ދިވެހިރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑު ފަޅު ގޮވާންކުރުމުގެ 60 މަޝްރޫޢު ހިންގިއްޖެނަމަ، 5 އަހަރު ތެރޭގައި ރާއްޖެއަށް އާމްދަނީގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެއްވޭ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑު ފަޅު ގޮވާންކުރުމުގެ 60 މަޝްރޫޢު ހިންގިއްޖެނަމަ، 5 އަހަރު ތެރޭގައި ރާއްޖެއަށް އާމްދަނީގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެއްވޭ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މި ފަދަ 60 މަޝްރޫޢު އަޅުގަނޑުމެންނަށް 5 އަހަރު ތެރޭގައި ކުރިއަށް ގެންދެވިއްޖެނަމަ، އެ ވިޔަފާރިން 1800 އަށްވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެކަމަށާއި، އަދި އެކްސްޕޯޓް އާމްދަނީގެ ގޮތުގައިވެސް 16 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެއްވޭ ކަމަށެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މި ވިޔަފާރި ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި، މިކަން ކުރާ ފަރާތްތަކަށް ލުއި ލޯނުގެ ގޮތުގައި 200 މިލިއަން ރުފިޔާ ދޫކޮށްދިނުންކަމަށާއި، އަޅުގަނޑުމެންގެ ބޭނުމަކީ ކަނޑު ގޮވާންކުރުމަކީ ދިވެހިރާއްޖޭގެ މައިގަނޑު ސިނާޢަތެއްގެ ގޮތުގައި ހަމަޖައްސައި އެގޮތުގައި މަސައްކަތްތައް ކުރިއަށް ގެންދިއުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިރާއްޖެއަކީ ޤުދުރަތީ ވަޞީލަތްތައް ގިނަ ރާއްޖެއެއްކަމަށާއި އަދި ދިވެހިންނަކީ އާމްދަނީ އިތުރުކުރެވެން އޮތް ބައެއްކަމަށެވެ. އެރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، 1980 ވަނަ އަހަރު މެރިން ރިސަރޗް ސެންޓަރެއް އުފެދި ރާއްޖޭގެ ފަރުފަރާއި އަދި ފަޅުތައް ދިރާސާކުރެވި އެ ފަރުފަރާއި އަދި ފަޅުތަކުގެ ބޭނުންކުރެވޭނެ ގޮތްތައް ހޯދައި ބެލެވިފައިވާކަމަށެވެ. އެ ދިރާސާތަކުން އަޅުގަނޑުމެންނަށް ފާހަގަވި އެންމެ މުހިންމު އެއް ކަމަކީ، މެރިކަލްޗަރ ނުވަތަ ކަނޑުފަޅާއި ފަރު ގޮވާންކޮށްގެން އަޅުގަނޑުމެންނަށް ހޯދެން އޮތް ކިތަންމެ ނަފާއެއް އެބަހުރިކަންކަމުގައިވެސް، އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި މެރިކަލްޗަރގެ ވިޔާފާރި ރާއްޖޭގައި ފުޅާކުރުމަށްޓަކައި ކާމިޔާބު ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުނުކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ވިޔަފާރި ކުރިއަށް ގެންދިއުމުގައި ހުރި ހުރަސްތަކުގެ ގޮތުގައި އޭރު އަޅުގަނޑުމެންނަށް ފާހަގަވި އެންމެ މުހިންމު އެއްކަމަކީ މި ވިޔަފާރި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢިލްމީ ޤާބިލް މީހުން ނެތުމުގެ މައްސަލަކަމަށާއި އެހެންކަމުން ދެން އުފެދިގެން އަންނަ އެމްޑީޕީ ސަރުކާރެއްގެ އެންމެ މުހިންމު އެއް އަމާޒަކަށްވާނީ މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ހުޅުވާލުންކަމަށެވެ. މީގެ އިތުރުން މިކަން ކުރިއަށް ގެންދިއުމަށް ހުރި ބައެއް އެހެން ހުރަސްތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. އެގޮތުން، މެރިކަލްޗަރގެ ބާވަތްތަކުގެ މާދިރީ ވިއްސައި މުޑުވައް ގިނަކުރެވޭނެ މަރުކަޒު ނުވަރަ “ހެޗަރީ” އެއް ނެތުން އެއީ ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ ހެޗަރީތައް ސަރުކާރުގެ ފަރާތުން ޤާއިމްކޮށްދެއްވާ އެތަންތަނުގެ ޚިދުމަތް މި ވިޔަފާރި ކުރައްވާ ފަރާތްޕުޅުތަކަށް ލިބޭނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ. މީގެ އިތުރުން މި ތަކެތި ބަންދުކޮށްގެން އެއްތަނުން އަނެއް ތަނަށް އުފުލުމާއި އަދި މި ތަކެއްޗަށް އެކަށީގެންވާ މާކެޓް ހޯދުމަށްވެސް ހުރަސްތަކެއް އެބަހުރިކަމަށާއި ނަމަވެސް، އެމްޑީޕީގެ ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިން މިތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުގެ ކަންކަން ހަމަޖެހިގެންދާނެކަމަށާއި އަދި މިތަކެތި ބަންދުކުރުމަށާއި މާކެޓް ހޯދުމަށްވެސް އެމްޑީޕީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެން ހިންގާ ކޮންމެ ވިޔާފާރިއެއްވެސް ހިންގާން މިޖެހެނީ، އަޅުގަނޑުމެންގެ މާހައުލާ، ވަށައިގެން މިވާ އެންމެހާ ތަކެއްޗާއި ކަންކަމަށް ބެލިގެން އެކަންކަމަށާއި ތަކެއްޗަށް ބުރޫ ނާރާނެ ގޮތެއްގެ މަތިންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިފަދަ ވިޔަފާރިތައް ހިންގާއިރުގައި، އެކަމަށް ބޭނުންވާ ޢިލްމީ މަޢުލޫމާތު އަދި އެކަމުގެ ދިރާސާކުރުންތަކާއި އެކަންކަމުގެ ތަފާސްހިސާބުތައް ރަނގަޅަށް ބެލެހެއްޓުމާއި މިކަންކަމަށް ބޭނުންވާ މޮނިޓަރިންގ އާއި އިވެލުއޭޝަންގެ ނިޒާމުތައް އަޅުގަނޑުމެން ޤާއިމްކުރާނަންކަމަށާއި، އަދި މި ބާވަތްތަކުގެ އުފެއްދުންތަކަކީ ރަނގަޅު ފެންވަރުގެ ތަކެތިކަމުގައި ހެދުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މެދުވެރިކުރައްވައިގެން އެކަންކަންވެސް އަޅުގަނޑުމެންގެ ސަރުކާރެއްގައި ޤާއިމްކޮށްދެއްވާނެކަމަށެވެ.

އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ މާހައުލަށް އާ ބާވަތްތައް ތަޢާރަފްކުރާއިރު ތިމާވެށްޓަށާއި އަޅުގަނޑުމެންގެ މާހައުލަށް ވަރަށް ބޮޑަށް ސަމާލުކަންދީ އެކަމަށް ފަރުވާތެރިކަން ބަހައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އަޅުގަނޑުމެން ކުރާ ކޮންމެކަމަކީވެސް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަންޖެހޭކަންކަންކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީއިން އެންމެ ބޮޑަށް މަސައްކަތްކުރާނީ މެރިކަލްޗަރގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ކުރިއަށް ގެންދިއުމަށްކަމަށެވެ. އަދި މިވިޔަފާރި އަޅުގަނޑުމެން ކުރިއަރުވާއިރު އެކަން ކުރާނީ ވަރަށް ބޮޑަށް ބެލެހެއްޓިގެން ނުވަތަ މޮނިޓަރކުރެވިގެންކަމުގައި ރައީސް ވިދާޅުވިއެވެ.

މެރިކަލްޗަރ ވިޔަފާރި ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ތެރެއިން ތިމާވެށި ރައްކާތެރިކޮށް އެ ވިޔަފާރިއަކީ ތިމާވެށްޓާއި ރައްޓެހި ގޮތެއްގައި ހިންގޭ ވިޔަފާރިއަކަށް ހެދުމަށްވެސް ވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. އެގޮތުން، މެރިކަލްޗަރގެ މަސައްކަތް ފެށުމުގައި ހުރި ތިމާވެށްޓާ ގުޅޭ ގޮންޖެހުންތަކުގެ ހައްލެއްގެ ގޮތުގައި ކަރަންޓީން ފެސިލިޓީތައް ޤާއިމްކުރުމަށްވަނީ ނިންމިފައެވެ.

ފޮޓޯ ގެލެރީ

What do you think?

Name (required) :

Email (required) :

Website :