ރައީސް ނަޝީދު ރ. އަތޮޅު ހުޅުދުއްފާރު، އުނގޫފާރު، މާކުރަތު އަދި މަޑުއްވަރީއަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. ހުޅުދުއްފާރު، އުނގޫފާރު، މާކުރަތު އަދި މަޑުއްވަރީއަށް ވަޑައިގަންނަވައިފިއެވެ.

މިއަދު ހެނދުނު އަލިފުށީގައި އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ މަސައްކަތް ކުރިއަށް ގެންދާ ޓީމާ ބައްދަލުކުރައްވިއެވެ. އަދި އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދޮރުން ދޮރަށް ހިންގެވިއެވެ.

ރ. އަލިއްފުއްޓަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ރ. ހުޅުދުއްފާރަށެވެ. ރައީސް ނަޝީދު ހުޅުދުއްފާރަށް ޒިޔާރަތް ކުރެއްވުމުން ހުޅުދުއްފާރުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް ނަޝީދު ހުޅުދުއްފާރަށް ވަޑައިގެން އެމްޑީޕީ ހަރުގޭގައި ބޮޑު ދިދަ ނަންގަވައިދެއްވިއެވެ. އަދި އެއަށްފަހު ހުޅުދުއްފާރު ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމްޑީޕީގެ ސިޔާސަތުތަކާއި ބެހޭ މައުލޫމާތު ދެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ މިހާރު ފެންނަމުން މިދާ މަންޒަރަކީ ރަށްރަށުގެ ކައުންސިލަރުންނާއި ރައްޔިތުން އެމްޑީޕީއާއި ގުޅިގެންދާ މަންޒަރު ކަމަށެވެ. އަދި ރައީސް މަޢުމޫނު ސިޔާސީ މައިދާނަށް ދުރަށް ވަޑައިގަތުމުން އެމަނިކުފާނަށް ތާޢީދު ކުރެއްވި އެތައް ރައްޔިތުންނެއް އެމްޑީޕީއާ މިހާރު ގުޅެމުންދާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ހުށަހަޅަނީ މިރާއްޖެއާއިމެދު ރައްޔިތުންގެ އުއްމީދުކަމަށާއި ސިޔާސީ ޕާޓީ އުފެއްދި ވެރިކަމަކީ ހަމައެކަނި އެމްޑީޕީގެ ފިކުރެއް ކަމަށް ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެ ކަންކަން ކުރަމުން އަންނަ ގޮތަށ ކުރިއަށްގޮސްގެން ތަރައްޤީ ނުހޯދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި މިފަހަރުގެ އިންތިޚަބްގައި އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް ވަރަށް ބޮޑު ވޯޓެއް ލިބޭނެ ކަމަށާއި މި ލިބޭ ބޮޑު ވޯޓާއެކު އުފުލަން ޖެހޭ ޒިންމާވެސް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ ތިންފޫޓް ފިޔަވަޅުގައި މި ކުރަމުންދާ ކެންޕޭނަށްވުރެ ބޮޑު މަސައްކަތެއް މާދަމާ ކުރަން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ.

ހުޅުދުއްފާރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީއާއި ދިމާއަށް ފާޑުފާޑުގެ އިލްޒާމުތައް ސިޔާސީ ވާދަވަރިން އަޅުވަނީ މި ނިޒާމަށް އެމީހުން ބީރަށްޓެހިވީމަ ކަމަށް ވިދާޅުވިއެވެ. އަދި ބަޣާވަތް ގެނެވުނީ އެމްޑީޕީން ޓެކްސް ނިޒާމް ޤާއިމް ކުރީމަ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅޭނެ ގޮތް އެބަ އޮތް ކަމަށެވެ. އަދި ފަޅުރަށްތައް އެގޮތުގައި އޮތަސް އެފަޅުރަށުގެ ގުދުރަތީ މުއްސަނދިކަމަކުން ލިބޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ. އަދި ފަޅުރަށުން މުއްސަނދިކަން ލިބޭނީ އެމުއްސަނދިކަން ހޯދަން އުޅުމުން ކަމަށެވެ. އަދި ޙަޤީޤީ ތަރައްޤީ އަކީ އަޅާ ކޮންކްރީޓެއް ނޫން ކަމަށާއި ހަޤީޤީ ތަރައްޤީ އަކީ އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުން ލިބޭ އެއްޗެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މިހާރު ރައްޔިތުންނަށް ހުށަހަޅަމުންދާ ސިޔާސަތާއި ބެހޭ މައުލޫމާތުވެސް ރައީސް ނަޝީދު ހުޅުދުއްފާރު ރައްޔިތުންނާ ހިއްސާ ކުރެއްވިއެވެ. އަދި ހުޅުދުއްފާރު ހުރިހާ ޒުވާނުންނަށް އެމްޑީޕީ ސަރުކާރުގައި ވަޒީފާ ހޯދައިދެވޭނެކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން އެމްޑީޕީ ވެރިކަމަށް އިންތިޚާބުކުރިއިރުގެ ދައުލަތުގެ އާމްދަނީއަކީ 6 ބިލިއަން ކަމަށާއި އެމްޑީޕީގެ 3 އަހަރު ދުވަހުގެ ސަރުކާރުގައި 12 ބިލިއަން ރުފިޔާއަށް ދައުލަތުގެ އާމްދަނީ މަތިކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންސާފާއި ތެދުވެރިކަމާއި ވަފާތެރި ކަމަކީ ބަޣާވާތާ ގުޅިފައިވާއެއްޗެއް ނޫންކަން ދިވެހި ރައްޔިތުންނަށް ސާފުވާކަމަށާއި އަދި ޤައުމިއްޔަތަކީވެސް އަނިޔާވެރިކަމާ ޚިޔާނާތާއި ގުޅިފައިވާ އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ. ޤައުމިއްޔަތަކީ ތެދުވެރިކަމާއި އަމާނާތް ތެރިކަމާއި ގުޅިފައިވާ އެއްޗެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ދެން ވަޑައިގެންނެވީ ރ. އަތޮޅު އުނގޫފާރަށެވެ. ރ. އުނގޫފާރަށް ރައީސް ނަޝީދު ވަޑައިގަތުމުން އުނގޫފާރުގެ ރައްޔިތުން ވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ރ. އުނގޫފާރު ރައްޔިތުންނާއި މިއަދު ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު ތަންފީޒު ކުރަން ފެށި ސިޔާސަތަކީ ރާއްޖޭގެ ރައްޔިތުން ފަގީރުކަމުން އަރައިގަތުމަށް ތަންފީޒު ކުރެވެން ފެށުނު ސިޔާސަތުތަކެއް ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެއްފަސް ކުރުމުގެ ބޭނުމަކީ އާބާދީތައް ގުޅުވުން ކަމަށާއި އެމްޑީޕީގެ ދަތުރުފަތުރުގެ ސިޔާސަތަކީވެސް އާބާދީތައް ގުޅުވުން ކަމަށެވެ. އަދި ދަތުރުފަތުރާއި ނުލައި ތަރައްޤީއެއް ރާއްޖެއަށް ނުގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމްގެ އަސާސަކީ ވަޢުދުވުން ކަމަށާއި އެމްޑީޕީން ވަކާލާތު ކުރަނީ ވެރިކަމެއް ކުރަންވާނީ ވައުދުތަކެއް ވެގެން ކަމަށެވެ. އަދި އެމްޑީޕީއަކީ ވަޢުދުވާ އަދި ވަޢުދު ފުއްދާ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން ޓެކްސްގެ ނިޒާމަކީ ބޮޑު ހެޔޮ ބަދަލެއް ކަމަށާއި ޓެކްސް ނިޒާމްގެ ޓެކްސްތައް ނެގުމުގެ އިންތިޒާމް ހަމަޖައްސަމުންދާ އިދާރާ،މީރާއަކީ ރާއްޖެ ދުށް އެންމެ ބޮޑު އެއްބަދަލު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލް ރަނގަޅު ފެންވަރުގެ ބޮޑު ހޮސްޕިޓަލެއްގެ ގޮތުގައި އެމްޑިޕީ ސަރުކާރުން ތަރައްޤީ ކުރާނެ ކަމަށާއި އަދި އެމްޑީޕީން ބޭނުންވެގެން މިއުޅެނީ ފިނިހަކަ ދުވެލީގެ ނޫނިއްޔާ ކަނހަބުގެ ދުވެލީގެ ތަރައްޤީ ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން ފެށި އިޖްތިމާޢީ ރައްކާތެރި ކަމުގެ ސިޔާސަތާއި ބެހޭގޮތުންވެސް ރައީސް ނަޝީދު އަލިއަޅުއްވައި ލެއްވިއެވެ. އެމްޑީޕީން މި ފެންނަނީ މާ ފައްކާ މާ ސަޅި ގޮތެއް ކަމަށް ވިދާޅުވިއެވެ. އެމްޑީޕީން މި ފެންނަނީ ވަޒީފާގެ ފުރުޞަތާއި ވިޔަފާރީގެ ފުރުޞަތުތައް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީން މި ހުށައަޅަނީ އަރާމުގައި އާއިލާ އާއިއެކު އުޅެވޭނެ ގޮތެއް ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ އަމާޒަކީ އުނގޫފާރުގެ ހުރިހާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކަން އިތުރުކޮށްދީ އެޒުވާނުންނަށް ވަޒީފާ ހޯދާދިނުން ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކަމަށްޓަކައި ގެސްޓް ހައުސް ވިޔަފާރި އަކީވެސް އަދި އެމްޑީޕީން ހުށަހަޅަމުން މިދާ އެހެން ސިޔާސަތު ތަކަކީވެސް މުހިއްމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އުނގޫފާރުގައި އެމްޑީޕީގެ ކެމްޕެއިން ޓީމާ ބައްދަލުކުރައްވައި ދޭތިން ފަހެތި ވަރކްޝޮޕް ހިންގަވައިދެއްވިއެވެ.

ރައީސް ނަޝީދު އުނގޫފާރަށް ފަހު ދެން ރައީސް ވަޑައިގެންނެވީ ރ. މާކުރަތަށެވެ. މާކުރަތުގައިވެސް ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ.

އެމްޑީޕީގެ ސިޔާސަތުތަކީ ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭނެ ސިޔާސަތުތަކެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިސިޔާސަތުތަތަކުގެ އަމާޒަކީ ފަޤީރުކަމުން އަރައިގަތުން ކަމުގައި ވިދާޅުވިއެވެ. އެމްޑީޕީގެ އަމާޒަކީ ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ދިވެހީންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފަޅުގޮވާމާއި ދަނޑުގޮވާމާއި ދިވެހިރާއްޖޭގެ ޤުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން އާމްދަނީ އިތުރކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހިރައްޔިތުން އަބަދުވެސް އެދިއެދި ތިބީ ރައްޔިތުންގެ ވެރިކަމެއް އުފެއްދުމަށް ކަމަށާއި ފުލުހުންގެ ވެރިކަމެއް އޮތުމަށް ދިވެހިރައްޔިތުން ނޭދޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު ދިވެހިން ދެކެމުން މިއަންނަ ބަދަލުތައް ރައްޔިތުން ބަލައިގަނެފައިވާކަމަށާއި މިނިޒާމުގެ ސަބަބުން އަބަދުވެސް ތަރައްޤީގެ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން ޔަޤީން ކުރާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ވޯޓު ފައިސާއަށާއި، އަދިވެސް އެހެނިހެން ތަކެއްޗަށް ވޯޓު ވިއްކާނުލުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ. އަދި ވޯޓަކީ ދަރިންގެ ދަރިންގެ މުސްތަޤްބަލް ކަމަށާއި ވޯޓުގެ ބޭނުންކޮށް ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ތަނަވަސްކަން ލިބޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ލަމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރުކަމަށާއި މިހާރު މިނިޒާމު ހަލާކުކޮށް ބާރު ނައްތާލަން މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި މާކުރަތުގެ ބިންތައް ރަށު ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނާ މުޚާތަބު ކުރެއްވުމަށްފަހު މާކުރަތުގެ ބަނދަރުމަތީގައި އޮޑިދޯނިފަހަރުތަކަށް ސާފު ފެން ފޯރިކޮށްދޭ ނިޒާމު ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވިއެވެ. އަދި މާކުރަތުގެ އެމްޑީޕީ ކެމްޕެއިން ޓީމާ ބައްދަލުކުރެއްވިއެވެ.

މާކުރަތަށްފަހު ރައީސް ނަޝީދު ވަޑައިގެންނެވީ ރ. މަޑުއްވަރީއަށެވެ. މަޑުއްވަރީން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މިރޭ މަޑުއްވަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :