ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު މާޅޮސްމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. ރަސްގެތީމްއަށެވެ. ރަސްގެތީމަށް ވަޑައިގަތުމުން ރަސްގެތީމުގެ ރައްޔިތުންވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް ނަޝީދު ރަސްގެތީމަށް ވަޑައިގެން ރެސްގެތީމްގެ ރައްޔިތުންނާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި ރަސްގެތީމަކީ ދިވެހި ތާރީޙްގައި ފާހަގަކޮށްލެވޭ ކޮއިމަލާގެ ރަށެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ޤައުމިއްޔަތު ހަޤީޤަތުގައި ދިރުވާނަމަ ދިރުވާންޖެހޭނީ މިރަށް ރަށުގެ ތާރީޚާއި އާދަކާދަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ރަސްގެތީމަށް ވަޑައިގަތުމުން އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރަސްގެތީމްގެ ކައުންސިލަރު ހުސެން ރަޝާދު ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
ރައީސް ނަޝީދު ރަސްގެތީމްގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ އަމާޒަކީ ރަސްގެތީމްގައި އެމްޑީޕީގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ހައުސިންގ ޔުނިޓްތަކެއް އެޅުން ކަމަށެވެ. ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރެވޭ ހައުސިންގ ޔުނިޓް ތަކަކީ ދިގުމުއްދަތުން ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. އަދި ޒުވާނުންގެ ހުނަރާއި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްގެ ދަށުން ޓާފް ދަނޑެއް ހެދުމަކީ އެމްޑީޕީގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.
އަދި ރަސްގެތީމްގައި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ސަރުކާރުން ނަރުދަމާ ގުޅުވުމަށް ބޭނުންވާ ފީ ނުވަތަ ކަނެކްޝަން ފީ އެމްޑީޕީ ސަރުކާރެއްގައި ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން މިހާރު ރައްޔިތުންނަށް ހުށަހަޅަމުންދާ ސިޔާސަތު ތަކުގެ މަޢުލޫމާތު ރަސްގެތީމްގެ ރައްޔިތުންނާ ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރީގެ އެންމެ ބޮޑު މަޤްޞަދަކީ އަސާސީ ޚިދުމަތްތައް ހޯދާ ދިނުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ގެސްޓް ހައުސްގެ ވިޔަފާރިން ރަށުގެ އާމްދަނީ އިތުރުވުމާއި ރަށުގައި ވަޒީފާގެ ފުރުޞަތުތައް އިތުރަށް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެމްޑީޕީގެ އެގްރިވިޔަފާރީގެ ސިޔާސަތަކީ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް ހައްދަމުންދާ ތަކެތި އެހެންފަރާތްތަކަށް ފަސޭހަ ކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އަދި އެގްރިބޯޓް ރަށަށް އައިސް ދަނޑުވެރި ކަމުގެ ގޮތުގައި އުފައްދާ ތަކެތި ގަނެ ވަގުތުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ހަލާކު ކުރާ ޕާޓީއެއް ނޫންކަމަށާއި އަދި ފުރުޞަތުތައް ހުއްޓުވާ ޕާޓީއެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު ރަސްގެތީމަށް ކުރެއްވި ޒިޔާރަތުގައި ރަސްގެތީމްގެ ރަށު ކައުންސިލްގެ އިދާރާއަށާއި ހެތްލް ސެންޓަރަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ސްކޫލަށް ޒިޔާރަތް ކުރައްވާ ޓީޗަރުންނާއި މުވައްޒަފުންނާ ބައްދަލު ކުރައްވާ އެމީހުންގެ ޚިޔާލާއި ޝުޢޫރު އަޑު އެއްސެވިއެވެ.
ރައީސް ނަޝީދު މިއަދު ދެން ވަޑައިގެންނެވީ ރ. އަނގޮޅިތީމަށެވެ. ރައީސް ނަޝީދު އަނގޮޅިތީމަށް ވަޑައިގަތުމުން އަނގޮޅިތީމްގެ ރައްޔިތުންވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް ނަޝީދު އަނގޮޅިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ބަޣާވާތުން ބަލިކޮށްލެވުނު ނަމަ އަނގޮޅިތީމަށް އަނެއްކާވެސް ފޮނުވާލީސް ކަމަށް ވިދާޅުވިއެވެ. އަދި އަނގޮޅިތީމަށް ފޮނުވާ ނުލެވުނީ ޙަޤީޤަތުގައި ބަޣާވާތުން ބަލިކޮށް ނުލެވުނީމާ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގައި އެންމެ ދަތި ދުވަސްތަކުގައި އަނގޮޅިތީމް މީހުން ރައްޔިތުން އެމަނިކުފާނު ބަލަހައްޓައި ދިނީ ނުހަނު ލޯތްބާއި އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އަނގޮޅިތީމްގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސް ނަޝީދު ހިތުގެ ފުންމިނުން ޝުކުރު އަދާކުރެއްވިއެވެ.
އެމްޑީޕީން މިހާރު ރައްޔިތުންނަށް ހުށަހަޅަމުންދާ ސިޔާސަތުތަކާއި ބެހޭގޮތުންވެސް ރައީސް ނަޝީދު އަނގޮޅިތީމް ރައްޔިތުންނަށް މައުލޫމާތު ޙިއްސާ ކުރެއްވިއެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި އަނގޮޅިތީމްގައި ސިނާޢީ ދަނޑުވެރިކަން ތަޢާރަފްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ އަނގޮޅިތީމް ރައްޔިތުން އަރިހުން ވޯޓް ވިއްކާ ނުލުމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަދު މުހިއްމީ 2000 ރުފިޔާއަށް ވޯޓް ވިއްކާލުމެއް ނޫންކަމަށާއި، މުހިއްމީ 2000 ރުފިޔާ ލިބޭނެ ސިޔާސަތުތައް ހަރުދަނާ ޢޫޞޫލުތަކަށް ވޯޓް ދެއްވުންކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ އަނގޮޅިތީމްގެ އެމްޑީޕީގެ ދޭތިން ފަހެތި ކެންޕެއިންގައި ހަރަކާތްތެރިވާ ޓީމްއާ ބައްދަލުކުރައްވާ ދޭތިން ފަހެތި ކެންޕެއިން ކުރިއަށްދާގޮތުގެ މައުލޫމާތު ހިއްޞާ ކުރެއްވިއެވެ.
ރައީސް ނަޝީދު އަނގޮޅިތީމްއަށްފަހު ދެން ވަޑައިގެންނެވީ ރ. ވާދޫ އަށެވެ. ރައީސް ނަޝީދު ރ. ވާދޫއަށް ވަޑައިގެންނެވުމުން ވާދޫގެ ރައްޔިތުންވެސްވަނީ ރައީސް ނަޝީދަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.
ރައީސް ނަޝީދު ރ. ވާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ރަށްތަކަށް ކުރިއަށް އޮތް 4 މަހަކީ ވަރަށް މުހިއްމު 4 މަސް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް އެކުލަވައިލައްވަމުން ގެންދަވަނީ ރައްޔިތުން ކައިރިއަށް ހިނގައިގެން ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިގެން ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ވަޒާފާގެ ފުރުޞަތު ހޯދައި ދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރ. ވާދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ސިޔާސަތު ހިންގަނީ ވަކިބަޔަކަށް ވަކި ޕާޓީއަށް ނޫން ކަމަށާއި އެމްޑީޕީގެ ސިޔާސަތު ތަކަކީ ހުރިހާ ރައްޔިތުންނަށް ހިންގާ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާގެ ފުރުޞަތުތައް ހޯދައި ދިނުމަށް ހިންގާން ޖެހެނީ ވިޔަފާރި ކަމަށާއި އެމްޑީޕީގެ ސިޔާސަތުތައް އަމާޒުވެފައި ހުންނާނީ ފުރުޞަތުތައް ފަހިކޮށް ދިނުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީން މިހާރު ރައްޔިތުންނަށް ހުށަހަޅަމުންދާ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ގެސްޓް ހައުސް އެޅުމުން ބޮޑު ކަންނެލި އޮޑިޔަކުން ލިބޭ ފައިދާއަށްވުރެ ބޮޑު ފައިދާއެއް ހޯދިދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވާދޫގެ ފަޅުގައިވެސް ފަޅުގޮވާން ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދީނީ އަޤީދާގެ ބަލިކަށިކަންވެސް ގުޅިފައިވަނީ ފަޤީރުކަމާއި ކަމަށާއި އެމްޑީޕީން އުޅެނީ މުއްސަނދި ރައްޔިތުންތަކެއް އުފެއްދުން ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ހުންނަރު ޕްރޮގްރާމް ހިންގާން ޖެހޭ ކަމަށް ވިދާޅުވިއެވެ. މައްސަކަތްތެރިންގެ ޙައްޤުތައް ހޯދާދޭން ޖެހޭ ކަމަށާއި މަސައްކަތްތެރިޔާއަށް ދެވޭނޭ އެންމެ ކުޑަ އުޖޫރައެއް އެމްޑީޕީގެ ސަރުކާރެއްގައި ކަނޑައަޅާނެ ކަމަށް ވިދާޅުވިއެވެ.
ވާދޫއަށްފަހު ރައީސް ނަޝީދު ދެން ވަޑައިގަތީ ރ.އަލިފުށްޓަށެވެ. އަލިފުށީން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި އަލިފުށީގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމްޑީޕީގެ އަމާޒަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުޞޫލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުން ކަމަށާއި ލިބިފައިވާ ޤުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ ހަރަކާތްތައް ހިންގާން ޖެހޭ ކަމަށް ވިދާޅުވިއެވެ.