ދިވެހިރާއްޖޭގެ ތަރައްޤީގައި ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭ ސިޔާސީ ނިޒާމަކީ އެމްޑީޕީގެ ބުރަ މަސައްކަތް ކަމަށާއި ދިވެހިރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ އެމްޑީޕީގެ ތަރަޙައިގެ މަތީގައި ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ދިވެހިރާއްޖޭ ދެކެމުންމިދާ ބަދަލަކީ ތަރައްޤީގެ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭ ނިޒާމެއް ތަޢާރަފް ކުރެވި އެނިޒާމް ރާއްޖޭގައި ހިނގަމުންދިއުމުގެ މަސައްކަތް ކަމަށާއި އެނިޒާމު ދިވެހިރާއްޖެއަށް ތަޢާރަފް ކުރީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ބުރަ މަސައްކަތުން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

“ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ދިވެހިރާއްޖެއަށް ތަޢާރަފް ކުރީ މިޕާޓީގެ ފިކުރުގައި. މިއަދު އެހެން އެއްވެސް ޕާޓީއަކަށް ވަކާލާތު ނުކުރެވޭނެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ އެއީ އެބޭފުޅުންގެ ފިކުރެކޭ” އެމްޑީޕީއާއި ސިޔާސީ ވާދަވެރި އެހެން ޕާޓީތަކަށް ނިސަބަތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިފަދަ ސިޔާސީ ނިޒާމަކީ ދިވެހިރާއްޖެއަށް އެކަށީގެންނުވާ ނިޒާމެއްކަމުގައި އެމްޑީޕީޢާއި ސިޔާސި ވާދަވެރިން އެއިރު ބުނަމުން ދިޔަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ކުރި މަސައްކަތައް ހުރަސް އަޅައި އެމަސައްކަތުގައި އުޅުނު އެންމެންނަށް ނުހަނު ބޮޑެތި އަނިޔާކޮށްފައިވާކަމަށާއި އަދި ޓެކްސްގެ ނިޒާމް ފަދަ ސިޔާސަތުތަކާ ގުޅޭގޮތުންވެސް ވާދަވެރިން ބުނަމުން ދިޔައީ އެއީ ދިވެހިރާއްޖެއަށް ކުރެވޭނެ ކަމެއްނޫން ކަމަށާއި ކޮށްގެންވެސް ވާނެ ކަމެއްނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމާއި އިޖްތިމާޢީ ރައްކާތެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެމްޑީޕީން ދިވެހިރާއްޖެއަށް ތަޢާރަފް ކުރި ފިކުރު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “މިހާރު މިކުރަމުން މިދާ އެންމެހައި މަސައްކަތަކީ، މައިގަނޑު ތަރަޙައަކީ، މައިގަނޑު އަސާސަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ. މިރާއްޖެ މިއަދު މިސްރާބު ޖަހާފައި މިއޮތީ އެމްޑީޕީގެ ތަރޙައިގަ” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު ދިވެހިރާއްޖެ ބަދަލުވެފައިމިވާ މިންވަރަށް ބަލައި ވިސްނައިފިނަމަ މިހާރު ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައްވެސް ވަކާލާތު ކުރަމުން ދަނީ އެމްޑީޕީގެ ފިކުރުގައި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “މިއަދުގެ ވިސްނުމުގެ އެންމެހައި އިންތަކަކީ، މިންތަކަކީ ތަރަޙައަކީ އަޅުގަނޑުމެން ބިނާކުރި އިންތަކެއް ތަރަޙަތަކެއް. މިރާއްޖޭގެ މިސްރާބު ބަޔާން ކުރާނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ” ރައީސް ނަޝީދު ވިދާޅުވިއެވެ.

އަލިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީއަށާއި ބަދަލަށް އެންމެ މުހިއްމީ ފަޤީރުކަމުން އަރައިގަތުން ކަމުގައެވެ. 2008 ވަނަ އަހަރު ދިވެހިރާއްޖޭގައި އާބާދީގެ 1/3 މީހުންނަކީ އދ.ގެ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި 2008 ވަނަ އަހަރުގައި އެމްޑީޕީން ހުށައެޅީ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމާއި، ދޮށީއުމުރުގު މީހުންނަށް ޕެންޝަން ދިނުމާއި އެކަނިވެރި މައިންނަށާއި ޔަތީމު ކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާށާއި އެހީތެރިވުަމަށާއި ރައްޔިތުންނަށް ބޭސްފަރުވާ ކުރާނެ ނިޒާމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގައި ތަޢާރަފް ކުރި ޓެކްސްގެ ނިޒާމާއެކު ދައުލަތުގެ އާމްދަނީ އިތުރުވެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ހިންގާން ފެށުނުކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި އެމްޑީޕީގެ އަމާޒަކީ ތަރައްޤީގެ މަސައްކަތް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ތަރައްޤީގެ މަސައްކަތަކީ ވިޔަފާރި ކުރިއެރުވުމާއި ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުން ކަމަށާއި އެކަން ކުރެވޭނީ ވިޔަފާރި ކުރިއަރުވަގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ ތަރައްޤީގެ ނާރެހާއި އަސްލަކީ ޢާއިލާކަމުގައެވެ. “ރަނގަޅު ޢާއިލާއެއް ބިނާ ކުރެވިގެންނޫނީ ތަރައްޤީއެއް ހޯދައިނުދެވޭނެ” ރައީސް ނަޝީދު ވިދާޅުވިއެވެ. ރަނގަޅު ޢާއިލާއެއް ބިނާކުރުމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ހޯދައިދޭންޖެހޭ ކަމުގައި ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ދައުރަށް އެމްޑީޕީން ހުށައަޅާ ސިޔާސަތުތަކަކީ ހިތްހަމަޖެހިގެން ދިރިއުޅުން ބިނާކުރެވޭނެ ސިޔާސަތުތަކެއްކަމުގައެވެ.

އެމްޑީޕީގެ ވިސްނުމަކީ ރައްޔިތުމީހާގެ ތަރައްޤީކަމަށާއި ދައުލަތެއްގެ ބެނުމަކީ ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހެދުމަށް ވިސްނުން ހުޅުވާންޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރުގެ ސަރުކާރުން ބޭރުގެ ޤައުމުތަކާ ދިވެހިރާއްޖެއާ ދެމެދުގައިވާ ގުޅުން ހަރާބުކޮށްފައިވާކަމަށާއި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅިފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިގޮތުގައި ދެމިތިބެންވެއްޖެނަމަ ދިވެހިރާއްޖެ މިދަނީ ކަނުބަނދެވިގެން ތިބެ އަނދަވަޅަކަށް ވެއްޓެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަށް އެކަހެރި ޤައުމެއްގެ ގޮތުގައި ތިބެވެން ނެތް ކަމުގައިވެސް ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :