ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ބުރުނި، ގުރައިދޫ އަދި ވިލުފުއްޓަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ކުރައްވާނެ ކަންކަމާއި އަދި ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭން ކުރައްވާ ހަރަކާތްތެރިންނާ ބައްދަލުކުރެއްވުމެވެ.
މިއަދު އެންމެ ފުރަތަމަ ރައީސް ނަޝީދު ވަޑައިގެންނެވީ ތ.ބުރުންޏަށެވެ. ބުރުނީގައި ރައީސް ނަޝީދު އެރަށުގެ ސްކޫލް ޕީޓީއޭއާއި ބައްދަލުކުރެއްވިއެވެ. އަދި އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވައި އެމްޑީޕީގެ ދިދައެއް ނަންގަވައިދެއްވިއެވެ. އަދި އެމްޑީޕީއަށް ތާޢީދު ކުރައްވާ ގިނަ ޢަދަދެއްގެ ރައްޔިތުން ރައީސް ނަޝީދުގެ ހާޒިރުގައި އެމްޑީޕީއަށް ސޮއި ކުރެއްވިއެވެ.
ބުރުންޏަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ތ. ގުރައިދޫއަށެވެ. އެރަށުން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ގުރައިދޫގައިވެސް ރައީސް ނަޝީދު އެމްޑީޕީގެ ދިދަ ނަންގަވައިދެއްވިއެވެ. އަދި އެމަނިކުފާނުގެ ހާޒިރުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.
ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ތ.ވިލުފުއްޓަށެވެ. ވިލުފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ ރައްޔިތުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވިއެވެ.
މިރޭ ވިލުފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.