ޞިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިއަދު އައްޑޫ ސިޓީގެ ހިދަތޫ ރޯމާ ގޭގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ބަލިމީހާ އާއި އޭނަގެ އާއިލާ ގޮތް ހުސްވާން ދޫކޮށްނުލުން ކަމުގައި ކަމަށެވެ. އަދި ގަރުބަ ގަތީއްސުރެ އެންމެ ފަހާޖެހެންދެންވެސް އަޅާލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުން ޤާއިމްކުރި އާސަންދަ އޭގެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ހެލްތު ދާއިރާގެ މީހުން ބިނާ ކުރުމަށް މިއަދު އިންވެސްޓް ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި އެމްޑީޕީގެ އަމާޒަކީ 2000 ޑޮކްޓަރުން ތަމްރީނުކޮށް ބިނާ ކުރުން ކަމަށެވެ. އަދި ސްޕެލަލިސްޓް ޑޮކްޓަރުން ބިނާ ކުރުމަކީވެސް އެ ޕްރޮގްރާމްގެ ތެރޭގައި ހިމެނިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ސިއްޙަތާގުޅޭ ސިޔާސަތު އިފްތާޙް ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި ނުވަތަ ކޮމިއުނިޓީ ތަކުގައި އެހީތެރިވާނެ ހެލްތް އެކްޓިވިސްޓުން ތަމްރީނުކޮށް ތަޢާރަފް ކުރުން ކަމަށާއި، މި ހެލްތް އެކްޓިވިސްޓުން މެދުވެރިކޮށް ބަލިވުމުގެ ކުރީން ނުވަތަ ބަލިވުމަށްފަހު ބަލިމީހާއަށް ނޫނީ ބަލި މީހާގެ އާއިލާއަށް އެހީތެރިކަން ފޯރު ކޮށްދިނުން ކަމަށެވެ. އަދި ސިއްޙީ ޚިދުމަތްދޭ ތަނުގެ ތެރެއިން ޢާއްމު ބޭސްތައް ލިބެން ހުރުމަކީ މި ސިޔާސަތުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ސިއްޙަތާއިބެހޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” އިފްތިތާޙް ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލް ޤާއިމްކޮށް ރާއްޖޭގެ އެހެން ސަރަޙަށްދުތަކުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަކި އެމްޑީޕީގެ ސިޔާސަތެއް ކަމުގައެވެ.
ކުޑަކުދިންގެ ނިއުޓްރިޝަން ޕްރޮގްރާމް އާއި އެފަދަ އެހެން ޕްރޮގްރާމްތައް ލާމަރުކަޒީ އުޞޫލުން ބާރަށް ހިންގުމަކީ މުއްހިއްމު ކަމެއް ކަމަށާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ މުއައްސަސާއެއް ޤާއިމް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ހެލްތް ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމާއިހަމަށް ދާންދެން” އިފްތިތާޙް ކުރުމަށް މިއަދު އައްޑޫ ސިޓީގެ ތިން ގެއަކަށް ރައީސް ނަޝީދު ވަޑައިގަތެވެ. އަދި އެގޭގެ ތަކުގެ އާއިލާ ތަކުން ކުރެއްވި ސުވާލު ތަކަށް އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދު ޖަވާބު ދެއްވިއެވެ.