ ކުރިން އެރަށުން އެމްޑީޕީއާ އަލަށް ގުޅި ވަޑައިގެންނެވި ބައެއް ބޭފުޅުންގެ ފޯމުތަކާ ރައީސް ނަޝީދު ޙަވާލުވެވަޑައިގެންނެވިއެވެ.

ފ.އަތޮޅުން އެމަނިކުފާނު ދެން ވަޑައިގެންނެވީ ދަރަނބޫދޫއަށެވެ. ދަރަނބޫދޫގެ ރައްޔިތުންވެސް ވަނީ ރައީސް ނަޝީދުއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ދަރަނބޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގެ ރަށްރަށުގައި ވަރަށް ފަސޭޙަކަމާއެކީ ހިންގެން އޮތް ވިޔަފާރިއެއްކަމަށާއި އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ ގެސްޓްހައުސް ވިޔަފާރި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފުޅާކޮށް އެކަން ކުރާ ފަރާތްތަކަށް އެހީތެރިވެދިނުންކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ރަށްރަށުގެ އާންމު އިޖްތިމާޢީ ހާލަތު އެތައް ތަނަކުން ރަނގަޅުވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ވަރކްޝޮޕް ދަރަނބޫދޫގައިވެސް ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވިއެވެ.

ރައީސް ނަޝީދު މިހާރު ވަޑައިގެން ހުންނެވީ ފ.އަތޮޅު ބިލެތްދޫގައެވެ. ބިލެތްދޫގެ ރައްޔިތުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި ރަށުގެ ރައްޔިތުންނާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ބިލެތްދޫގައިވެސް އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ރައީސް އިފްތިތާޙްކޮށްދެއްވިއެވެ.

މީގެ އިތުރުން މިރޭ ބިލެތްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ. މިރޭގެ ޖަލްސާގައި އެމަނިކުފާނުގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރައްވާނީ، ކުދި ސިޔާސީ ޕާޓީތަކުގެ އިއްތިހާދުން ރާއްޖޭގެ ތަރައްޤީއަށް ކުރިމަތިކުރުވާ ހުރަސްތަކުގެ މައްޗަށާއި އަދި ކުރިއަށް އޮތް އެމްޑީޕީ ސަރުކާރުގައި ގެންގުޅުއްވާނެ ސިޔާސަތުތަކުގެ މައްޗަށެވެ.

What do you think?

Name (required) :

Email (required) :

Website :