ޤައުމު ތަރައްޤީ ކުރުމުގެ ސިޔާސަތުތަކަށް ޒުވާނުން ވޯޓް ދެއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ޤައުމު ތަރައްޤީ ކުރުމުގެ ސިޔާސަތުތަކަށް ޒުވާނުން ވޯޓް ދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ. ރޭ ތިމަރަފުށީ ހިއްކި ބިމުގައި ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގައި ފިކުރެއް އެބަ ހުރި ކަމަށާއި އެ ފިކުރަކީ، ދިވެހިރާއްޖެ ތަރައްޤީ ކުރުމުގެ ފިކުރު ކަމަށާއި މިއަދު ލިބޭ މިންވަރަށް ވުރެ، މާ ރަގަޅު އެއްޗެއް ހޯދައި ދިނުމުގެ ސިޔާސަތު ތަކެއް އެމްޑީޕީން މި ރާއްޖޭގައި ތަންފީޒް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.

ޒުވާނުންނާއި މަތީ ތައުލީމުގެ މައްޗަށް އަލިއަޅުއްވައި ލައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު އޯލެވެލް ހަދައިގެން ތަޢުލީމް ނިމުނީކަމަށް ދެވެކޭކަށެއް ނެތްކަމަށާއި، މަގުން ކައްސާލައިގެން ދިޔުމަކަށް އެކުދިން ދޫކޮށެއް ނުލެވޭނެ ކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ ޒުވާނުން މަތީ ތަޢުލީމްގެ ތެރޭގައި ނުވަތަ ހުނަރު ޕްރޮގްރާމްގެ ތެރޭގައި ނުވަތަ ޒުވާނުންނަށް ފައިދާ ކުރާނެ ކޮންމެވެސް ކަމެއްގެ ތެރޭގައި ގެންގުޅުން ކަމަށް ވިދާޅުވިއެވެ.

އުމުރުން 18 އަހަރުން މަތީގެ ކުދިންނަށް ވޯޓް ލުމުގެ ޙައްޤު ހޯދައިދިނުމަށް އެމްޑީޕީން ނުހަނު މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަށް އަލުން ވިސްނައި ރަނގަޅަށް ބެލުމަށް ހުރިހާ ޒުވާނުންނަށް ރައީސް ނަޝީދު ހަނދާން ކޮށްދެއްވިއެވެ. އަދި މިއަދު ޒުވާނުން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމަށާއި އެއީ ބޯޅަ ދަނޑުގެ ފަސްގަނޑު އެއްވަރު ކޮށްލުމަށް ނުވަތަ ބޯޅައަކަށް ނޫނީ ބޯޅަ ދަނޑުގައި ދިއްލާ ބައްތިއަކަށް ނޫނީ އެފަދަ ކުޑަކުޑަ ވަގުތީ ކަމަކަށް ޒުވާނުންގެ ސިޔާސީ ތާޢީދު ދޫކޮށް ނުލުމަށާއި ސިޔާސީ ތާޢީދު ވިސްނުމެއްގެ ތެރޭގައި ހިފެހެއްޓުމަށްވެސް ޒުވާނުންނަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.

މިއަހަރު އަލަށް ވޯޓުލެވޭ 30،000 ޒުވާނުން ތިބިއިރު އެކުދިން ވޯތުލުމުގައި ބައްލަވަންވީ ޤައުމުގެ ތަރައްޤީއާ މެދުގައި ކަމުގައި ރައީސް ނަޝީދު ތަކުރާރު ކުރެއްވިއެވެ. “އަޅުގަނޑު ހުރިހާ ކުދިންނަށްވެސް ދަންނަވާނީ އަޅުގަނޑު އަތަކު ނެތް ބޯޅަ ދަނޑު އެއްވަރު ކުރާނޭ ފައިސާއެއް، އަޅުގަނޑު އަތަކު ނެތް ބޯޅަ ދަނޑު ވަށައިގެން ދާ ޖެހޭނެ ލާރިއެއް، އަޅުގަނޑު އަތަކު ނެތް އަދި އެތައް މިލިއަން ރުފިޔާއެއްވެސް ދިދަ ދަމަން ދޭކަށްވެސް. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ އެބަހުއްޓޭ ވިސްނުމެއް، އަޅުގަނޑުމެން އެބަހުއްޓޭ ފިކުރެއް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރާއްޖެ ތަރައްޤީ ކުރާނަމޭ. އަޅުގަނޑުމެން ތިބޭފުޅުންނަށް މިއަދު ތިޔަ ލިބޭ މިންވަރަށް ވުރެ، މާ ރަގަޅު އެއްޗެއް ހޯދައި ދިނުމުގެ ސިޔާސަތު ތަކެއް މި ރާއްޖޭގައި ތަންފީޒް ކުރާނަމޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީ ސިޔާސަތު ތަކުގެ ތެރޭގައި ޒުވާނުންނަށް އެކަށީގެންވާ ސިޔާސަތު ތަކެއް އެކަށައެޅިފައިވާ ކަމަށާއި ފޫހިވެރިކަމުގައި ޒުވާނުން ދޫކޮށްނުލައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތު އަދި ތިބޭފުޅުންނަށް ފެންނާނެ. އެ ސިޔާސަތުން ތީގެން ހުރިހާ ކުދިންނަށްވެސް އިރާދަކުރެއްވިއްޔާ ކޮންމެސް އެއްޗެއް ފޯރުކޮށްދޭނަން. މިއަދު ދޫކޮށް ނުލައްވާތި ވޯޓު، މިއަދު އަޅުގަނޑުމެންނާއި ދުރަށް އެއްގޮތަކަށްވެސް ޖެހިވަޑައިގަންނަވައިގެން ނުވާ. އަޅުގަނޑުމެންނަކީ ޒުވާނުންގެ ޕާރޓީ. އަޅުގަނޑުމެންނަކީ ތިބޭފުޅުންގެ އިހްސާސްތައް ދަންނާނެވެސް ބަޔަކީ. ދާދި އިހަކަށް ދުވަހަކު އެ އުމުރު އަޅުގަނޑުމެންނަށް ގެއްލިގެން މިއުޅެނީ. ހަނދާން އެބަހުރި، އަދި ހަދާންވީ ގޮތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެނގޭނެ. ތިބޭފުޅުންނަށް ދެވަނަ ފުރުސަތުވެސް އަޅުގަނޑުމެން ދޭނަން އަދި ޑްރަގްގެ އަވައިގައި ޖެހިގެން ގެއްލި ދާކަށް ޖާގަ އެއްވެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނެތް ނުދޭނަން. ގެނެސް އަނބުރާ އަޅުގަނޑުމެންގެ އުނގަށް ހުރިހާ ކުދިންވެސް އަޅުގަނޑުމެން ލާނީ ލޯބިން. ރުޅިއެއް އަޅުގަނޑެއް ނާންނާނަން. އަޅުގަނޑުމެންނެއް ތިކުދިންނެއް ދޫކޮށެއް ނުލާނަން” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭ ތިމަރަފުށީގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހުރިހާ ޒުވާނުން އެމްޑީޕީ ފަހަތައް ރީތިކޮށް އެރުމަށްވެސް ރައީސް ނަޝީދު ހުރިހާ ޒުވާނުންނަށް ގޮވާލެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :