ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ޙުކުމް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިޢުނާފުކޮށްފައިވާކަމަށާއި، އެއިސްތިޢުނާފު ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް އެކޯޓުން އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް ހަމަޖައްސާފައިވާކަމަށާއި، އެއަޑުއެހުމުގައި ރައީސް މުޙަންމަދު ނަޝީދަށްވެސް ބައިވެރިވެޑައިގަތުމުގެ ފުރުސަތު އޮތްކަމަށް 2 ސެޕެޓްބަރު 2015 ގެ ތާރީޚު އޮތް ސިޓީއަކުން އެކޯޓުން އަންގަވާފައިވެއެވެ.
އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ އިސްތިޢުނާފުގައި ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ނުކުތާތަކެއްވެސް ހިމަނާފައިވާނެކަން ހައިކޯޓުގައި އެސިޓީގައި ބަޔާންކޮށްފައިވުމާއެކު، އިބްތިދާއީ އަޑުއެހުމުގެ ބައިވެރިވުމާމެދު ގޮތެއް ނިންމަވާ ހައިކޯޓަށް ޖަވާބެއް ދެއްވުމަށް 6 ސެޕްޓެންބަރުގެ މެންދުރުން އަނބުރާ 14:00 އާއިހަމައަށް ރައީސް މުޙަންމަދު ނަޝީދަށް ފުރުސަތު އޮތްކަމަށް އެސިޓީގައިވެއެވެ.
އެހެންނަމަވެސް އިބްތިދާއީ އަޑުއެހުމުގައި ބައިވެރިވުމުގެ ފުރުސަތުގެ ވާހަކައިން ފޮނުއްވި ސިޓީ ރައީސް މުޙަންމަދު ނަޝީދަށް ލިބިވަޑައިގެންފައިވަނީ 3 ސެޕްޓެންބަރުވީ ބުރާސްފަތި ދުވަހުކަމުގައިވާތީއާއި، ވިދިގެން އައި ދެދުވަހަކީ ހަފުތާ ބަންދު ދެދުވަސްކަމަށްވުމާއިއެކު، އެސިޓީއާމެދު ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ވަކީލުންނާ އެކަށީގެންވާގޮތެއްގެ މަތިން މަޝްވަރާކުރެއްވުމުގެ ވަގުތު ލިބިވަޑައިގެންފައެއްނުވެއެވެ. އެހެންކަމުން ހައިކޯޓުން ފޮނުއްވި ސިޓީއަށް ޖަވާބުދެއްވުމަށް އެމަނިކުފާނަށް ލިބިވަޑައިގެންފައި މިއޮތީ ރަސްމީ ބަންދު ދުވަސް ނުލައި 24 ގަޑިއިރަށްވުރެވެސް މަދު ވަގުތުކޮޅެއްކަން ފާހަގަކުރަމެވެ.
ކަންމިހެން ހުރުމާއެކު، ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިންނަވާ ގޮތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިޢުނާފުކޮށްފައިވާ މައްސަލައިގެ ލިޔެކިޔުންތައް އެމަނިކުފާނަށް ފޮނުވައިދީ، އެލިޔުންތައް އެމަނިކުފާނަށް ލިބިވަޑައިގަތުމުން އެލިޔެކިޔުންތައް ދިރާސާކުރުމަށާއި، އެމަނިކުފާނުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުގެ މެންބަރުން ހިމެނިވަޑައިންނަވާގޮތުން އެއިސްތިޢުނާފާމެދު ޤާނޫނީ ވަކީލުންނާއެކު މަޝްވަރާކުރުމުގެ ފުރުސަތު ދެއްވުންކަމުގައި ހައިކޯޓުގައި މިހާރު ވާނީ ދަންނަވާފައެވެ.
އަދި ދަންނަވަމަވެ. ރައީސް މުޙައްމަދު ނަޝީދަށް ހައިކޯޓުން ފޮނުއްވި ސިޓީއަށް ޖަވާބު އަރުވާފައިވަނީ އެ ސިޓީގެ ސައްޙަކަން ބެލުމަށް ފަހުގައެވެ.