ފެބްރުއަރީ 7 ވަނަ ދުވަހު ޤާނުނާ ޚިލާފް ޢަމަލުތައް ހިންގި ފުލުހުންނާ ސިފައިންގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭނެ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

ފެބްރުއަރީ 7 ވަނަ ދުވަހު ގާނުނާ ހިލާފް އަމަލް ހިންގި ފުލުހުންނާ ސިފައިންގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގި އަދި އެބޭފުޅުންނަށް ހައްގު އަދަބު ދެވޭނެ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން އުސްފަސްގަނޑުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ފެބްރުވަރީ 7 ވަނަ ދުވަހު ހިނގި ކަންކަމާއި ގުޅެގޮތުން ސިފައިންނާއި ފުލުހުންގެ ތެރެއިނަ އެކަންކަމުގައި ބައިވެރިވި އިސް ފަރާތްރަކުގެ މައްޗަށް ތަހުގީގު ނުހިންގާ ދޫކޮއްލުމަކީ މިރާއްޖޭގެ ޑިމޮކްރަސީއައްވެސް، އަދި މިރާއްޖޭގެ ގާނޫނީ ދައުލަތެއް ހިންގުމަށްވެސް އަދި ކުރިއަށް އޮތް އިންތިހާބައްވެސް ރަނގަޅުކަމެއް ނޫންކަމުގައެވެ. “އަޅުގަނޑުމެން ދެކޭ ގޮތުގައި އެމަސައްކަތް ނުކޮށް އެ ތަހުގީގު ނުހިންގާ އަޅުގަނޑުމެން ކުރިއަށް ދާން އުޅެއްޖެނަމަ، ހައްތަހާވެސް އަޅުގަނޑުމެނަށް ފެންނާނީ ކުރިއަށް ނުދެވޭތަން” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ތަހުގީގު ހިންގުމަށް ނުވަތަ އަދަބު ދިނުމަށް އަދި އެތަހުގީގު ހިންގުމައްފަހުގައި ޝަރީއަތް ހިންގުމަށް އެދެނީ އެއްވެސް ހާލަތެއްގާ ހުރިހާ ސިފައިންނަށާއި ހުރިހާ ފުލުހުންނަކަށް ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެން މި ދައްކަނީ ހަމަ ވަރަށް މަދު މީސްކުޅެއްގެ ވާހަކަ. ގާތްގަނޑަކަށް މުޅި ޖުމްލަ 10، 12 މީހުންގެ ވާހަކަ” ރައީސް ނަޝީދު ވިދާޅުވިއެވެ. ފެބްރުއަރީ 7 ވަނަ ދުވަހުގެ ކަންކަމާމެދު އެކަންކަން ކުރި މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގާ ދިވެހިރާއްޖެ ކުރިއަށް ގެންދެވިދާނެކަމަށް ދެކިއްޖެނަމަ އެއީ ވަރަށް ހަނި ނަޒަރަކުން އަދި މިރާއްޖޭގެ މުސްތަގުބަލަށް ނުބަލާ ވިސްނާ ވިސްނުމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުއެވެ. އަދި ވެރިކަން ވައްޓާލުމުގައި އިސް ދައުރު އަދާކުރި ފުލުހުންނާއި ސިފައިންގެ މައްޗަށް ޖިނާޢީ ތަހުގީގު ހިންގި އެފަރާތްތަކަށް ހައްގު އަދަބު ދެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ހެޔޮ ބަދަލުގެ މެދުވެރިޔާ ކަމަށާއި އަދި މިހާރު ފެންނަ މަންޒަރަކީ ވަރަށް ބޮޑު ވޯޓެއް އެމްޑީޕީއަށް މިހާރު ލިބޭނެތަން ކަމަށާއި އެބޮޑު ވޯޓުގެ ޒިންމާ ވަރަށް ބޮޑު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިންތިޚާބު ކާމިޔާބުކޮށް އެކިއެކި ޕާޓީތަކުގެ މެމްބަރުންގެ ހައްގުތައްވެސް ރައްކާތެރިކޮށްދޭން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ ތަރައްގީގެ ޕާޓީކަމަށާއި ދިވެހި ރާއްޖޭގައި ރައްޔިތުން އެދެމުން އަންނަނީ އެބައިމީހުންގެ، އެ ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުން ލިބުން ކަމުގައި ރައީސް ނަޝީދުގެ ވަހަކައިގައި ވިދާޅުވިއެވެ. “މިއަދު ލިބޭ އެއްޗަކަށްވުރެން އިތުރު އެއްޗެއް މާދަމާ ލިބޭނޭ ގޮތެއް މެދުވެރިވުމަށް، އާމްދަނީ އިތުރުވުމަށް، ރައްޔިތުން އެދެނީ ބޯހިޔާވަހިކަމަކަށް، ސާފު ފެންކޮޅަކަށް، ބަލިވީވާ ބޭސް ފަރުވާކުރެވޭނޭ ގޮތެއް، ދަރިންނަށް ކިޔަވާދޭވޭނޭ ގޮތެއް، އެއްތަނުން އަނެއްތަނަކަށް ދެވޭނޭ ގޮތެއް، އާއިލާއެއް ބިނާ ކުރެވޭނޭ ގޮތެއް، ރާއްޖޭގެ ރައްޔިތުން އެދެނީ ހާސްކަމެއްނެތި ދިރި އުޅެވޭނޭ ގޮތެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ހުށައަޅާފައިވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވައި ވާހަކަ ދައްކަވަމުން ގެސްޓް ހައުސް ވިޔަފާރި ހިންގުމުގެ ބޭނުމަކީ، ރާއްޖޭގެ އާމްދަނީ 2 ގުނަ ކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ގެސްޓު ހައުސް ވިޔަފާރި ސިޔާސަތާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ “ޓުއަރިޒަމްގެ ވިޔަފާރި ހަމައެކަނި ކުރެވެން އޮތީކީ ފަޅުރައް ރަށަކު ނޫން. މީހުން ދިރިއުޅޭ ރައްރަށުގައިވެސް ޓުއަރިޒަމްގެ ވިޔަފާރި ހިންގެން އެބަ އޮތް. ދާދި ފަހުން އަޅުގަނޑު ދިޔައިން މާފުށްޓަށް، މާފުށްޓަށް ދިޔައިރުގައި، އަޅުގަނޑުމެނަށް ފެނުނީ އެތަނުގަ 18 ގެސްޓްހައުސް މިހާރު ބާރަށް ހިގަމުން އެބަދޭ. 200 ޓުއަރިސްޓު އެނދު މާފުށީގައި އެބަހުރި.” ގެސްޓުހައުސް ވިޔަފާރީގެ ސަބަބުން މާފުށީގައި ޓުއަރިޒަމްއާއި ގުޅިފައި ހުރި މަސައްކަތްތައް ތަޢާރަފްވެ އެވަޒީފާތަކުގެ ބޭނުން ޒުވާނުން ހިފަމުންދާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މާފުށީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ ވަޒީފާ ނެތް އެންމެ ކުއްޖެއްވެސް ނެތްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ގެސްޓްހައުސްގެ ވިޔަފާރިއާ ގުޅިގެނެ ބިމުގެ އަގު އުފުލި ރަށު ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ގެސްޓުހައުސްގެ ވިޔާފާރިއާއެކުގައި ރަށްރަށަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ ރަށުގެ އުމްރާނީ ތަރައްގީއަށްވެސް މަގުފަހި ވެގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ގެސްޓުހައުސް ވިޔަފާރީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަދަދު ދެގުނަވެގެންދާނެކަމަށް ލަފާކުރައްވާކަމުގައާއި އެހެންނަމަވެސް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ހުއްޓިފައިވާތީވެ ތަރައްގީއަށް ހުރަސް އެޅިފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރެއްގައި އެއަރޕޯޓު ތަރައްގީވެގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ މުއްސަނދި ގައުމެއްކަމަށާއި ދިވެހިރާއްޖޭގެ ކަނޑުފަޅުތަކަން ލިބޭ ނަފާއަކީ ހަމައެކަނި ކަޅުބިލަ މަހުން ހުއްޓިފައި ހުރެގެން ވާނެ ކަމެއްނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ސިޔާސަތަކީ ކަނޑުގޮވާމުގެ ސިޔާސަތުގެ ތެރެއިންވެސް ރަށްތަކުގައި ވަޒީފާގެ ފުރުޞަތުތައް އުފެދިގެން އަންނާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަސައްކަތްތެރިން މިނިވަންވެގެން ނޫނީ ރާއްޖޭގައި އެއްވެސް ކަމެއް ކުރިއަކަށް ނުދާނެ ކަމުގައެވެ. މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދީގެން ނޫނީ ވިޔަފާރިތައް ތަރައްގީއެއް ނުކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އެއް ސިޔާސަތު ކަމުގައިވާ މަސައްކަތްތެރިންނަށް ދެވޭ އެންމެ ކުޑަ އުޖޫރައިގެ ސަބަބުން މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރައެއް ދެވޭނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ވަޒީފާ ނެތިފައި ތިބޭ ދިވެހިންގެ މިންވަރު ދަށްވެގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ ބޭރު މަސައްކަތްތެރިންގެ އަގު ދިވެހި މަސައްކަތްތެރިޔާއަށްވުރެ ބޮޑުވެ، ވަޒީފާގެ ފުރުޞަތުތައް ދިވެހީންނަށް ހުޅުވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ބޭނުންވެފައިވާ ހުނަރުތަ ހޯދައިދިނުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަވާނެ ކަމުގައާއ ޕޭކޮމިޝަން މެދުވެރިކޮށް ސަރަވިސް ޗާރޖާއި ސިވިލް ސަރވަންޓުންގެ އޯވަރޓައިމް ކަށަވަރުކޮށްދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަސައްކަތުގެ މައިދާނުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިކުރުމަށް ‘ފްލެކްސީ-ޓައިމް’ ތަޢާރަފް ކުރައްވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ލޭބަރ ޓްރައިބިއުނަލްގެ މަސައްކަތްތައް ތަންފީޒުކުރަމަށް މަގުފަހިކުރުމަށް އެޓްރައިބިއުނަލަށް ޤާނޫނީ ބާރު ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޣާވާތައްފަހު ބޭރުގެ ގައުމުތަކާއި ދިވެހިރާއްޖެއާ އެކިއެކި ފަރާތްތަކާއި ދެމެދު އޮންނަ ގުޅުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތްގުޅުމަށް މިހާރު ބުރޫއަރާފައިވާކަމަށާއި އިންޑިޔާ ބޮޑުވަޒީރަށް ޑރ.މުހައްމަދު ވަހީދު ކަނޑައެޅިގެން އޮޅުވާލައި ދޮގު ހައްދަވާފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޑރ. ވަހީދު ދިވެހިރާއްޖޭގެ ވެރިކަމުގައި އަރާ ހުންނެވިހާ ދުވަހަކު ދިވެހިރާއްޖެއަށް ވިސާ ހެދުމުގައިވެސް އަދި ހިލައާއި ހިލަވެލި ހޯދުންފަދަ ކަންކަމުގައިވެސް އިންޑީޔާގެ އެހީތެރިކަމެއް ނުލިބޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިރޮނގުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ގަލަމު ދެއްޔާއި ކަރުދާސް ހުސް ނުވަންޏާ ސޮއި ކުރެވޭނެ. އެހެންނަމަވެސް ހިލައާއި ހިލަވެލި ނެތީއްޔަކާ އިމާރާތެއް ނުކުރެވޭނެ” ކަމުގައެވެ. އަދި ބަނދަރު، މަގު ފަދަ އުމްރާނީ މަސައްކަތްތައް ހިލައާއި ހިލަވެލި ނުލިބި ނުކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައިވެސް އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމުގައި ރައީސް ނަޝީދު ތަކުރާރުކުރެއްވިއެވެ. “އަޅުގަނޑުމެން މި އިންތިހާބު އެއްބުރުން ކާމިޔާބުކުރާ ވާހަކަ ދައްކާ އިރުގަ، އަޅުގަނޑުމެން ދައްކަނީ ސަބަބަކާ ނުލައެއްނޫން. އަޅުގަނޑަށް ފެންނަ ތަނުގަ ވާދަވެރިން ތިބީ ބައިބައިވެ މާޔޫސްވެފަ. އަޅުގަނޑުމެންގެ ޕާޓީ އޮތީ އެކުގައި ވަރަށް ވަރުގަދަޔަށް މަސައްކަތްކުރުމުގެ ޖޯޝަކާއި ރޫހެއްގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ 6-4 ތަޅާލާނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ އެއްބުރުން މިކަން ކާމިޔާބު ކުރާނީ” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ހައްޔަރުކުރައްވާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ “ވަޑައިން! ހަމަ ވަޑައިން! އަޅުގަނޑު ދަންނަވަން އޮތް ވާހަކަ އަކީ އެވާހަކަ ދައްކައިގެން، އަޅުގަނޑުމެނެށް ނުގުޑާނެ، އަޅުގަނޑުމެންގެ ސަޕޯޓަރުންނެއްވެސް ނުގުޑާނެ…އަޅުގަނޑު ހަމަ ދަންނަވާނީ ދެން އަނެއްކާވެސް އެއްބުރުން، ކީއްކުރަންތޯ ބައިބުރުން މިކަން ކުރަން ބޭނުންފުޅުވަންޏާ އަވަހައް ވަޑައިގަންނަވާށޭ، ހައްޔަރުކުރައްވާށޭ. އަޅުގަނޑަކު ހަމަ ގައިމުވެސް އެކަމަކާ ޖެހިލުންވެގެނެއް އަދި ފަހަތައް ޖެހޭކަށެއް ނޫޅެން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތައިގެން ދާނީ ކުރިއަށް” ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :