ދިވެހި ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށްޓަކައި ކައުންސިލްތަށް ވަރުގަދަކޮށް ބާރުވެރި ކުރުވަން ޖެހޭ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ދިވެހި ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށްޓަކައި ކައުންސިލްތަށް ވަރުގަދަކޮށް ބާރުވެރި ކުރުވަން ޖެހޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ހއ. ހޯރަފުށީ އެމްޑީޕީގެ “މެނިފެސްޓޯ އޮޑި” އިފްތިތާޙްކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމަށް، ކައުންސިލްތަކަށް ބާރުދީ ވަރުގަދަ ކުރަން ޖެހޭކަމަށާއި އެކައުންސިލްތަކަށް ޢާމްދަނީ ލިބޭނެ ގޮތް ހަމަޖައްސައި ދޭންވެސް ޖެހޭނެ ކަމަށެވެ.

އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްގައި ކޮންމެ ރަށު ކައުންސިލަކަށް ޢާމްދަނީ ހޯދުމަށް ފަޅު ރަށެއް ހަމަޖައްސަވައި ދެއްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެއެވެ. އަދި އެ ފަޅު ރައްރަށަކީ އެކައުންސިލްއެއް އެރަށެއްގެ ތަރައްޤީއަށްޓަކައި ބޭނުން ކުރެވޭނެ ރަށެއް ކަމުގައި އެމްޑީޕީއިން ހަދައި ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ” އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ރަށްތަކަށް ބާރުވެރިކަން ފޯރުކޮށްދިނުމަށް.

އެ ބާރުވެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނީ ކައުންސިލްތަކަށް ޢާމްދަނީ އިތުރުކޮށްގެން، ކައުންސިލްތައް ބާރުވެރިކަން ފޯރުކޮށްދެވޭނީ އެ ކައުންސިލްތަކަށް އެއްޗެއް ދީގެން” ކަމުގައެވެ. މިގޮތުން ކޮންމެ ރަށަކަށް ފަސްމިލިއަން ރުފީޔާ ޢާމްދަނީގެ ގޮތުގައި ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެކަން ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

2008 ވަނަ އަހަރު އަމަލުކުރަން ފެށުނު ޤާނޫން އަސާސީއަށްފަހު، ރައްޔިތުން އައީ ވަރަށްބާރަށް އެ ޤާނޫން އަސާސީ ބަލައިގަނެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހޯރަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި “އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވަމުން ދަނީ ވަރަށް ބާރަށް، މި ބާރު ބަދަލުގައި ޙާއްސަކޮށް އަޅުގަނޑުމެންގެ ރައްޔިތުންގެ ސިޔާސީ ވިސްނުން ދެ ޕާރޓީއަށް ބެހިގެން އެހެން ޑިމޮކްރަސީއަށް ފައްކާވެފައި ތިބި ޤައުމުތަކެކޭ އެއްފަދައިން ދެ ޕާރޓީއަކަށް މި ދަނީ ރަގަޅަށް ބެހެމުން” ކަމުގައި ވިދާޅުވިއެވެ.

2008 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލީއިރު އެއިރުގައި ރައީސް ކަމުގައި ހުންނެވި ރައީސް މަޢުމޫނަށް ބޮޑު ޢަދަދެއްގެ ތާޢީދު ލިބުމަށްފަހު ދެން އޮތީ އެއްވަރަކަށް ކުދި ޕާރޓީތަކަކަށް ބެހިފައި ކަމުގަޔާއި ނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު ދެންއައި މަޖިލިސް އިންތިޚާބާއި ކައުންސިލް ތަކުގެ އިންތިޙާބުން ފެނިގެން ދިޔާއީ އެމް.ޑީ.ޕީއާއި ޑީ.އާރް.ޕީ ފިޔަވައި އެހެނިހެން ގިނަ ކުދި ޕާޓީތައް މަދެވެގެން ދިޔަތަން ކަމުގަޔާއި ދެން ފެނިގެން ދިޔައީ ހަމަ ސީދާ ދެފިކުރަކަށް މިރާއްޖެ ބަދަލުވެގެން ދިޔަތަން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ ނިޒާމެއްގައި އިއްތިޙާދު ނުވެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ތަރައްޤީއަށް ހުރަސް އެޅޭނެ ކަމުގައި ރައީސް ނަޝީދު ތަކުރާރުކުރެއްވިއެވެ. އަދި އެކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެއްޖެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އެ ވެރިކަމުގެ ނިޒާމް ގަޑުބަޑު ކޮށްގެން ރައްޔިތުންނަށް ލިބޭ ގެއްލުން. މި ވެރިކަމުގެ ނިޒާމް ގަޑުބަޑު ކުރީމާ މި ރާއްޖޭގެ ތަރައްޤީއަށް އެޅޭ ހުރަސް، ރައްޔިތުންގެ ޢާއްމު ހާލަތަށް ލިބޭ ގެއްލުން. އަޅުގަނޑުމެން ރައްޔިތުންނަށް ސާފުވެއްޖެ. ފުޅާ އިއްތިހާދަކީ ކޮބައިކަން އެ އިއްތިހާދު ފުޅާވީމަ ރައްޔިތުންނަށް ދެން އެވާ ގެއްލުން” ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުގެ ސަބަބުން ތަރައްޤީއަށް ހުރަސް އެޅޭކަން ހޯރަފުށީން ވަރަށް ސާފުކޮށް ފެންނަމުންދާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “މި ހޯރަފުއްޓަށް ވި ގޮތް އަޅުގަނޑަށް ޔަޤީން ހޯރަފުށީ ރައްޔިތުންނަށް ސާފުވާނެ. ތިޔަބޭފުޅުންގެ ނަރުދަމާ ހުއްޓުނީ، ތިޔަބޭފޫލުންގެ މިސްކިތު މަސައްކަތް ހުއްޓުނީ، ތިޔަބޭފުޅުންގެ ބަދަރުމަތީ ޕްރޮގްރާން ހުއްޓުނީ، ތިޔަ ބޭފުޅުންގެ އާސަންދަ ބައިސަންދައަކަށް ބަދަލުވީ، ތިޔަބޭފުޅުންގެ ދަތުރު ފަތުރު ކުރުމުގެ ނިޒާމް ހުއްޓުނީ، ތިޔަ ބޭފޫޅުންގެ ހޮސްޕިޓަލުގައި ހުރި ގައިނަކޮލޮޖިސްޓުގެ ޚިދްމަތް ހުއްޓުނީ، ތިޔަ ބޭފުޅުންގެ ތަރައްޤީގެ އެންމެހައި ކަންކަން ހުއްޓުނީ” ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ، އެއީ ފުޅާ އިއްތިހާދާއި އަދި ވަކިން ޙާއްސަކޮށް ވެރިކަމުގެ ނިޒާމް ވަކި ގޮތަކަށް ޤާނޫން ޢަސާސީގައި ކަނޑައަޅާފައި ވަނިކޮށް، އެ ނިޒާމް ގަޑުބަޑު ކުރުމަށް މަސައްކަތް ކުރީމާ ދިމާވާ ބަދު ނަސީބު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް މި އޮތް ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން އެމްޑީޕީގެ ވާދަވެރިން ވާހަކަ ދައްކަވާ އިރުގައި އެ ބޭފުޅުން ވާހަކަ ދައްކަވަނީ އެ ރިޔާސީ އިންތިޚާބް ރާއްޖޭގެ ވެރިކަމަށް ދެން އަންނާނީ ކާކުތޯ އާއި މެދު ބޭއްވޭ ރިޔާސީ އިންތިޚާބެއްގެ ގޮތުގައިކަމެވެ. “ހައްހަތަހާވެސް އަޅުގަނޑުމެންނަށް މި އުފެއްދޭ ސުވާލަކީ ހިތުއެޅޭ ކަމަކީ، ރާއްޖޭގެ ވެރިކަމަށް ދެން އަންނާނީ ކާކުތޯ ހޯދުމަށް ބޭއްވޭ އިންތިޚާބެއްގެ ގޮތުގައި. ދަންނަވަންތޯ އަޅުގަނޑު ނުދެކެން މި ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ ވެރިކަމަށް ދެން އަންނާނީ ކާކުތޭ އޮޅުންފިލުވަން ބޭއްވޭ އިންތިޚާބެއް ކަމަކަށް. އަޅުގަނޑަށް ޔަޤީން ކަށަވަރު މި އިންތިޚާބަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ، ރާއްޖޭގެ ރަށްތަކުގެ ތަރައްޤީ އެންމެ ފުރިހަމައަށް ގެންދެވޭނީ ކޮންގޮތަކަށްތޯޔާ ގުޅޭ ގޮތުން ރައްޔިތުން އަހާ ސުވާލަށް ޖަވާބުދޭ އިންތިޚާބް” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :