ރައީސް ނަޝީދުގެ މައްޗަށް ދިވެހި ދައުލަތުން ދަޢުވާ ކުރެއްވި ޓެރަރިޒަމްގެ ޢަމަލު ހިންގިކަމުގެ ކުށުގެ މައްސަލައިގައި އެމަނިކުފާން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރެއްވި ޚުލާޞާ ބަޔާން

 

(ނޯޓް: މިއީ، ރައީސް ނަޝީދުގެ މައްޗަށް ދިވެހި ދައުލަތުން ދަޢުވާ ކުރެއްވި ޓެރަރިޒަމްގެ ޢަމަލު ހިންގިކަމުގެ ކުށުގެ މައްސަލައިގައި އެމަނިކުފާން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރެއްވި ޚުލާޞާ ބަޔާނެވެ. ޝަރީޢަތުން އެކަށީގެންވާ ފުރުޞަތު ނުދެއްވުމުން މިބަޔާން ނިންމައި، އެދުވަހުގެ ޝަރީޢަތުގެ މަޖިލީހަށް މިބަޔާން ވަނީ ހުށަނޭޅިއެވެ.)

 

ދިވެހިރާއްޖޭ ޖުމުހޫރިއްޔަތަކަށް ބަދަލުވީއްސުރެ، އެއިރެއްގައި ހުންނަ ވެރިޔަކު މަޤާމުން ދުރުވުމާއިއެކު ނުވަތަ ދުރުކުރެވުމާއެކު، ޚިޔާނާތާއި، ފަސާދައާއި، މިނޫނަސް އެކިއެކި ޖިނާއީ ކުށްތަކުގެ ދަޢުވާކޮށް، ސިޔާސީ މައިދާނުން އެކަހެރިކުރެވުމަކީ، ރާއްޖޭގައި އަށަގެންފައި އޮތް ހުތުރު ސަޤާފަތެކެވެ. އަލަށް އަންނަ ވެރީންނަށް ފަހުން ނުރައްކަލަކަށް ވެދާނޭތީ، ކުރީގެ ވެރިޔާ މުޅި ނިޒާމުން އެކަހެރިކުރުމުގެ ހުތުރު މަސައްކަތް ކުރެވެމުންދިޔަކަމަށް ދިވެހި ތާރީޚް ހެކިދެއެވެ. އެހެންނަމަވެސް، އަޅުގަނޑު ރައީސުލްޖުމުހޫރިއްޔާކަމަށް އިންތިޚާބުވުމުން، ދިވެހި ތާރީޚުގެ މި ބާބުގައި އާ ސަފްޙާއެއް ލިޔުމަށް އަޅުގަނޑު ނިންމީމެވެ. ކުރީގެ ރައީސް އަލއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމްއަށް މި ޖައްވުގައި ހަމަޖެހުމުގެ ނޭވައެއް އެ ލެވެނީ އަޅުގަނޑު އެގޮތަށް އެކަން ގެންދިއުމަށް ނިންމުމުންކަން އިސްތިސްނާއެއްނެތި ދިވެހި އެންމެހައި ރައްޔިތުން ޤަބޫލުކުރައްވާނެއެވެ.

އަޅުގަނޑުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، އެތައް ދުވަހަކު އެތައް ގޮތަކަށް ތަކުލީފު ޖެއްސުމަށްފަހު، މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް، މުރާޖަޢާ ކުރައްވަންކަމަށް ވިދާޅުވެ، އެ ދަޢުވާ އަނބުރާ ގެންދަވައި، ފަހުން ކުރެއްވީ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއެވެ. ހަމަ އަޅުގަނޑާއެކު ސިފައިންގެ އިސްވެރިންގެ މައްޗަށް މި ދަޢުވާ ކުރައްވާފައިވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން މިއަދު މިދެކޭ މިނިވަންކަން ނަސީބުވެފައި މިއޮތީ ދިވެހި ސިފައިންގެ ބޭކަލުންގެ އެތައް ޤުރުބާނީއަކުންނެވެ. އެކަމުގެ އަގު ދައުލަތުން ވަޒަންކުރި ގޮތަކީ، ދިވެހިރާއްޖޭގެ ދިފާޢީ ބާރަކީ ޓެރަރިޒަމްގެ ޢަމަލު ހިންގާ ޖަމާޢަތެއްކަމަށް ދައްކުވައިދީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ބަދުނާމުކޮށް، އެ މުއައްސަސާގެ ޤަދަރާއި، ޢިއްޒަތް ގެއްލިގެން ދާނޭފަދަ ދަޢުވާއެއް ކުރުންކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ.

އަޅުގަނޑުގެ މައްޗަށް ކުރެވުނު ދަޢުވާއާ ގުޅިގެން މުޅި ދިފާއީ ބާރުގެ ޢިއްޒަތާ ކަރާމާތާއި، ދިވެހިންގެ އިތުބާރު އެ މުއްސަސާގެ މަތީން ގެއްލިގެން ނުދާނޭ ގޮތް ދިފާޢު ބިނާކުރުމަށް އަޅުގަނޑު މަސައްކަތްކުރީމެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ބާރަކީ ދިވެހިންގެ ސަލާމަތަށް ހުރި ނުރައްކަލެއްކަމުގައި ދައުލަތުން ދެކުމަކީ، މުޅި ދިވެހިރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށްވާއިރު، ބައިނަލްޢަޤްވާމީ ޖަމާޢަތްތަކުގެ ކުރިމަތީގައި ދިވެހިރާއްޖޭގެ ދިފާޢީ ބާރު ބަދުނާމުވެ، އެތައް ޤައުމަކުން ދިވެހިރާއްޖެއަށް ލިބެމުންދާ އަސްކަރީ އެހީތައް ހުއްޓިގެން ދިއުމަކީ އޭގެ ނުރައްކަލާ އަޅުގަނޑުމެން ކައިރި މުސްތަޤްބަލެއްގައި ކުރިމަތިލާންޖެހޭނޭކަމެއް ކމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ހަމައެކަނި އަޅުގަނޑާ އޮތް ސިޔާސީ ވާދަވެރިކަމެއްގެ ސަބަބުން، މުޅި ޤައުމުގެ ޢިއްޒަތާ ކަރާމާތް ވެއްޔާ މޮޑެލުމަކީ ޤައުމަށް ހެޔޮއެދޭ ބަޔަކު ކުރާނޭ ކަމެއް ނޫނެވެ.

ދައުލަތުން ދަޢުވާކޮށް، އަޅުގަނޑުގެ މައްޗަށް ކުރެވުނު ޝަރީޢަތަކީ ބޭއިންސާފުން ކޮށްފައިވާ ދަޢުވާއެކެވެ. ކުރިން ކޮށްފައިވާ ދަޢުވާއަށްވުރެ އަދަބު ބޮޑުވާނޭ ދަޢުވާއެއް ދިވެހި ދައުލަތުގެ ފަރާތުން އަޅުގަނޑުގެ މައްޗަށް އުފުލީ އަނިޔާވެރިވުމުގެ ނިޔަތުގައި ސިޔާސީ ސަބަބުތަކަށްޓަކައެވެ. ދައުލަތުން އަޅުގަނޑުގެ މައްޗަށް ޓެރަރިޒަމްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާކުރިއިރު، އެ މާއްދާގައި ބުނާ ކުށުގެ ޢަމަލު ފުރިހަމަވޭތޯ ބެލުމުގައި ބަލާނޭ ރުކުންތަކަކީ ކޮބައިކަން ބުނެދޭ އެއްވެސް ޤާނޫނެއް ދިވެހިރާއްޖޭގައި ހެދިފައި ނުވެއެވެ. ދަޢުވާ ސާފުކޮށް އެނގިގަތުމުގެ ޙައްޤަކީ ޤާނޫނުއަސާސީއިން އަޅުގަނޑަށް ލިބިދީފައި އޮންނަ ޙައްޤަކަށްވާއިރު، އެ ޙައްޤުގެ ތެރޭގައި އެ ދަޢުވާ ބިނާކުރާ އަސާސްތަކާއި، އަޅުގަނޑުގެ މައްޗަށް ކުރާ ކުށުގެ ޢަމަލުގެ ރުކުންތައް އަޅުގަނޑަށް އެނގުން ހިމެނޭނޭކަމަށް ދެކެމެވެ. އެހެންނަމަވެސް، އެ ދައުވާ  ކުރިއަށް ގެންގޮސް، ޙުކުމް ކުރުމާ ހަމައަށްވެސް، އަޅުގަނޑުގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އަޅުގަނޑަށް ސާފުކޮށް، ކިޔައިދެއްވާފައެއް ނުވެއެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ވެސް މިމައްސަލަ ކުރިއަށް ގެންދަވަނީ އާދަޔާ ޚިލާފް ބާރުމިނެއްގައެވެ. މިމައްސަލައިގެ ކުށުގެ ތުޙުމަތުން ދިފާޢުވުމަށް އަޅުގަނޑަށް އެކަށީގެންވާ ފުރުޞަތު ކޯޓުން އަޅުގަނޑަށް ދެއްވާފައެއް ނުވެއެވެ. އެތައް ސަތޭކަ ސަފްޙާއެއްގެ ބަޔާންތައް ކިޔައި، ތައްޔާރުވުމަށް ޝަރީޢަތުން އަޅުގަނޑުގެ ވަކީލުންނަށް ދިނީ 3 ދުވަހަށްވުރެ ކުރު ވަގުތުކޮޅެކެވެ. ވަގުތު އިތުރު ކޮށްދެއްވުމަށް އަޅުގަނޑާ އަޅުގަނޑުގެ ވަކީލުން ތަކުރާރުކޮށް އެދުމުންވެސް ކޯޓުން އެފުރުޞަތު ދެއްވުމަށް ވަނީ ކަނޑައެޅިގެން އިންކާރުކޮށްފައެވެ. އަދި މި ޝަރީޢަތް ކުރިއަށް ގެންދިއުމުގައި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި، 49 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއާއި، 52 ވަނަ މާއްދާއާއި، 53 ވަނަ މާއްދާއާއި، 54 ވަނަ މާއްދާއާއި، 57 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއާއި، 68 ވަނަ މާއްދާއާއި، 69 ވަނަ މާއްދާއާއި، 128 ވަނަ މާއްދާއާއި، 143 ވަނަ މާއްދާއާއި، 142 ވަނަ މާއްދާއާއި، 149 ވަނަ މާއްދާއާއި، 223 ވަނަ މާއްދާއާއި، 246 ވަނަ މާއްދާ ދަށުން ލިބޭ ރައްކާތެރިކަމާއި، މަންފާ އަޅުގަނޑަށް ލިބިދީފައެއް ނުވެއެވެ.

އަޅުގަނޑުގެ ދިފާޢުގައި އަޅުގަނޑު ހެކިންގެ ނަންތަކެއް ކޯޓަށް ހުށަހަޅައި، އެހެކީން ހާޟިރުކޮށްދިނުމަށް އެދިފައިވާނެއެވެ. އެހެންނަމަވެސް އެ ހެކިންގެ ހެކިބަހުން ދައުލަތުގެ ހެކި ނަފީ ނުކުރެވޭނެ ކަމަށް ބުނެ ކޯޓުން އެ ހެކީންވެސް ހާޟިރުކުރައްވާފައެއް ނުވެއެވެ. އަދި ކޯޓުން އަޅުގަނޑަށް ދިފާޢުއެއް ހުށަހެޅުމުގެ ފުރުޞަތުވެސް ދީފައެއްނުވެއެވެ. އަޅުގަނޑާމެދު އިންސާފުން މި ޝަރީޢަތުގައި ހިނގި ހަމަ އެއްކަމެއްވެސް ނެތެވެ. ކުށެއްގެ ތުޙުމަތުކުރެވި ދަޢުވާ އުފުލިފައިވާ މީހަކަށް ލިބެންޖެހޭނޭ ޙައްޤުތައް ޤާނޫނުއަސާސީގެ ސާފު ނައްޞާ އެއްގޮތަށް އަޅުގަނޑަށް ލިބިދެވިފައެއް ނުވެއެވެ.

މި މައްސައަކީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދާ ގުޅޭ މައްސައަކަށްވާއިރު، އަޅުގަޑުގެ ހޯމް މިނިސްޓަރާއި އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން އަބުދުއްﷲ މުޙަންމަދާއި ގުޅޭގޮތުން ކެނޑިނޭޅި ޝަކުވާތައް ދިޔައީ ލިބެމުންނެވެ. އަދި އާންމުންގެ ޝަކުވާތައްވެސް އެހައި ގިނައެވެ.

އެންމެ ފަހުގެ ޙާދިސާއެއްގެ ގޮތުގައި އަޅުގަޑަށް ޚަބަރުލިބުނީ ވަރަށްވެސް ހިތާމެވެރި ހާދިސާއެކެވެ. އެއީ، މީހަކު މެރުމުގެ ތުހުމަތުގައި ޖަލުގައި ހުރިމީހެއްގެ މައްސަލައާ ގުޅޭ ލިޔުމެއް ހޮސްޕިޓަލުން ނުލިބޭކަމަށް ބުނެ ޤާޟީ ޢަބްދުﷲ މުޙައްމަދު އެމީހާ ދޫކޮށްލުމުން، އޭނާ އެހެން މީހަކު މެރިކަމަށް ރިޕޯޓު ކުރެވުނު ހާދިސާއެވެ. ފުލުހުންނަށްވެސް އަދި ހޯމް މިނިސްޓަރަށްވެސް މިކަން ސިފަކުރެވުނީ ސީދާ ކޮންޓްރެކްޓް މެރުމެއްގެ ގޮތުގައެވެ. ވަޅިޖަހާ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، ވަޅިޖަހާ މީހާ އަށް ކޮންޓްރެކްޓް ދިން މީހާ މި ކޮންޓްރެކްޓްގެ ތެރޭގައި ޤާޟީ ޢަބްދުﷲ މުޙައްމަދުވެސް ހިމަނައި، ވަޅިޖަހާ މީހާ ދޫކޮށްލުން ޤާޟީ ޢަބްދުﷲ މުޙައްމަދުގެ ދައުރެއް ކަމުގައި ހަމަޖެއްސީއެވެ. އަޅުގަޑަށް މަޢުލޫމާތު ލިބުނީ ވަޅިޖަހާ މީހާ ދޫކޮށްލިއިރު އޭނާ އޭރުވެސް ހުރީ މީހަކުމެރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގަކަމެވެ. ޤާޟީ ޢަބްދުﷲ މުޙައްމަދު އޭނާ ދޫކޮށްލުމަށް ނިންމުމުން ދެން ފުލުހުންނަކަށް އޭނާ ހިފެހެއްޓޭކަށް ނެތެވެ. އޭނާ ނުކުމެ އެހެން މީހެއް ގަޔަށް ވަޅި ޖަހައި އެހެން މީހަކު މަރާލީއެވެ. މަރުގެ ތުޙުމަތުގައި ހައްޔަރުކުރެވޭ އެހެން މީހުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާއިރު، އެ މައްސަލައިގެ ތުޙުމަތު ކުރެވޭ މީހާ ދޫކޮށްލާފައިވަނީ ސީދާ އެ މަޤްސަދަށްޓަކައި ކަމަށް ފުލުންގެ އިދާރާއިން ދެކި، އެ މަޢުލޫމާތު އަޅުގަނޑަށް އެގޮތަށް ދީފައިވެއެވެ.

 

އަޅުގަޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގިނަފަހަރަށް ރާއްޖޭގައި މީހުން މަރަނީ ވަޅިހަރާ މީހާގެ ރުޅިވެރިކަމެއް އޮވެގެން ނެއް ނޫންނެވެ. ވަޅިހަރާމީހާ އަށް ފައިސާ ދީފައިވާތީ ކޮންޓްރެކްޓް ފުރިހަމަ ކުރުމަށެވެ. އަޅުގަނޑުމެންގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރއަށް މިކަން އަޅުގަޑަށް ސާފުކޮށްދިނުން ވަރަށް ފަސޭހަވިއެވެ. އެއީ، ރައީސް މައުމޫނުގެ ސަރުކާރުގައި ނުޙައްގުން އެތައްފަހަރަކު އަޅުގަޑުވަނީ ޖަލަށް ލާފައިހުރިއިރު ވަރަށް ގިނަ ބާވަތުގެ މީހުނާ އަޅުގަނޑާ ވަނީ ދިމާވެފައެވެ. އޭގެ އިތުރުން، މި މާލެ، އަޅުގަނޑުގެ މި އަތްތިލައިގެ ނާރުތައް ފަދައިން އަޅުގަނޑަށް އެގެއެވެ. ރާއްޖޭގެ ރައްތަކުގެ މަލަމަތި ފެނުނީމާ ރަށްތައްވެސް އެގެއެވެެ. އަޅުގަނޑުދެކޭގޮތުގައި ރާއްޖޭގެ ރައްޔިތުން އަޅުގަނޑު އެމީހުންގެ ވެރިއަކަށް ހެދީވެސް މި ސަބަބަށްޓަކައެވެ. އަޅުގަޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުން އަޅުގަނޑުކަހަލަ މާލޭގެ މެދުފަންތީގެ އާދައިގެ މީހަކަށް އެމީހުންގެ އެންމެ މަތީ ވަލީ ޙަވާލުކުރީ އެމީހުންގެ ވަރަށް ޒާތީ ކަންތައްތަކެއް ފުރިހަމަ ނުވެގެން، އެމީހުންނަށް ޙައްގު މިންވަރު ހޯދުމަށްޓަކައި މަސައްކަތް ކޮށްދިނުމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހި ފޮތްލިސްޓަށް އާދޭސް ކުރަން ނުޖެހި ވަޒީފާ އެއްގެ ފުރުސަތާއި އެކަށީގެންވާ އާމްދަނީ އަކާއި ރަނގަޅު ފުލެޓް އެއް ލިބި އަމާން ވެއްޓެއްގައި ތާހިރު ދިރުއުޅުމަށް ކުރާ އުއްމީދާ އެއްގޮތަށް އެކަންކަން ފަހިކުރުމަށްޓަކައެވެ. ދިވެހިރާއްޖޭގެ ބައެއް ފަނޑިޔާރުން ގެންދެވީ މި އުއްމީދަށް ހުރަސް އަޅަމުން، ކޮންޓެރެކްޓް ކިލިންގައި ބައިވެރިވެ ބައި އަޅަމުންކަމަށް، ފުލުހުންގެ ސިއްރު ތަޙްޤީޤްތަކަށް ވަނީ ހާމަވެފައެވެ. މީ ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި އަޅުގަޑަށް ވަރިހަމަ ކޮށްގެން ހުރެވޭން އޮތް ކަމެއްނޫނެވެ.

އެހެންކަމުން، ޤާޟީ ޢަބްދުﷲ މުޙައްމަދުގެ މައްސަލަ ތަޙްޤީޤްކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަޅުގަނޑު ދަންނަވާފައިވާނެއެވެ.

ކަމިޝަނަރަ އޮފް ޕޮލިސް އަރިހުގައި އަޅުގަނޑު އެއްވެސް ޙާލެއްގައި ދެންނެވީ ގާނޫނާއި ގަވާއިދާއި ޚިލާފަށް އެކަން ކުރުމަކަށްނޫނެވެ. ރާއްޖޭގައި ކަނޑައެޅިފައިވާ ގާނޫނީ ހަމަތަކުގެ ތެރެއިން އެކަން ކުރުމަށެވެ. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ،  ކަމާބެހޭ ފަރާތުގައި ވަކި ކަމެއްކުރާން ބުނުމުން ދެން އެކަމެއްހިންގާ ވުޒާރާތަކާއި އިދާރާތަކުން އެކަން ހިންގަން ޖެހޭނީ ގާނޫނީ ހަމަތަކުގެ މަތިންނެވެ. 2008 ވަނައަހަރުގެ ފަހުކޮޅުގައި އަޅުގަނޑު މާލީ ވަޒީރު އަރިހު ދިވެހި ދައުލަތުގެ އާމްދަނީ 6 ބިލިއަން ރުފިޔާއިން 11 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ދަންނަވާފައިވާނެއެވެ. އޭގެ މާނައަކީ އެ މަނިކުފާނު ސިފައިން ބޭނުން ކޮށްގެން ތަންތަން ލޫޓުވުމެއްނޫނެވެ.

ޤާޟީ ޢަބްދުﷲ މުޙައްމަދު އާއި ގުޅޭ އެންމެހާ ކަންކަންވެސް ހިގާ ދިޔައީ މިދެންނެވި ހަމައިންނެވެ. ގާނޫނާ ޚިލާފަށް ކަމެއްކުރާކަށް އަޅުގަނޑު ދުވަހަކުވެސް އެއްވެސް ފަރާތަކަށް އަމުރުކޮށްފައެއް ނުވާނެއެވެ. ތުޙުމަތުކުރެވުނު ކަންކަމުގެ ތަޙްޤީޤަށް ޤާޟީ ޢަބްދުﷲ މުހަންމަދު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފުލުހުން މަސައްކަތް ކޮށް، ހާޟިރުކުރެވޭ ގޮތް ނުވުމުން، އޭނާ ހާޟިރު ނުކޮށް ތަޙްގީގު ހިންގޭން އޮތް މިންވަރަށް ތަޙްޤީޤް ހިންގުނުއިރު، އެ ތަޙްގީގަށް ފެނުނީ ޤާޟީ ޢަބްދުﷲ މުޙައްމަދަކީ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައެވެ. މިވާހަކަ އަޅުގަނޑަށް އެންގުމުން އަޅުގަނޑު ދެންނެވީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކުން ސަލާމަތް ވުމަށް ކުރަން ހުރި ކަންކަން ކުރުމަށް އަޅުގަނޑު ހޯމް މިނިސްޓަރަށް އަންގާފައިވާނެއެވެ. އެއްވެސް އިރެއްގައި އެއްވެސް ބޭފުޅެއްގެ ގާތުގައި ވަކި ގޮތަކަށް ވަކިކަމެއްކޮށް، ވަކި ފިޔަވަޅެއް އެޅުމަށް އަޅުގަނޑު އަންގާފައެއް ނުވާނެއެވެ.

ޤާޟީ ޢަބްދުﷲ މުޙައްމަދު ގަދަބާރުން ތަނަކަށް ގެންދާކަށް އަޅުގަނޑު ނިންމާފައެއް ނުވާނެއެވެ. އަދި އެފަދަ ކަމެއް ކުރުމަށް އަމުރެއްވެސް ކޮށްފައެއް ނުވާނެއެވެ. ޤާޟީ ޢަބްދުﷲ މުޙައްމަދުއާ ގުޅޭ މައްސަލަތައް އަޅުގަނޑާ ހިސާބަށް އައުމުން އަޅުގަނޑު އަބަދުވެސް ކަންކުރަމުން ގެންދިޔަ އުސޫލަކީ ގާނޫނުގައި ވާ ގޮތުގެ މަތީން ފިޔަވަޅު އަޅާން ދައުލަތުގެ ކަމާ ބެހޭ ފަރާތް ތަކަށް އެންގުމެވެ. ބައެއްފަހަރު ޖުޑިޝަލް ސަރވިސަސް ކޮމިޝަނަށް އަނެއް ބައިފަހަރު ފުލުހުންގެ އިދާރާ އަށް، މައްސަލަ ހުށަހަޅާފައިވާނެއެވެ. މިކަންކަން މާރަގަޅަށް ފުލުސް އޮފީހުންނާއި ޖުޑިޝަލް ސަރވިސަސް ކޮމިޝަނުންނާއި އަދި ރައީސް އޮފީހުގެ ލިޔެކިޔުން ތަކުން ސާފުވާނެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރަން ނިންމިކަން ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ކޯޓަށް ހާޟިރުކުރެވުނު އެއްވެސް ހެއްކަކަށް އަޅުގަނޑު އެފަދަ އަމުރުކުރައްވާފައިނުވާކަމަށެވެ. އަދި އެފަދައިން އަމުރުކުރިކަމަށް އެހެންމީހަކުވެސް ބުނެފައިނުވާކަމަށާއި، އެފަދަ ލިޔުމެއްވެސް ފެނިފައިނުވާކަމަށެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ޝަރީޢަތަށް ހާޟިރުކުރެއްވުމުން ޝަރީޢަތުގައި ހެކިބަސް ދެއްވަމުން ވެސް ވިދާޅުވެފައިވަނީ، ސިފައިންގެ އިސް އޮފިސަރުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު  ހައްޔަރުކުރަން އަމުރުކުރެއްވީ އަޅުގަނޑު ކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ. މިއީ ތަޙައްމަލުކުރި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު އުފައްދަވާފައިވާ އޭނާގެ އަމިއްލަ ރަޢުޔެކެވެ. ނުވަތަ އަނިޔާ ލިބުނުފަރާތުން ޤަބޫލުކުރާ ގޮތެވެ. ފަހަރެއްގައި ޝަރުއީ ކޯޓެއްގައި ކަމެއް ސާބިތުކުރުމަށް ފުދޭ ފަދަ ހެކިބަހެއް ނޫނެވެ.

މިޝަރީޢާތަކީ އިންސާފުން ކުރިއަށްދާ ޝަރީޢަތެއް ނޫނެވެ. މައްސަލަ ބައްލަވާ ޢިއްޒަތްތެރި 3 ފަނޑިޔާރުން، އަޅުގަޑުގެ ގާތް ރަޙްމަތްތެރިންގާތު ފާޅުގައި ވިދާޅުވަމުން ދަނީ ތިމަންނާމެން ކުރެވޭނޭ ކަމެއް ނެތްކަމަށެވެ. މައްސަލައިގައި ގޮތެއް ނިންމުގެ އިޚްތިޔާރުނެތްކަމަށެވެ. ޙަގީގަތުގައި މި ބޮޑު ބޭ އިންސާފަށް ޒިންމާ ނަންގަވާން ޖެހޭނީ ހަމަަ 3 ފަނޑިޔާރު ބޭފުޅުންނެވެ. އަޅުގަޑަކީވެސް މި ރާއްޖޭގައި އުޅެބޮޑުވި މީހެކެވެ. ރާއްޖޭގެ ވަރަށްގިނަ ބަޔަކު އަޅުގަޑު ދަނޭ އަދި އަޅުގަޑަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ މި ރާއްޖޭގަ އާއި އަދި ބޭރު ދުނިޔޭގެ ވަރަށް ގިނަ ބަޔަކު އަޅުގަޑަށް ހެޔޮއެދޭކަމެވެ. ތިޔަ 3 ޢިއްޒަތް ތެރި  ފަނޑިޔާރުން އަޅުގަޑަށް ދޭ ބޭ އިންސާފަށް އިރާދަ ކުރެއްވިއްޔާ އިންސާފު ލިބޭނެއެވެ. އަޅުގަނޑަށް ހެޔޮ އެދޭ މީހުން އެ އިންސާފު އަޅުގަނޑަށް ހޯދައި ނުދީ ހަމަ ހިލާ ހުއްޓައެއްނުލާނެއެވެ.

ޝަރީއަތުގެ ނަމުގައި 3 ފަނޑިޔާރުން ހިންގެވީ ޗަރުކޭހެކެވެ. ކޯޓުގައި ހިގަނީ ޝަރީއަތެއް ކަމުގައި ދެކި، ކޯޓުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ މާނައެއް ނެތެވެ. އަޅުގަނޑު އެންމެ ފަހުވަގުތުވެސް މައްސަލަ ބައްލަވާ 3 ފަނޑިޔާރުންނަށް ދަންނަވާނީ ދުނިޔެއަށް ލަދުވެތިވާށެވެ. އާޚިރަތަށް ބިރުގަންނާށެވެ. މި ޗަރުކޭސް ހިންގުމުން ތިބޭފުޅުން ތަނާޒަލް ވެ ވަޑައިގަންނަވާށެވެ.

What do you think?

Name (required) :

Email (required) :

Website :