ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ދިޔަމިގިލި، މަޑިފުށި، ގާދިއްފުށި އަދި ކިނބިދޫއަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ދިޔަމިގިލި، މަޑިފުށި، ގާދިއްފުށި އަދި ކިނބިދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ސިޔާސަތުތައް ހުށައަޅުއްވައި، ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭންގައި މަސައްކަތް ކުރައްވާ ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމެވެ.

މިއަދު އެންމެ ފުރަތަމަ ރައީސް ނަޝިދު ވަޑައިގެންނެވީ ތ. ދިޔަމިގިއްޔަށެވެ. ދިޔަމިގިލިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ދިޔަމިގިލީގައި ރައްޔިތުންނާއި ބައްދަލުކުރައްވަވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ބަލިވީމާ ބޭނުންވަނީ އަޅާލާނެ މީހެއްކަމަށާއި އަދި މިފަހަރުގެ އެމްޑީޕީގެ ސިއްޙަތާއި ބެހޭ ސިޔާސަތުގައި ހެލްތް އޭޖެންޓުން ހިމެނޭނެ ކަމަށެވެ، އަދި ދަރިއެއް ލިބުމުން އަންހެން ކުއްޖާ ގޭގައި ކޮންމެހެން ހުންނަން ނުޖެހޭކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާގެ ފުރުސަތު އަންހެނުންނަށް ހޯދައިދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންނާއި ބައްދަލުކޮއްލެއްވުމަށްފަހު އެމްޑީޕީއަށް ތާއީދުކުރާ ގިނަ ރައްޔިތުންތަކެއް ރައީސް ނަޝީދުގެ ޙާޒިރުގައި އެމްޑީޕީއަށް ސޮއި ކުރައްވިއެވެ. ދިޔަމިގިއްޔަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި ދިޔަމިގިލި އެމްޑީޕީ ހަރުގެ ހުޅުވައިދެއްވިއެވެ. އަދި ދިޔަމިގިލީ އެމްޑީޕީ ކެމްޕޭން ޓީމާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

ދިޔަމިގިއްޔައްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ތ. މަޑިފުށްޓަށެވެ. މަޑީފުށިންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މަޑިފުށީގައި އެމަނިކުފާނުވަނީ ގޮނޑުދޮށް ގިރާ ސަރަހައްދު ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ދެން ވަޑައިގެންނެވީ މަޑިފުށީ އަންހެނުންގެ ޖަގަހަ ހުޅުވައިދެއްވުމަށެވެ. އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ނަޝީދު މަޑިފުށީ ވަގުތީ ހިޔާއަށް އަލިއަޅުއްވާލައްވާ  ދެއްކެވި ވާހަކަފުލުގައި ވިދާޅުވީ މަޑިފުށްޓަށް އާދެވުމުން ލިބޭ ހިތްހަމަޖެހުމަށް ވުރެ ކަންބޮޑުވުން ބޮޑު ކަމަށެވެ. ސަބަބަކީ ސުނާމީއަށްފަހު ވަގުތީ ހިޔާގައި އަދިވެސް 42 އާއިލާ ވާތީކަމަށް ފާހަގަ ކުރެއްވިއެވެ. މަޑިފުށިން އެމަނިކުފާނު ފުރާ ވަޑައިގަތުމުގެ ކުރިން އެރަށު ކެމްޕޭން ޓީމާ ބައްދަލުކުރެއްވިއެވެ.

 ދެން ރައީސް ނަޝީދު ވަޑައިގެންނެވީ ތ. ގާދިއްފުށްޓަށެވެ. ގާދިއްފުށިން ވެސް އެމަނިކުފާނަށް ވަރަށް ބޮޑު ތަރުހީބަކާއި ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ގާދިއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވަވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ރީތިކަމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. “ގެސްޓް ހައުސް ވިޔަފާރިއަށް ގާދިއްފުށްޓަކީ ވަރަށް ރީތި ރަށެއް” ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގާދިއްފުށީގައި ގެސްޓް ހައުސް އެޅުމަށް ހިލޭ އެހިވެސް ދެވޭނެ ކަމަށާއި އަދި ލޯނު އެހީވެސް ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގާދިއްފުށިންވެސް ވަނީ ގިނަ ރައްޔިތުން ތަކެއް އެމްޑީޕީއަށް ސޮއި ކޮއްފައެވެ.

 ގާދިއްފުށްޓަށް ފަހު ދުވަހުގެ ފަހު މަންޒިލެއްގެ ގޮތުން ދެން ރައީސް ނަޝީދު ވަޑައިގެންނެވީ ތ. ކިނބިދޫއަށެވެ. ކިނބިދޫއިން ވެސް އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

 މިރޭ ކިނބިދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :