އެމްޑީޕީގެ ޚާއްޞަ ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު

ދިވެހިރާއްޖޭގެ ރައްޔިތުން ގެމަޖްލިހުގެ ރައީސް އޮނަރަބަލް އަބްދުﷲ ޝާހިދު، އެމްޑީޕީގެ ޗެއަރޕާރސަން މޫސާ މަނިކް، އަޅުގަނޑުގެ ރަނިންގ މޭޓް ޑރ. ލުތުފީ، އެމްޑީޕީ ޕާރލަމަންޓަރީ ގްރޫޕޫގެ ލީޑަރ އިބްރާހިމް މުޙައްމަދު ސާލިޙް، ޕާރޓީގެ ގައުމީ މަޖްލިހުގެ އެންމެ ބޭފުޅުންނާއި އަދި ވަކިން ޙާއްސަކޮށް މި ބައްދަލުވުން ބައްލަވަމުން އަޑުއައްސަވަމުން އަދި މިތަނުގައި ތިއްބެވި އެންމެހައި ބޭފުޅުން އައްސަލާމް އަލައިކުމް.

ގިނަ ޕާރޓީ ތަކަކީ އަޅުގަނޑުމެންނަށް އެބަ ފެނޭ އޮއެވާލި އެއްޗެތިކަން، އަދި ލައްގާނެ ތަނެއް މުޅިއަކުން ކަށަވަރެއް ނުވޭ. އަޅުގަނޑު އިއްޔެގައި ދެންނެވިން އޮލަނބުވަނީއޭ އެހެންނަމަވެސް އަދި މީ ޖުލައި ދެން ޖުލައި ގަދަވާނެ އަދި އިރުވައެއް ނާދޭ އޮއިވާލީ އަދި ލައްގާނެ ތަނެއް ނޭނގޭ. އެއްތަނުން އަނެއްތަނަށް ބެހެމުން މިދަނީ ފެބްރުއަރީ 7 2012 ވަނަ ދުވަހުއްސުރެ ފެށިގެން ބަގާވާތަށް ފަހުގައި ރާއްޖޭގެ ގިނަ ރައްޔިތުން އެއްއަޑުން ގޮވަމުން ދިޔައީ އެމްޑީޕީއޭ. ރާއްޖޭގެ ޒުވާނުން ގޮވަމުން ދިޔައީ އެމްޑީޕީއަށް، ރާއްޖޭގެ އަންހެނުން ގޮވަމުން ދިޔައީ އެމްޑީޕީއަށް، ދޮށީ ޢުމުރުގެ މީހުން ގޮވަމުން ދިޔައީ އެމްޑީޕީއަށް، މެދު ޢުމުރުގެ މީހުން ގޮވަމުން ދިޔައީ އެމްޑީޕީއަށް، މަސްވެރިން، ދަނޑުވެރިން، ރެސޯރޓްތަކުގައި މަސައްކަތް ކުރާ މީހުން މި ރާއްޖޭގެ ހުރިހާ ރައްޔިތުން ގޮވަމުން ދިޔައީ މި ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައި ދިނުމަށް އަނެއްކާވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ވެރިކަމަށް.

އަޅުގަނޑުމެން ރައްޔިތުންނަށް ޔަޤީންކޮށް އަރުވަނީ އިރާދަކުރެއްވިއްޔާ 11 ނޮވެމްބަރ ވަނަ ދުވަހު އަނެއްކާވެސް އުފެދިގެން އަންނާނީ މި ޕާރޓީގެ ވެރިކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ދެވަނަ ވެރިކަން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެން ގާތުގައި އެދެމުން ދިޔައީ ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަން ކޮށްދޭށޭ މި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ މަގަށް. އެމްޑީޕީ ކަށަވަރުކުރީ ނިޔަތްގަތީ އެމަގުން އިރާދަކުރެއްވިއްޔާ މި ރާއްޖެ ގެންދިޔުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރާނެކަމަށް. އަޅުގަނޑުމެން އެންމެ ބާރަށް ބުނީ ޗިސް ޗިސް ކޮށްލިޔަސް ފިސްފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާގީއަކަށް. އަޅުގަނޑުމެން އެންމެ ބާރަށް ބުނީ، އަޅުގަނޑުމެން ބޭނުންވަނީ އިންތިޚާބީ ވެރިކަމެކޭ އަޅުގަނޑުމެން ބޭނުންވަނީ ވޯޓު ފޮއްޓޭ. އަޅުގަނޑުމެން މިއަދު މި ތައްޔާރުވަނީ ވޯޓު އަޅަން. ވޯޓު އަޅަންވީ ވޯޓު އަޅަންވީ އަޅުގަނޑުމެން ވޯޓު ފޮށިތައް ފުރާލަންވީ އިރާދަކުރެއްވިއްޔާ އެއްބުރުން އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބުކުރާނެ.
ރާއްޖޭގެ ރައްޔިތުން އެދެމުން އައީ ރާއްޖޭގެ ސިޔާސީ މަޝްރަހު މި ރައްޔިތުންގެ މިނިވަންކަމާ ޚިޔާލުފާޅިކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމާ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ހިފާއްޓާ ދޭށޭ. އެ ރައްޔިތުންނަށް ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމް ހިފަހައްޓާ ދޭށޭ. އެ ރައްޔިތުންނަށް މި ރާއްޖޭގެ ޑިމޮކްރަސީ ހިފަހައްޓާ ދޭށޭ. އެމްޑީޕީ ނުކުތީ އެމްޑީޕީ ގެއަށް ނުވަދެ އަޅުގަނޑުމެން ތިބީ މި ދެންނެވި މަސައްކަތުގައި ޑިމޮކްރަސީއަށްޓަކައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި. ތަރައްޤީ ލިބެން އޮތީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިންކަން އަޅުގަނޑުމެން މާބޮޑަށް ޤަބޫލުކުރަން. އިންސާނީ ތަޖްރިބާ ދައްކައި ދީފައިވާ އެންމެ ބޮޑު އެއް ޙަޤީޤަތަކީ ޑިމޮކްރަސީ މެދުވެރި ނުވެ އަޅުގަނޑުމެންގެ ޢާއްމު ޙާލަތު ރަގަޅުވާން ނެތްކަން. ޢާއްމު ޙާލަތު ރަގަޅު ކުރުމަށް މި ދިވެހިރާއްޖޭގެ ހަޔާތް އަޅުގަނޑުމެންގެ ވެރިކަމުގެ ހަޔާތް އަޅުގަނޑުމެންނަށް ދައްކައި ދީފައިވާ ތަޖްރިބާ ތަކެއް އެބަހުރި.

ކޮއަލިޝަން އަކީ އިއްތިހާދަކީ މަސައްކަތް ކުރާ އެއްޗެއް ނޫނޭ. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެން ދިޔައީ އަޅުގަނޑު ވަރަށް ރަގަޅަށް ހަނދައިން އެބަހުރި، އެމްޑީޕީ ބޯޅައެކޭ އަލީ ވަހީދު އެދުވަހު ބުނީ. ހެނދުނު ޖަހާނީ ޔާމީނޭ މެންދުރު ހަސަން ސަޢީދޭ، ހަވީރު އަތައް އަޅައިލީމާ ތަސްމީނޭ ދެން ރޭގަނޑު އިލްހާމޭ. އަޅުގަނޑުމެންނަށް މި ބޯޅަ ސިފަވަމުން އައި، އަޅުގަނޑުމެންނަށް މާބޮޑަށް ޔަޤީންވެފައި އިނގިފައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ ދިވެހިންނަށް ލިބޭން އަންނަނީ އެއް އުސޫލުން އެއްގޮތުން އެއް ފިކުރުންކަން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން އެދި ގޮވަނީ އެއް ފިކުރަށް. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން އެދި ގޮވަނީ އެއްގޮތް މި ރާއްޖޭގައު ޤާއިމް ކުރުމަށް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ ގަދަ ހިތްވަރާއި އެކީގައި ފާލުކުރީ ތިމަންނާމެން އިއްތިހާދެއް ނުވާނޭ. ތިމަންނާމެން ތިބޭނީ ސާފުސާދާ އެމްޑީޕީގެ ފިކުރުގައޭ އެ ތަރައްޤީގެ މަގުގައޭ. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ބޭނުމަކީ މި ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއޭ އެ ތަރައްޤީ ހޯދައި ދިނުމަށްޓަކައި. އެ ތަރައްޤީ އަޅުގަނޑުމެންގެ ތެރޭގައި ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވަނީ އެއްފިކުރެއްގައި ރާއްޖޭގެ ސަރުކާރު އޮތުމަށް. ވަޒީރުންގެ މަޖްލިސް ބަހާލެވިފައި ނެތުމޭ. އެއް ވަޒީރާ އަނެއް ވަޒީރާ އެއީ ދެ ޕާރޓީގެ ބޭފުޅުންނަށް ވެގެން. ދެ ޕާރޓީގެ ފިކުރުގައި ތަފާތުވެ އަރާރުންވެ އަޅުގަނޑުމެންގެ ތަރައްޤީ ގެއްލޭކަން އަޅުގަނޑުމެންނެއް ނޭދެމޭ.

މިދިޔަ ދެ އަހަރު އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ފެންނަމުން މިދަނީ މި ދެންނެވި ހަޤީޤަތް. ފައިސާ ނެތީ ކިއްޔެއް ނޫން. އަޅުގަނޑުމެންނަށް މިއަދު ފާސްކުރެވިފައިވާ ބަޖެޓަކީ އެންމެ ބޮޑު ބަޖެޓް. އެހެންނަމެވެސް އަޅުގަނޑުމެން ރާއްޖޭގޭ ރަށެއްގެ އެއްވެސް މަސައްކަތެއް ތަރައްޤީގެ އެއްވެސް މަސައްކަތެއް ހިނގާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ދިވެހި ރައްޔިތުންނަކަށެއް ނުފެނޭ. ރައްޔިތުންނަށް ފެންނަމުން ދިޔައީ އާސަންދަ ބާސަންދައަކަށް ވެގެން ދިޔަތަން. ބަނދަރުތައް ހުއްޓުނުތަން، ކްލާސް ރޫމްތައް ޢިމާރާތްކުރުން ހުއްޓުނުތަން. އެއްގަމު ތޮށްޓާއި އަދި ބޮޑު ހިލަ ބަނދަރުތަކާއި ވަށާފާރުތަކާއި އެންމެހައި އުމްރާނީ މަސައްކަތްތައް ހުއްޓެމުން ދިޔަތަން. ރައްޔިތުންނަށް ކަށަވަރުވެގެން ދަނީ މީ އިއްތިހާދުގެވެރިކަން ނުހިނގާ ކަމުގެ ފުރިހަމަ ރަމްޒެއް. އިއްތިހާދެއްގެ ވެރިކަމަކީ ބަރުލަމާނީ ސިފައެއް، އަޅުގަނޑުމެންގެ ރާއްޖޭގައި އެކުލަވާލައިފައިވާ ނިޒާމަކީ މީ ރިޔާސީ ނިޒާމެއް. ނިޒާމުގެ ތެރެއިން އެއް ފިކުރެއް ނޫނިއްޔާ ވެރިކަމެއް ކޮށްގެނެއް ރައްޔިތުން އެދޭ ތަރައްޤީ ރައްޔިތުންނަކަށް ހޯދައެއް ނުދެވޭނެ.

އިރާދަކުރެއްވިއްޔާ އެމްޑީޕީއިން ނުކުމެ މިތިބީ އެ އެއް ފިކުރުގައި ތިބެ އެ އެއް ގޮތުގައި ތިބެ އެ އެއްބައިވަންތަކަމުގައި ތިބެ މި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ވެރިކަން ކޮށްދޭން. އަޅުގަނޑުމެންގެ ދެވަނައެއް ނުވާ އަމާޒަކީ ތަރައްޤީ. ރާއްޖޭގެ ރައްޔިތުން އެންމެ ރައްޔިތުން އަބަދުވެސް މި އެދެނީ ތަރައްޤީއަށް. އަޅުގަނޑުމެން އެދެނީ ބޯހިޔާވަހިކަމަށް އަޅުގަނޑުމެން އެދެނީ ދަރިންނަށް ތަޢުލީމެއް ދެވޭނޭ ގޮތެއް ބަލިވީމާ ބޭސް ފަރުވާ އަޅުގަނޑުމެން އެދެނީ ރަގަޅު އާމްދަނީއެއް ލިބުން އަޅުގަނޑުމެން އެދެނީ މި ހާލަތު އަރައިގަތުމަށް. އެކަމަށްޓަކައި ސަރުކާރެއް އެކުލަވައިލުމަށް. އެމްޑީޕީ ނުކުމެ މިތިބީކިއްޔެއް ހަމައެކަނި އިންތިޚާބް ކާމިޔާބު ކުރާކަށެއް ނޫން. އަޅުގަނޑުމެން ނުކުމެ މިތިބީ މި ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ހޯދައި ދިނުމަށް. އެ ތަރައްޤީ ހޯދައި ދިނުމަށްޓަކައި ރައްޔިތުން ސާފު ގޮތުގައި ވޯޓުލާން ތައްޔާރަށް އެތިބީ އެއް ފިކުރަށް އެއްގޮތަށް އެއް ޕާރޓީއަށް އެއީ އެމްޑީޕީއަށް. އަޅުގަނޑުމެންނަކަށް ދެވަނަ ގޮތެއް އަޅުގަނޑުމެންގެ ޚިޔާލުގެ ތެރެއަކު އަޅުގަނޑުމެންގެ ފިކުރުގެތެރެއަކު ގެންގުޅެވޭކަށެއް ނެތް.

ވަޒީރުންގެ މަޖްލިހެއް ބަހާލެވޭކަށެއް އަޅުގަނޑުމެންނަކަށް ނެތް. މަޤާމްތައް އެއީ މިވެނި ޕާރޓީއަކަށް އެވެނި ވަރަކަށް އަނެއް ޕާރޓީއަކަށް އަނެއް ވަރަކަށް، އަނެއް ބޭފުޅަކަށް 4 ވަޒީރުކަމާއި، ފަނޑިޔާރު ކަމާއި 3 ރެސޯރޓާއި 4 ގުދަން ދޭ އުސޫލުން އަޅުގަނޑުމެންނަކަށެއް ނެތް އަޅުގަނޑުމެންގެ ރާއްޖެ ބަހާލެވޭކަށް. މި ރާއްޖެއަކީ ދިވެހި ރައްޔިތުންގެ ރާއްޖެ މި ރާއްޖެ އަކީ ސިޔާސީ ޕާރޓީތަކުގެ ރާއްޖެ އެއް ނޫން. މި ރާއްޖެ ޕާރޓީތަކުގެ މެދުގައި ބަހައެއް ނުލެވޭނެ. ވަޒީރުންގެ މަޖްލިހަކީ ރައީސުލް ޖުމްހޫރިއްޔާގެ މަޖްލިސްއެއް. އެ މަޖްލިސެއް ބަހައެއް ނުލެވޭނެ. ރާއްޖޭގެ ރައްޔިތުންނަށް ސާފު އެއްބުރުން އެ ރައްޔިތުން އެ އަންނަނީ އެއް ފިކުރު މި ރާއްޖެއަށް ގެނައުމަށް، އެ ފިކުރަކީ ޝައްކެއްނެތް ގޮތުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ، އެމްޑީޕީގެ ތަރައްޤީގެ ފިކުރު.

އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވިފައި މިވަނީ ވަރަށް ގިނަ ހުރަސްތަކާއި ކުރިމަތިލާފައި، މާތް ރަސްކަލާނގެ އިރަދަފުޅާއި އެކުގައި އެ ހުރިހާ ހުރަހެއްވެސް ގިރާކޮށްފައި. ފުރަތަމަ އެނގިވަޑައިގަންނަވާނެ، ހިތްނިޔަތްގަނެގެން އެބޭފުޅުން އުޅުއްވީ އަޅުގަނޑުމެން މަރާލަން އެކަމެއް ނުވި ދެން ވިދާޅުވީ ވަރަށް ގިނަ ދުވަހަށް ޖަލަށްލާނަމޭ ދެން އަކަމެއްވެސް މުޅިއަކުން ވާގޮތެއް ނުވި ދެން ވިދާޅުވީ ކުރިމައްޗެއް ނުލެވޭނޭ، މިއަދު އެކަންވެސް ނުވިކަން އަނެއްކާވެސް ކަށަވަރުވެއްޖެ. އަޅުގަނޑު ދަންނަވާނީ ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނީ ހަމަ ސީދާ ބަރަހަނާއޭ. އަޅުގަނޑުމެން މިދަނީ އިރާދަކުރެއްވިއްޔާ މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރަން. މި އިންތިޚާބު އެއްބުރުން އަޅުގަނޑުމެން ކާމިޔާބު ކުރުމަށް އިރާދަކުރެއްވިއްޔާ ދެން ހުރަސްއެޅޭނޭ ހަމަ އެއްތަނެއްވެސް ނެތް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ ވަރުގަދަ އަޒުމާއި އެކީގައި މި ޕާރޓީ ބުނީ މި ޕާރޓީ އިއްތިހާދެއް ނުވާނަމޭ، މި ބުނުމުގެ ފިކުރަށް ރާއްޖޭގެ ސިޔާސީ މުޅި މަޝްރަހު އޮލަނބުވެގެން މި އަންނަނީ. އެއް ޕާރޓީއަކަށް ނޫނިއްޔާ ރައްޔިތުން ވޯޓު ނުދޭނެކަން ހުރިހާ ޕާރޓީތަކަށްވެސް މި އަންނަނީ ސާފުވަމުން. ވަކިން ހާއްސަކޮށް އެމްޑީޕީއަށް މިކަން ކުޑަކޮށްވެސް އޮޅިފަކާ އެއް ނެތް. އަޅުގަނޑުމެންނަށް ފެންނަ އިއްތިހާދުވާ އަޅުގަނޑުމެންގެ ވާދަވެރިންގެ އިއްތިހާދުތަކުގައި ތިއްބެވި ބޭފުޅުން އެއީ އެއްރޭ މަތިން ދެފަހަރަށް ޕާރޓީ ބަދަލުކޮށްފާ ތިއްބެވި ބޭފުޅުން. ދެން ވިސްނަވާ ސަރުކާރެއްގެ ތެރޭގައި އެބޭފުޅުން މަސައްކަތް ކުރައްވާ އިރުގައި ހަމަ އެ ދިމާވާ އާއިލީ މައްސަލަތައް އެ ބޭފުޅުންނަށް ދިމާވާނެ. ގިނަ ފަހަރަށް މި ބާވަތުގެ މައްސަލަތައް ގުޅިފައި ހުންނަނީ ހަމަ ރިޝްވަތާ.

އަޅުގަނޑުމެން ރާއްޖެ އިރާދަކުރެއްވިއްޔާ ދެކެން މިދަނީ ވަރަށް އުޖާލާ ދުވަސްތަކެއް. އަޅުގަނޑުމެންގެ ރާއްޖެ އިރާދަކުރެއްވިއްޔާ ކުރިމަތި މިލަނީ ވަރަށް އުފާވެރި ދުވަސްތަކެއް. އަޅުގަނޑުމެންނަށް ކުރާންހުރި ގިނަ މަސައްކަތް މިވަނީ އިރާދަކުރެއްވިއްޔާ ކުރެވިފައި. ދެން އޮތީ ހަމަ ވޯޓު އެޅުން. އަޅުގަނޑުމެން ދަންނަވާނީ އަޅުގަނޑުމެން އެއްއަޑުން މިއަދު ގޮވަންވީ އެއްފިކުރަށް ވޯޓު އަޅާށޭ، އެއްފިކުރަށް އަޅުގަނޑުމެން ވޯޓު އަޅާށޭ، ދެ ފިކުރަކަށް ދެ ގޮތަކަށް ޚިލާފު އުފެދޭ އުސޫލަކަށް އަޅުގަނޑުމެން ތާޢީދް ނުކުރާންވީ.

އެމްޑީޕީގެ ފިކުރަކީ ސާފު ސާދާ ފިކުރެއް. އެއީ ތަރައްޤީގެ ފިކުރު. އަޅުގަނޑުމެން ވަރަށް އިޚްލާސްތެރިކަމާއި އެކު ރާއްޖޭގެ އެންމެ ރައްޔިތުންނަށް މި އެދެނީ މި ފިކުރަށް އަޅުގަނޑުމެންނަށް ތިބޭފުޅުންގެ ވޯޓު ދެއްވާށޭ. އަޅުގަނޑުމެން ތިބޭފުޅުން ތިއެދޭ ތަރައްޤީ ތިބޭފުޅުން ތިއެދޭ އުއްމީދު އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނަން.

އަޅުގަނޑު މިރޭ ޝުކުރު ދަންނަވަންވީ ބައިވަރު ފަރާތްތައް އެބަވޭ އަދި އަޅުގަނޑަކަށް ވަކި ނަންތަކެއް ދެންނެވޭކަށެއް ނެތް. އެހެންނަމަވެސް މިދިޔަ ދެ އަހަރު އަޅުގަނޑުމެން ހޭދަކުރި ހިތާމަވެރި ދުވަސްތައް ބިރުވެރިކަމުން ފުރިފައިވާ ދުވަސްތައް އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެން އެންމެންވެސް ހަމަ ހަނދައިނުގާ ހުންނާނެ. އަޅުގަނޑުމެންނަށް ހިތްވަރު ލިބުނީ ޝާއިރުންގެ ކިބައިން ރައްޔިތުންގެ ކިބައިން މަސައްކަތްތެރިންގެ ކިބައިން. އަޅުގަނޑަށް ހަމަގައިމުވެސް ފެނިގެން ދިޔައީ ރާއްޖޭގެ ރައްޔިތުންގެ އެ ރައްޔިތުން ރަހަބަލާފައިވާ މިނިވަންކަން ދޫކޮށްލަން ނެތްތަން. އަޅުގަނޑުމެން ނުކުމެ މިތިބީ އެ މިނިވަންކަން ހިފެހެއްޓުމަށް، އަޅުގަނޑުމެން ނުކުމެ މިތިބީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ވެރިކަން ބަދަލުވެގެނެއް ނޫން ވެއްޓިގެނެއް ނޫން އަޅުގަނޑުމެން ނުކުމެ މިތިބީ އަޅުގަނޑުގެ ރައީސްކަން ގެއްލިގެނެއް ނޫން އަޅުގަނޑުމެން ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ މި ޜާއްޖޭގެ މިނިވަންކަން ހިފެހެއްޓުމަށް މި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަން ފަރުދީ މިނިވަންކަން އެގޮތުގައި ހިފެހެއްޓުމަށް. އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް މިއަދު މިވަނީ އެކަން ކަށަވަރުވާން ފަށާފައި. ކުރިއަށް އޮތީ ދެން އިންތިޚާބް، އިންތިޚާބުގައި އަޅުގަނޑުމެން އެއްބުރުން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން. އެއްބުރުން! އެއްބުރުން! ވަލްޙަމްދުލިއްﷲ ވަރަށް ބޮޑަށް ޝުކުރިއްޔާ.

What do you think?

Name (required) :

Email (required) :

Website :